މާފުށީ ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އަތުލައިގަތް މަސްތުވާތަކެތި އަންނައުނު ތެރެއިން ހޯދަނީ -- ފޮޓޯ/ ކަރެކްޝަންސް

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކަށް އެމީހާގެ އާއިލާއިން ފޮނުވި އަންނައުނުތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ، އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ މިފަހަކަށް އައިސް ގައިދީންނަށް ފޮނުވާ ތަކެތި މެދުވެރިކޮށް ޖަލަށް ވެއްދުން މަނާ ތަކެތި ވައްދަން މަސައްކަތް ކުރަނިކޮށް އަތުލައިގެނެވޭ މިންވަރު އިތުރު ކަމަށެވެ.

ހުއްދަ ނުކުރާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތް ކުރުމަކީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ހުރަހެއް ކަމަށް ފާހަގަކޮށް އެކަން ކުށްވެރިކުރާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ. އަދި އެކަމަކީ އާއިލީ ބައްދަލުވުން ރަނގަޅުގޮތުގައި ބޭނުންހިފާ އާއިލާތަކަށް ކުރެވޭ ބޭއިންސާފެއް ކަަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އެފަދަ ކަންތައްތަކުގެ ސަބަބުން ގައިދީންނަށާއި މުޖުތަމައުއަށް ގެއްލުން ވާނެ ކަމަށާއި އެފަދަ ކަންތައްތައް ނުކުރުމަށް ގައިދީންގެ އާއިލާތަކަށާއި އާންމުންނަށް ކަރެކްޝަންސް އިންވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް