ދަރިފުޅުގެ ފޮޓޯ އާންމު ކުރުމުން ކަރީނާ ފުރަތަމަ ހިތްހަމަ ނުޖެހުނު: ސައިފް

ސައިފް އާލީ ޚާނާއި ކަރީނާ ކަޕޫރުގެ ފުރަތަމަ ދަރިފުޅު ތައިމުރު އަލީ ޚާންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރުމުން، ފުރަތަމަ ކަރީނާ އެކަމާ ހިތްހަމަ ނުޖެހުނު ކަމަށް ސައިފް ބުނެފި އެވެ.

ކަރީނާ ވިހައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ދަރިފުޅު އުފަންވިތާ ހަފްތާއެއް ނުވަނީސް އޭނާގެ ފޮޓޯ ވަނީ އާންމު ކޮށްފައެވެ. އެއީ ބޮލީވުޑުގެ ފަންނާނުން ކުރާ ކަމެއް ނޫނެވެ. ބޮލީވުޑުގެ ގިނަ ފަންނާނުން، އެމީހުންނަށް ލިބޭ ކުދިން މީޑިއާ އަށް ދައްކާލަނީ އެތައް މަހެއް ވާފަހުންނެވެ.

ކަރީނާ ވެސް ބޭނުންވީ އެގޮތް ކަމަށް ވެދާނެ އެވެ. ނަމަވެސް ސައިފް ވަނީ އޭނާގެ ވަޓްސްއެޕް ޑިސްޕްލޭ ފޮޓޯ އަކަށް ތައިމުރުގެ ފޮޓޯ އެއް ލައިފައެވެ. އެއާއެކު މުޅި ސޯޝަލް މީޑިއާ ގައި ތައިމުރުގެ ފޮޓޯ ދައުރުވާން ފެށި އެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ސައިފް ބުނީ އެކަމާ މެދު ކަރީނާ ހިތްހަމަ ނުޖެހުނު ކަމަށެވެ.

"ކަރީނާ ފުރަތަމަ ހިތްހަމަ އެއް ނުޖެހުނު. އެސްފީނާ ޖެހޭނެޔޯ ކިޔާފަ. އަހަރެން ގަބޫލު ކުރާ ކަންތައްތަކެއް ނޫން އެއީ. އެސްފީނާ ޖެހޭނަމަ ކަރީނާ މިހާރު އޮންނާނީ ހޮސްޕިޓަލުގައި،" ސައިފް ބުންޏެވެ.

ސައިފް ބުނީ ދަރިފުޅު ފޮރުވައިގެން ގެންގުޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ތުއްތު އިރު ވެސް އޭނަ އަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ކަމަށާއި، އާދައިގެ ކުއްޖެއް ފަދައިން ތައިމުރު ބަލާ ބޮޑު ކުރެވޭނެ ގޮތަކާ މެދު ހާސްވާ ކަމަށެވެ.

comment ކޮމެންޓް