ނަޝީދުގެ ވެރިކަން ވެއްޓޭނީ ރީކޯ މޫސަގެ ސަބަބުން؟

ޢަބްދުﷲ ޝިނާން

ދެ ހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އައި އިރު އޭރުގެ ރައީސް މައުމޫނު ހެއްދެވި އެންމެ ބޮޑު ގޯހަކީ އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމީނު އަބްދުލްގައްޔޫމް މާކައިރި ކުރެއްވުމެވެ. އިންތިހާބުގެ އެންމެ މުހިއްމު ވަގުތުގައި ޑީއާރުޕީ އާއި ޕީއޭ އާ ދެމެދު ވެވިފައިވާ "އިގްތިސާދީ ބާރު" ހިއްސާކުރެއްވުމުގެ ސިއްރު އެއްބަސްވުމެއް ފެންމަތިވި އެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ އިގްތިސާދީ މުހިއްމު ވުޒާރާތަކާއި އެތަންތަނުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު ޔާމީނުގެ ޕީއޭ އަށް ދިނުމަށް އެއްބަސް ވެފައިވެ އެވެ.

މި ފުރުސަތުގެ ބޭނުން އިދިކޮޅު އިއްތިހާދުން ވަރަށް ރަގަޅަށް ހިފި އެވެ. ޔާމީނާއި ޔާމީނުގެ ބައިވެރިންނަކީ މިގައުމުގައި ނެތް ވަރުގެ ބޮޑެތި "ވަގުން" ކަމަށް އެފަރާތްތަކުން ސިފަކުރަމުން ދިޔަ އެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެވާހަކަތައް ގަބޫލުކުރި އެވެ. މީހުން އެވާހަކަތައް ގަބޫލުކުރުން ވެގެން ދިޔައީ ރައީސް މައުމޫނުގެ ޒަމާންވީ ވެރިކަމުގެ އިރުއޮއްސުމަށް މެދުވެރިވި ފާހަގަކޮށްލެވޭ މުހިއްމު އެއް ސަބަބަށެވެ.

މިއަދު އެމްޑީޕީގެ ތެރޭގައި އިސްކޮށް އުޅުއްވާ ބައެއް ފަރާތްތަކުން އެބަބުނެ އެވެ. އިހުގެ ވެރިކަން ވެއްޓުނީ ޔާމީނުގެ ސަބަބުން ކަމަށް ވަންޏާ މިވެރިކަން ވެއްޓޭނީ "ޝައްކެއްނެތް ގޮތުގައި ރީކޯ މޫސަގެ ސަބަބުން"ނެވެ. އޭނާގެ އަމަލުތަކުގެ ސަބަބުންނެވެ. އެބޭފުޅާގެ ވާހަކައިގެ ނުރަގަޅު ނަތީޖާއެއްގެ ގޮތުންނެވެ. އޭނާ ތަމްސީލުކުރައްވާ "ހަރުކަށި އެމްޑީޕީ"ގެ ފިކުރުގެ ސަބަބުންނެވެ. އޭނާ އާއި އޭނާގެ ވިޔަފާރިޔާ ގުޅިފައިވާ މަސްލަހަތުތަކާ ގުޅިގެން އެމްޑީޕީ އަށް ދިމާވާ މައްސަލަތަކުގެ ސަބަބުންނެވެ.

