ވިހެއުމުގެ ތެރޭގައި ކޯމާއަކަށް ދިޔަ މަންމައަށް ދަރިފުޅު ފެނުނީ ހަތް އަހަރު ފަހުން

ޑަނިޖޭލާ ކޮވާސެވިކް އާއި އޭނާގެ އަންހެން ދަރިފުޅު -- ފޮޓޯ: ފޭސްބުކް

ސާބިއާގެ އަންހެނެއް ކަމަށްވާ ޑަނިޖޭލާ ކޮވާސެވިކް، އޭނާގެ ދަރިފުޅު މާރީޖާ ވިހެއީ 2009 ވަނަ އަހަރުގައެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ކޯމާއަކަށް ދިޔުމުގެ ސަބަބުން އޭނާއަށް ދަރިފުޅު ފެންނަ ގޮތްވީ އޭގެ ހަތް އަހަރު ފަހުންނެވެ.

އުމުރުން 17 އަހަރުގައި ވިހެއި ކޮވާސެވިކް ކޯމާއަކަށް ދިޔައީ އިންފެކްޝަނެއް ޖެހި، ލޭ ވިހަވުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން އޭނާގެ ހިތުގެ ވިންދު 30 މިނިޓަށް ހުއްޓި، ސިކުނޑިއަށްވެސް ގެއްލުން ލިބުނެވެ.

އެހެންކަމުން ކޯމާގައި އޮންނަތާ ހަތް އަހަރު ފަހުން މިދިޔަ އަހަރު ކޮވާސެވިކް ހޭ އެރުމުން ޑޮކްޓަރުންނަށް ވަނީ ސިހުން ލިބިފައެވެ. އަދި މިހާރު ޖަރުމަނުގެ ރިހެބިލިޓޭޝަން ކްލިނިކެއްގައި ވާހަކަ ދެއްކުމަށާއި ހަރަކާތްކުރުމަށް ތެރަޕީ ހޯދަމުންދާ ކޮވާސެވިކްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

ޑަނިޖޭލާ ކޮވާސެވިކް މީގެ ހަތް އަހަރު ކުރިން -- ފޮޓޯ: ފޭސްބުކް

ކޮވާސެވިކްއަށް ފަރުވާދެމުންދާ ޑޮކްޓަރުން ބުނި ގޮތުގައި އޭނާއަށް މިހާރު ގަލާމައި ބޭސްގުޅައިގައި އަތުން ހިފެ އެވެ. އަދި އިށީނދެގެން ހުރެ މީހުންނާ ވާހަކަވެސް ދެއްކެ އެވެ.

"އެއީ ކުޑަ ކުރިއެރުންތައް ނަމަވެސް ކުރިއަށްވުރެ ޑަނިޖޭލާގެ ހާލު ރަނގަޅު. އޭނާގެ ބަރުދަން އިތުރުވެ، ވަށައިގެން ހިނގަމުންދާ ކަންތަކަށް ސަމާލުކަންދޭ މިންވަރު ވަނީ އިތުރުވެފައި،" ކޮވާސެވިކްގެ ބައްޕަ ބުންޏެވެ.

ކޮވާސެވިކް ކޯމާއެއްގައި އޮތް އިރު އޭނާގެ އަންހެން ދަރިފުޅު، މާރީޖާ ބެލެހެއްޓީ ކޮވާސެވިކްގެ މަންމަ އާއި ބައްޕައެވެ. އެއާއިލާއާ ގާތް ފަރާތަކުން ބުނި ގޮތުގައި މާރީޖާ އާއި އޭނާގެ މާމަ އާއި ކާފަ، ހަތް އަހަރު ވަންދެން ކޮންމެ ދުވަހަކު ކޮވާސެވިކްއަށް ޒިޔާރަތް ކުރި އެވެ. އަދި ކޮވާސެވިކް ހޭލާނެ ކަމުގެ އުއްމީދު ދުވަހަކުވެސް ދޫކޮށްނުލަ އެވެ.

comment ކޮމެންޓް