އާސެނަލްގެ ވާހަކަ ދައްކަން ވިލްޝެއާ މިހާރު ބޭނުމެއް ނޫން!

ލޯނު އެއްބަސްވުމެއްގެ ދަށުން ބޯންމައުތަށް ކުޅެމުން އަންނަ އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެއާ -- ފޮޓޯ: ސްކައި ސްޕޯޓްސް

އާސެނަލްއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އާކުރާނީތޯ ނުވަތަ ނޫންތޯ އެއީ މިވަގުތު ދައްކަން ބޭނުން ވާހަކައެއް ނޫން ކަމަށާއި، މިވަގުތު އެންމެ އިސްކަމެއް ދެނީ އޭއެފްސީ ބޯންމައުތުގެ މުސްތަގުބަލާ މެދުކަމަށް އިންގުލޭންޑްގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ ބުނެފިއެވެ.

ލޯނު އުސޫލުން ބޯންމައުތަށް މިސީޒަންގައި ކުޅެމުން އަންނަ ވިލްޝެއާ، އާސެނަލްއާ އެކު ހަދާފައިވާ އެއްބަސްވުން 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުމާއި، އާސެނަލްގެ ޓީމުން ޖާގަ ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވުމުގެ ސަބަބުން، ވިލްޝެއާ މި ސީޒަންގެ ނިޔަލަށް ބޯންމައުތާ ގުޅުނީ އޭނާއަށް ކުޅެންލިބޭ ވަގުތު އިތުރުކުރުމަށެވެ.

ވިލްޝެއާ ބުނީ، އާސެނަލްއާ ގުޅެގޮތުން އޭނާ އެއްވެސް ވާހަކައެއް މިވަގުތު ދައްކަން ބޭނުން ނުވާ ކަމަށާއި، އޭނާގެ ހުރިހާ ވިސްނުމެއް ވެސް ހުރީ، ޕްރިމިއާ ލީގުގައި ބޯންމައުތު ބޭއްވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން ކަމަށެވެ.

"އަހަރެންގެ މުސްތަގުބަލާ މެދު ނުވިސްނަން،" ޑެއިލީ މިރާރއަށް، އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

"އާސެނަލްގައި އަހަންނަށް އަދި އަހަރެއް އެބައޮތް. ސީޒަން ނިމުމުން އަހަރެން އެކަމާ މެދު ވިސްނާނަން.

"އަންނަ އަހަރު ކޮންމެ ގޮތެއް ވިޔަސް ހެޔޮ އެހެން ނަމަވެސް، މިވަގުތު އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ބޯންމައުތު ޕްރިމިއާ ލީގުގައި ބޭއްވުމަށް."

ވިލްޝެއާ ބުނީ، އޭނާ ކޮންމެ ކްލަބެއްގައި ހުރި ނަމަވެސް، އޭނާ ހުރި ކްލަބެއް ރެލިގޭޓްވާން ބޭނުން ނުވާ ކަމަށެވެ.

"އެކަކުވެސް ބޭނުމެއް ނުވާނެ އެމީހަކު ހުރި ޓީމެއް ރެލިގޭޓް ވާކަށް. މިހާރު އަހަރެމެން މިކުރަނީ ބޯންމައުތު ލީގުގައި ރަނގަޅު ހިސާބެއްގައި ހިފެހެއްޓުން. އޭގެ ފަހުން އަހަރެން އެހެން ކަންތަކާ ވިސްނާނަން،" ވިލްޝެއާ ބުންޏެވެ.

ބޯން މައުތުން މިފަހަރުގެ ޕްރިމިއާ ލީގުގައި މިހާތަނަށް 28 މެޗު ކުޅެފައި ވާއިރު، އެ ކްލަބު އޮތީ 30 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ. ވިލްޝެއާ ވަނީ ބޯންމައުތަށް މިހާތަނަށް 22 މެޗު ކުޅެދީ، ދެ އެސިސްޓް ހަދައިދީފައެވެ.

comment ކޮމެންޓް