ބާސާ-ޕީއެސްޖީ މެޗު އަލުން ކުޅުމަށް އެތައް ބަޔަކު ތާއީދު!

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ބާސާއާއި ޕީއެސްޖީ ކުޅުނު މެޗުގެ ރެފްރީ އަޔިޓެކިން: އޭނާ އެ މެޗުގައި ގިނަ ގޯސް ނިންމުންތަކެއް ނިންމި ކަމަށްބުނެ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔުމުންދޭ ---

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ބާސެލޯނާއާއި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ގެ މެޗު އަލުން ކުޅުމަށް ހުށަހަޅާ ޕެޓިޝަނަށް 150،000 އަށްވުރެ ގިނަ މީހުންގެ ސޮއި ލިބިއްޖެއެވެ.

ގަދަ 16ގެ ފުރަތަމަ ލެގުގައި ބާސާގެ މައްޗަށް 4-0 ލަނޑުގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެފައި ވަނިކޮށް، ދެވަނަ ލެގުގައި ބާސާ ވަނީ 6-1 ލަނޑުގެ ނަތީޖާއަކުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިފައެވެ. ބާސާއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބުނީ 6-5 ލަނޑުގެ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ.

ޕީއެސްޖީގެ ސަޕޯޓަރެއް ކަމަށްވާ ލުއިސް މެލެންޑޯ އޮލްމޭޑޯ ހުށަހަޅާ ޕެޓިޝަނަށް އޭނާ ޓާގެޓްކޮށްފައިވަނީ 150،000 ސޮއި ހޯދުމެވެ. ނަމަވެސް މިހާރު އެ އަދަދަށްވުރެ ވެސް އިތުރަށް އެ ޕެޓިޝަނަށް މީހުންގެ ސޮއި ލިބިފައިވެއެވެ. އޭނާ ހުށަހަޅާ ޕެޓިޝަނަށް ސޮއި ހޯދުމަށް ދަނީ އޮންލައިން ވެބްސައިޓެއް ކަމަށްވާ Change.org އިންނެވެ.

ޕީއެސްޖީ ސަޕޯޓަރު އޮލްމޭޑޯ އެ ޕެޓިޝަން ހުށަހަޅާ ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ، އެ މެޗުގައި ޖަރުމަންގެ ރެފްރީ ޑެނިޒް އަޔިޓެކިން ހެދި ގޯސްތަކުގެ ސަބަބުން ޕީއެސްޖީއަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާތީއާއެކު އޭގެ ފައިދާ ބާސާއަށް ކުރުމުންނެވެ. އެ ވެބްސައިޓް މެދުވެރިކޮށް، އޮލްމޭޑޯ ވަނީ އެ މެޗުގައި ރެފްރީގެ ފަރާތުން ފެނުނު 13 ގޯހެއް ފޮޓޯތަކާއެކު ބަޔާންކޮށްދީފައެވެ.

ބާސާ މޮޅުވި މެޗުގައި ރެފްރީ އަޔިޓެކިންގެ ފަރާތުން ފެނުނު ގޯސްތަކަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެ ރެފްރީއަށް ޔޫއެފާއިން ސަސްޕެންޝަނެއް އަންނާނެ ކަމަށް ވެސް ހަބަރުތައް ދަނީ ބުނަމުންނެވެ.

comment ކޮމެންޓް