އުތީމު ކައުންސިލަށް ކުރިމަތިލި އެމްޑީޕީ ކެންޑިޑޭޓް ޕީޕީއެމް އަށް ސޮއިކުރައްވައިފި

އުތީމު ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލި އަބްދުއްރަޝީދު ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު މެޑަމް ފާތިމަތު އިބްރާހީމާ ފޯމް ހަވާލު ކުރައްވަނީ ----

ހއ. އުތީމު ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް އަބްދުއްރަޝީދު އޭނާގެ ކެންޑިޑެސީ ބާތިލްކޮށް، ސަރުކާރު ހިންގާ ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.

މިއަދު ހެނދުނު 9:45ގައި އުތީމު ގަނޑުވަރު މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި އަބްދުއްރަޝީދު ވަނީ ޕީޕީއަށް ސޮއިކުރެއްވި ފޯމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމާ ހަވާލުކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ސަން އަށް މިއަދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ޕީޕީއެމް އަށް ސޮއިކުރުމުން ދޭހަކޮށްދެނީ އެ ރަށުގައި އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ނެތްކަން ކަމަށެވެ.

އުތީމު ކައުންސިލަށް ދެން ކުރިމަތިލައްވާފައި ވަނީ ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނާއި އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓެކެވެ.

މިއަދު ރާއްޖެއަށް ތަރައްގީ ލިބެމުންދާތީ ކޮންމެ ރައްޔިތަކު ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާކަން މިފަދަ ކަންކަމުން އެނގިގެންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

comment ކޮމެންޓް