ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ހަމައެކަނި ލަންކާގައި: އީސީ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ (ވ) އަދި ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ހަމައެކަނި ސްރީލަންކާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން"އަށް މިއަދު ވިދާޅުވީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ވޯޓު ފޮށި ބަހައްޓަން ނިންމީ 1000 މީހުން ވޯޓު ލުމަށް ރަޖިސްޓްރީކޮށްފައި ވާތީ ކަމަށެވެ.

ދެން ވޯޓު ފޮށި ބަހައްޓަން އެ ކޮމިޝަނުން އުޅުނީ އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ. ނަމަވެސް 1000 މީހުން ރަޖިސްޓްރީކޮށްފައި ނުވާތީ ޓްރިވެންޑްރަމްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށް އަކުރަމް ވިދާޅުވި އެވެ.

"ޓްރިވެންޑްރަމްގައި ވޯޓުމަށް ރަޖިސްޓްރީ ކުރި އަދަދު ވަރަށް މަދު. 100 މީހުން ވެސް ހަމަނުވޭ،" އަކުރަމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި 1487 ކެންޑިޑޭޓުން ވާދަކުރާ އިރު، އޭގެ ތެރެއިން 1124 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން 363 ކެންޑިޑޭޓުން ވާދަކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް