ވާހަކަ ދެއްކުމުގެ މުބާރާތް ވިޔަފާރިއަކަށް!

ވާހަކަ ދެއްކުމުގެ މުބާރާތުގައި ދަރިވަރަކު ވާހަކަ ދައްކަނީ--- ފޮޓޯ: ބަހުގެ އެކަޑެމީ

މީގެ އަހަރުތަކެއް ކުރިއަށް ބަލާލާއިރު ކޮންމެ ސްކޫލެއްގައި ވެސް ކުޅަދާނަ ވާހަކަ ދެއްކުންތެރިންތަކެއް ނުވަތަ އަދަބިއްޔާތައް ކުޅަދާނަ ކުދިންތަކެއް އުޅެ އެވެ. އެ ކުދިންނަކީ ސްކޫލު ނިމި އަމަލީ މައިދާނުގައި ނަން ވިދާލާ ކުދިންނެވެ. ހުނަރުގެ ބޭނުން ހިފައިގެންނެވެ. ނަމަވެސް އެ މަންޒަރު ފެންނަލެއް މިހާރު މަދެވެ. ހާއްސަކޮށް މޮޅެތި ވާހަކަ ދެއްކުންތެރިން އުފެދުމުގައި ބުރެކި ޖެހިއްޖެ އެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ މަގުސަދު ހާސިލެއް ނުވޭ

އިސްވެ ފާހަގަކުރި ހުނަރުވެރިން ސްކޫލުތަކުގައި އުޅުނު ޒަމާނުގައި ވާހަކަ ދެއްކުމުގެ މުބާރާތް އިއުލާން ކުރުމާ ހަމައިން އެ އީދެއް ފެށުނީ އެވެ. ވާހަކަ ދައްކަން ޖެހޭ ވަކި ދާއިރާތަކެއް ކަނޑައަޅައި އިއުލާން ކުރުމުން ކުދިން އެ މައުލޫތަކަށް ތައްޔާރުވާން އެތައް ހޭދައެއް ކުރެ އެވެ. ލައިބްރަރީތަކަށް ގޮސް މައުލޫމާތު އެއްކުރެ އެވެ.

މިހާރު ވާހަކަ ދެއްކުމުގެ މުބާރާތް ފަށައިގެން ކުރިއަށްދާ އިރު މިފަހަކުން ވަނީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ގަވައިދަށް ބަދަލުގެނެސްފަ އެވެ. ފަސް އުމުރު ފުރާއަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި ވާހަކަ ދައްކަން ޖެހޭ ސީދާ މައުޟޫ ކުރިން ނުދިނަސް މިހާރު ސީދާ މައުޟޫތައް ކުރިއާލާ ދެނީ އެވެ.

"ދާއިރާ ދިނީމާ ހުރިހާ ގޮތުން ވެސް ކުދިންނަށް ފައިދާ، މިހާރު މިހަދާ ގޮތަށް މައުޟޫ ދިނީމަ ހިތުދަސް ކޮށްގެން ދިއުމުގެ ފުރުސަތު ބޮޑު، އަހަރެމެން އިރު އޮންނަނީ އަށްވަރަކަށް ދާއިރާ، މިސާލަކަށް ތިމާވެށިގެ ދާއިރާ، ދެން ގުރުއަތުން ނަގައިގެން ޖެހޭ މައުޟޫއަކަށް ވާހަކަ ދައްކަންޖެހެނީ، ނަތީޖާއަކަށް ވަނީ އެބަޖެހޭ އެ ހުރިހާ ދާއިރާއަކަށް ތައްޔާރުވާން، އެހެންވީމަ އެއީ ވަަރަށް މައުލޫމާތު،" ސުކޫލު ދައުރުގައި އުފެދުނު މޮޅު ވާހަކަ ދެއްކުންތެރިއެއްކަމަށްވާ އަދި ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ވިދާޅުވި އެވެ.

މީހުން ލައްވައި ދައްކަން ޖެހޭ ވާހަކަ ލިޔޭ

ވާހަކަދައްކަން ޖެހޭ މައުޟޫތައް ކުރިއާލާ ދިނުމުން ރަން ވަނަ ހޯދުމަށްޓަކައި އަދަބީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ލައްވައި އެ މައުޟޫތަކަށް ސުޕީޗް ލިޔުން ވަރަށް އާންމުވެއްޖެ އެވެ. އެކަންވެފައި ވަނީ ވިޔަފާރިއަކަށެވެ. ދަރިއަށް ރަންވަނަ ހޯދައިދިނުމަށް ބެލެނިވެރިން ކުދިން ދައްކާނެ ވާހަކަ ބޮޑު އަގުގައި ގަންނަނީ އެވެ.

