'ސުލްތާން' އަށް ފަހު ހަށިގަނޑު ލުއި ކުރުން ވެގެން ދިޔައީ ވޭނަކަށް: ސަލްމާން

މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާން ޚާންގެ ކާމިޔާބު ފިލްމު 'ސުލްތާން' އަށް އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފަލަ ކުރުމަށް ފަހު އަލުން ކުރިން ހުރި ވަރަށް ހަށިގަނޑު ލުއި ކުރުން ވެގެން ދިޔައީ ބޮޑު ވޭނަކަށް ކަމަށް އޭނާ ބުނެފި އެވެ.

'ސުލްތާން'ގައި ސަލްމާން ފެނިގެން ދިޔައީ ހަރިޔާނާ އަށް އުފަން ރެސްލިން ކުޅޭ މީހެއްގެ ރޯލުންނެވެ. ޒުވާން ދުވަސްވަރުގެ އިތުރުން އެ ފިލްމުގައި ސަލްމާން މެދު އުމުރުގެ މީހެއްގެ ރޯލު ވެސް ދައްކުވައިދީފައިވާ އިރު އެ ރޯލަށް އޭނާގެ ހަށިގަނޑު ވަނީ ފަލަކޮށްފަ އެވެ.

އިއްޔެ ރޭ ބޭއްވި ޒީ ސިނެ އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ 'ސުލްތާން' އަށް އޭނާގެ ބަރުދަން 96 ކިލޯ އަށް އެރުވި ކަމަށާއި، މިހާރު 18-20 ކިލޯ ލުއި ކޮށްފައިވާ ކަމަށެވެ.

"ހަށިގަނޑަށް ބަދަލު ގެނައުމަކީ ވަރަށް ވޭން ހުރި ކަމެއް. މިހާރު އަހަރެން ތަމްރީނު ވަމުން މި ދަނީ ޓައިގާ ޒިންދާ ހޭ އަށް. އަދި އިތުރު ފިލްމެއް ވެސް އެބަ އޮތް. އެއީ ނަށަން ޖެހޭ ފިލްމެއް،" ސަލްމާން ބުންޏެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ 'ޓިއުބްލައިޓް' އިންނެވެ. އެ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ޖޫން މަހު އެވެ.

comment ކޮމެންޓް