ކުޑަކުދިންގެ ހައްގުތަކާ ބެހޭ އާ ގާނޫނުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެޗްއާރުސީއެމުން ގޮވާލައިފި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ނައިބު ރައީސް ޝިފާގު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ އާ ގާނޫނުގެ މަސައްކަތްތައް ވީހާ ވެސް އަވަސްކޮށް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ރައްޔިތުންގެ މަޖިލީހުގެ ގާނޫނު ހަދާ މަޖިލީހަށް ގޮވާލައިފި އެވެ.

އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އެނުއަލް ރިޕޯޓް އާންމު ކުރުމަށް މިއަދު ހެނދުނު އެ ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއާރުސީއެމްގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާ ބެހޭ އާ ގާނޫނެއް މުހިންމު ކަމަށެވެ.

އަދި އެފަދަ ގާނޫނެއް ވުޖޫދުވުމުގެ މުހިންމުކަން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެނގިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް މިގޮތަށް ހުށަހެޅިފައި އޮތް އިރު އަޅުގަނޑު ހަމަ މި ފުރުސަތުގައި ގޮވާލަން ބޭނުންވޭ ގާނޫނު ހަދާ މަޖިލީހަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލް ވީހާ ވެސް އަވަސްކޮށް ދިނުމަށް. އަދި އަޅުގަނޑުމެންނާ ހަމައަކަށް އެބިލެއް އައިސްފައެއް ނެތް. ކުރީގައި ބިލެއްގެ ޑްރާފްޓެއް ފެނިގެން ދިޔަ. ނަމަވެސް އާ ޑްރާފްޓެއް އެކުލަވާލުމުގެ މަރުހަލާގެ ތެރޭގައިވާ ކަމަށް އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ،" ޝިފާގު ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލުކުރަމުން ދަނީ ވަރަށް ކުރީގެ ގާނޫނަކަށް ކަމަށެވެ. އަދި އެ ގާނޫނަކީ މިހާރަށް އެކަށީގެންވާ ގާނޫނަކަށް ނުވާތީ، ކުޑަކުދިންނަށް ދެވޭ ތަފާތު އެކިއެކި އަނިޔާތަކާއި އެ ކުދިންނަށް ދޭން ޖެހޭ އަދި ލިބެން ޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބިދެވެން އޮތީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ އާ ގާނޫނެއް ވުޖޫދުވެގެން ކަމުގައި ދެކޭ ކަމަށް ޝިފާގު ވިދާޅުވި އެވެ.

މިދިޔަ އަހަރު އެޗްއާރުސީއެމަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި 50 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ވަކިވަކި މައްސަލަތަކަށް ބަލާ އިރު، އެނުއަލް ރިޕޯޓް ދައްކާ ގޮތުން އެންމެ ގިނައިން ހުށަހެޅީ ބޯހިޔާވަހިކަމުގެ ހައްގާ ގުޅުންހުރި މައްސަލަތަކެވެ. އެކަމާ ގުޅުންހުރި 138 މައްސަލައެއް މިދިޔަ އަހަރު ވަނީ އެޗްއާރުސީއެމަށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް