މިދިޔަ އަހަރު އެޗްއާރުސީއެމަށް އެންމެ ގިނައިން ހުށަހެޅީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަ

އެޗްއާރުސީއެމްގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ 2016 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމުގެ ހައްގާ ގުޅުންހުރި މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރުސީއެމުން މިއަދު ވަނީ އެ ކޮމިޝަނުގެ 2016 ވަނަ އަހަރުގެ އެނުއަލް ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓްގައި ދައްކާގޮތުން އެންމެ ގިނައިން މިދިޔަ އަހަރު މައްސަލަ ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމުގެ ހައްގާ ގުޅިގެނެވެ.

އެޗްއާރުސީއެމްގެ އެނުއަލް ރިޕޯޓް ދައްކާގޮތުން މިދިޔަ އަހަރު ވަނީ އެ ކޮމިޝަނަށް ޖުމްލަ 533 މައްސަލައެއް ހުށަހަޅައިފައެވެ. އޭގެ ތެރެއިން 61 މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބަލާފައިވާ މައްސަލަތައް ކަމަށް އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އެނުއަލް ރިޕޯޓްގައިވެ އެވެ.

ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތައް އެންމެ ގިނައިން ހުށަހެޅި އިރު ދެވަނައަށް އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ މައްސަލައެވެ. އޭގެ 68 މައްސަލަ އެ ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ. ތިންވަނަ އަށް، ގައިދީންގެ ހައްގުތަކާ ގުޅުންހުރި 64 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

2016 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ އަދަދު:

  • ލާއިންސާނީ އަނިޔާއާ ގުޅުންހުރި 33 މައްސަލަ
  • ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 50 މައްސަލަ
  • އަންހެނުންގެ ހައްގުތަކާ ގުޅުންހުރި ހަތް މައްސަލަ
  • އުމުރުން ދުވަސްވީ މީހުންނާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ގުޅޭ 13 މައްސަލަ
  • އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ 68 މައްސަލަ
  • އުނގެނުމުގެ ހައްގާ ގުޅުންހުރި ހަ މައްސަލަ
  • ބޯހިޔާވަހިކަމުގެ ހައްގާ ގުޅުންހުރި 138 މައްސަލަ
  • މަސައްކަތް ކުރުމުގެ ހައްގާ ގުޅުންހުރި 26 މައްސަލަ
  • ބިދޭސީންގެ ހައްގާ ގުޅުންހުރި 25 މައްސަލަ
  • ޝަރުއީ ދާއިރާއާ ގުޅުންހުރި ހައްގުތަކާގުޅޭ 26 މައްސަލަ
  • އިގްތިސާދީ އަދި އިޖުތިމާއީ ހައްގުތަކާ ގުޅޭ 35 މައްސަލަ
  • ގައިދީންގެ ހައްގުތަކާ ގުޅޭ 64 މައްސަލަ
  • ބަންދުކުރެވޭ ފަރާތްތަކާ ގުޅޭ 42 މައްސަލަ

ހިއުމަން ރައިޓްސް ކޮމިޝަނުގެ އަހަރީ ރިޕޯޓް ދައްކާގޮތުން އެ ކޮމިޝަނަށް ހުށަހެޅި 533 މައްސަލައިގެ ތެރެއިން 309 މައްސަލަ ކޮމިޝަނުން ވަނީ ބަލައި ނިންމާފައެވެ.

ކޮމިޝަނުން ބަލައި ނިންމާފައިވާ މައްސަލައިގެ ތެރެއިން 25 މައްސަލަ އެ ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހަށް ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން 17 މައްސަލައެއް ކޮމިޝަނުން ވަނީ ބަލައިނިންމާފައެވެ.

comment ކޮމެންޓް