"ބެލެނިވެރިން އަޅުގަނޑަށް ގުޅާފައި ދަންނަވާފައި އެބަހުރި ކުދިން ދައްކަން ޖެހޭ ވާހަކަ ލިޔެދޭށޭ. ބުނި އަގެއް ދޭނަމޭ. އަޅުގަނޑު ބުނިން ނޫނެކޭ. އެކަމަކު ލިޔެދޭ ބޭފުޅުން އުޅޭ،" ދިވެހި އަދަބިއްޔާތައް ހިދުމަތްކުރާ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އެގޮތަށް މީހުން ލައްވައި ދައްކަންޖެހޭ ވާހަކަ ލިޔެގެން ހިތުދަސްކޮށްގެން މުބާރާތުގައި ވާހަކަ ދައްކާ ކުދިންއުޅޭކަން ސުކޫލުތަކުން ވެސް ޔަގީންކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން އެއީ ހަގީގީ ވާހަކަ ދެއްކުންތެރިން އުފެދެން އޮތް ހުރަހެކެވެ.

މާކްސްދިނުމުގެ އުސޫލަށް ވެސް ފާޑުކިޔުން

ތަފާތު މައުޟޫތަކަށް ވާހަކަ ދައްކާނީ ތަފާތު ގޮތް ގޮތަށެވެ. ވާހަކަ ދެއްކުމަކީ ހަމައެކަނި މައުލޫމާތުތަކެއް ދިނުމެއް ނޫނެވެ. ވާހަކަ ދައްކާ ރާގާއި އުފެއްދުންތެރި އިބާރާތްތަކާއި އަމިއްލައަށް ބަޔާންކޮށްދޭ ކޮށްދިނުމަކީ ވެސް މޮޅެތި ވާހަކަ ދެއްކުންތެރިން ދެނެގަނެވޭނެ ގޮތެވެ. ނަމަވެސް ގަވައިދު އޮތް ގޮތުން ފަނޑިޔާރުން މާކްސް ދޭ އުސޫލާ ދޭތެރޭ ވެސް ޝަކުވާ ބޮޑެވެ.

"މީގައި އެބަހުރި އިލްމީ މައުޟޫ، މައުލޫމާތުދޭ މައުޟޫ އަދި މީހުންގެ ސަމާލުކަންދޭ މައުޟޫ، އަދި ހިޔާލު ހުންނަ މައުޟޫ ވެސް އެބަހުރި، މީގެން ކޮންމެ ވައްތަރަކީ ވާހަކަ ދެއްކުމުގެ ތަފާތު ގޮތްތައް، އެހެންވީމަ ބަލަންޖެހޭ މިންގަނޑު ތަފާތުވާނެ، މާކްސްދޭންޖެހޭ އުސޫލުވެސް ބަދަލުވާނެ، ނަމަވެސް މިމުބާރާތުގައި އެހުރިހާ ވައްތަރަކަށް ވެސް މާކްސްދެނީ އެއް އުސޫލަކުން، ހިތުދަސްކޮށް ކިޔައިދިނަސް،" އަދަބީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.

މާލޭގެ ޕްރައިމަރީގެ ސްކޫލެއްގެ ލީޑިން ޓީޗަރަކު ވިދާޅުވި ގޮތުގައި ފަށައިގަންނަ އުމުރުގައި މައުޟޫތަކެއް ދިނުން މުހިންމު ކަމަށާއި މުބާރާތް ފެށެން 10 ދުވަހަށް ވީމަ 20 މައުޟޫ ދިނުމުން އެއަށް ތައްޔާރުވުން ފަސޭހަ ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ކަންބޮޑުވުމަކީ ވެސް ވާހަކަ ދެއްކުންތެރިކަން ފަނޑިޔާރުން ކަނޑައަޅަނީ ކިހިނެކަން ސާފުނުވާތީ އެވެ.

"ސުކޫލުތަކަށް އޮޅުންއަރާ ވާހަކަ ދައްކަންވީ ކޮންގޮތަކަށްް، ލެކްޗާއެއް ދޭންހެން އެއްޗެހިތަކެއް ކިޔައިދޭންވީތޯ، ނޫނީ މޭޒުމަތީ އަތްޖަހާފައި ވާހަކަ ދައްކަންވީތޯ،" އެޓީޗަރު ވިދާޅުވި އެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތަށް 16 އަހަރުވެގެންދާ އިރު މުބާރާތް ނިމިގެން ރަނގަޅު ކުރަންވީ ކަންކަމުގެ ފީޑްބެކް ނުލިބޭތީ ކަމަށެވެ.

"ފީޑް ބެކެއް ނުލިބޭ އަދިވެސް. އެ ސުކޫލަކުން ވާހަކަ ދެއްކި ކުދިންގެ މައްސަލައަކީ އަޑާއި ރާގުތޯ، ނުވަތަ މައުލޫމާތުތޯ. މިކަންކަން އެނގެން ޖެހޭ. އޭރުން ދެއްތޯ ސުކޫލުތަކަށް ކުދިން ރަނގަޅު ކުރެވޭނީ،" ލީޑިން ޓީޗަރު ވިދާޅުވި އެވެ.

އެކަންބޮޑުވުންތަކާ ގުޅިގެން ދިވެހި ބަހުގެ އެކަޑެމީގެ ބަހެއް ހޯދަން ތަކުރާރުކޮށް ހުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

މިއަހަރުގެ މުބާރާތާ ގުޅޭ ގޮތުން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެފައިވާ ގޮތުގައި، މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، ބައިވެރިންގެ ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނެ ގޮތް ހެދުމަށް މި އަހަރުގެ މުބާރާތަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

މިފަހަރުގެ މުބާރާތް ބަހާލާފައިވާ ފައްސިޔަ ބުރުގައި، ބައިވެރިންނަށް އެ ބައިވެރިއެއްގެ އުމުރުފުރާ އަށް ދިވެހި ބަހުގެ އެކެޑެމީން ދޭ މައުޟޫތަކަށް ވާހަކަދައްކާނެ އެވެ. އަދި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅަށް ވާހަކަދައްކައިގެން އެންމެ މަތިން މާކުސް ލިބުނު 10 ދަރިވަރުން ދަތުރުކުރާނީ އަރުތަ ބުރަށެވެ. އަރުތަ ބުރުގައި ވާހަކަދައްކާ ދަރިވަރުން ވެސް ވާހަކަ ދައްކާނީ ބައިވެރިއެއްގެ އުމުރުފުރައަށް އެކެޑެމީން ދޭ މައުޟޫއެއްގެ މައްޗަށެވެ. ނަމަވެސް އެފަހަރު މައުޟޫ ދޭނީ ބައިވެރިއަކު ވާހަކަދައްކަން އެރުމުންނެވެ.

މޮޅު ވާހަކަ ދެއްކުންތެރިން އުފެދޭނީ؟

މޮޅު ވާހަކަ ދެއްކުންތެރިކަމަކީ ވަރަށް ވެސް ހުނަރުވެރި ފަންނެކެވެ. އެފަދަ ވާހަކަ ދެއްކުންތެރީންގެ އިބާރާތްތައް ރީތިވެފައި ސިފަކޮށްދިނުން ފުރިހަމަ ވާނެ އެވެ. އަދި ދައްކާ ވާހަކައިން އެހެންމީހުންގެ ޝައުގުވެރިކަން ދަމައިގަންނާނެ އެވެ. އެކަންވާނީ ދުރާލާ ކުރެވޭ މަސައްކަތަކުންނެވެ.

އަދަބީ ދާއިރާގެ ފުންނާބް އުސް ބޭފުޅެއް ކަމަށްވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި މޮޅު ވާހަކަ ދެއްކުންތެރީން އުފެއްދުމަށް ކުރިއާލާ ދަރިވަރުން އެކަމަށް އަހުލުވެރި ކުރަންޖެހެ އެވެ.

"ދަރިވަރުންގައިގައި އެކަންކަން އަށަގަންނަވަން ތަމްރީނު ދެއްވުން މުހިންމު، ހުނަރު އަށަގަންނަވަން ތަމްރީނު ދެވޭ ގޮތާއި ދޫފަރިތަކޮށް މައުލޫމާތު ހުށައަޅަން ތަމްރީނުދެވޭ ގޮތް ވަރަށް ތަފާތުވާނެ،" އާދަމް ނަސީރު ވިދާޅުވި އެވެ.

ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރީންތަކެއް އުފެއްދުމާއި 1985 ވަނަ އަހަރުން ފެށިގެން ބާއްވަމުން އެ އަންނަ މުބާރާތަކީ ކިތަންމެހާ ވެސް މުހިންމު މުބާރާތެކެވެ. ހިތާމައަކީ ފަހަކަށް އައިސް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން މަގުސަދު ހާސިލްނުވާތީ އެވެ. ކުރިން އުފެދު ފަދަ މޮޅެތި ވާހަކަ ދެއްކުންތެރީން މިއަދު ނޫފެދޭތީ އެވެ.

comment ކޮމެންޓް