ރައީސް ނަޝީދުގެ ޑިޕްލޮމަސީ އަށް އޮތް އެންމެ ބޮޑު ހުރަސް

ރީކޯ މޫސަ އަކީ މިއަދު އެމްޑީޕިގެ އެންމެ ނުފޫޒުގަދަ އެއް މެންބަރެވެ. ގްރާސްރޫޓުގެ ގިނަބައެއްގެ އިހްސާސާ އެއްގޮތަށް އޭނާގެ ވާހަކަތައް ބިނާކުރައްވަ އެވެ. މޫސަގެ "ސިޔާސީ ޓޭޕަކީ" ރައީސް މައުމޫނުގެ އަނިޔާވެރި ވާހަކައިގެ ނިމުމެއް ނެތް ސިލްސިލާއެކެވެ. މޫސަގެ "ރޭޑިޔޯއިން" މުޅިން ވެސް އިވޭނީ އެވާހަކަތަކެވެ. މޫސައަކީ ސީދާ ޕާޓީގެ ގްރާސްރޫޓާ ގުޅިލާމެހިފައިވާ ބޭފުޅެއްކަމުން ގްރާސްރޫޓުގެ ވިންދާ އެއްގޮތަށް ވަރަށް ޖޯޝާއި ފޯރީގައި އޭނާ ވާހަކަ ދައްކަވަ އެވެ. މިގޮތުން އެމްޑީޕީގެ ސިޔާސަތަށް ފާޑެއް ކިޔާ ކޮންމެ ފަރާތަކާ ދެކޮޅަށް މޫސަ ހަތިޔާރު އުފުއްލަވަނީ ރާއީސް މައުމޫނާ ދެކޮޅަށް މޫސަ ހަތިޔާރު އުފުއްލަވާ ބީދައިންނެވެ.

އާހިރު ނަތީޖާއަކަށް ވަނީ އެމްޑިޕީ އާއި އެހެން ޕާޓީތަކާ ދެމެދު ރައީސް ނަޝީދާއި އެމަނިކުފާނުގެ ސިޔާސީ ޓީމުން ބަދަހި ކުރަމުންދާ ޑިޕްލޮމެޓިކް ގުޅުން ފުނޑުފުނޑުވަމުން ދިއުމެވެ. މިސާލަކަށް އެމްޑިޕީ އާއި ކޯލިޝަން ހަދައިގެން އުޅޭ އަދާލަތު ޕާޓީއާ ދެމެދު ވާހަކަތަކެއް ކުރިޔަށް ދާވަގުތެއްގައި އެމްޑީޕީގެ ހަރުގޭގައި ހުރެ މެންބަރުން ހިތްހަމަޖައްސާލަން ދައްކާ ވާހަކައަކުން އެތަކެއް ދުވަހެއް ވަންދެން ދެކެވެމުން އަންނަ ޑިޕްލޮމެޓިކް ވާހަކަތަކަށް ނިމުމެއް އަތުވެދާނެ އެވެ. އެވާހަކަތަކަށް ރައްދުދިނުމަށް އަދާލަތަށް މަޖްބޫރުވާނެ އެވެ. ނޫނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ދެމެދު ސަރުކާރުން ސީރިޔަސް ވާހަކަތަކެއް ދައްކަމުންދާ ދަނޑިވަޅެއްގައި ގާސިމް އިބްރާހިމަށް ފާޑުވިދާޅުވެ މުޅި ވާހަކަތައް ހުއްޓާލައި، ބޮޑު ޒުވާބަކަށް ދާން ޖެހޭ ފަދަ ވާހަކައެއް މޫސަ ވިދާޅުވެދާނެ އެވެ. އެހިސާބުން މައްސަލަ އިތުރަށް ގޯސްވެ ދެކޮޅުވެރިކަން އިތުވެ ސަރުކާރަށް ޕްރެޝަރު ބޮޑުވާ ގޮތްވެދެ އެވެ. ރައީސް ނަޝީދުގެ ސިޔާސީ ދުޝްމަނުން އިތުރުވެދެ އެވެ. ރައީސް ނަޝީދުގެ ޑިޕްލޮމަސީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ރީކޯ މޫސަ ކަމަށް ބަލަން ޖެހޭ ސަބަބަކީ މި އެވެ.

ހަރުކަށިކަން އިސްކުރުން، ގޯސް ސިޔާސަތެއް

ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު ފެންނަ ބޭފުޅުންގެ ތެރެއިން އެންމެ ހަރުކަށި، އަދި ބަދަލު ހިފުމުގެ ރޫހެއްގައި ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ރީކޯ މޫސާ މަނިކެވެ. އެސަބަބަށްޓަކައި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ހިތުގެ އެންމެ އަޑިން މޫސަ ވަނީ ޖާގަ ކަށަވަރުކޮށްފަ އެވެ. އެ ޖާގަ އިތުރަށް ޔަގީން ކުރެއްވުމައްޓަކައި އޭނާ އެވާހަކަތައް ތަކުރާރު ކުރައްވަ އެވެ. ނަތީޖާއަކަށް ވަނީ ރުޅިވެރިކަމާއި ހަރުކަށިކަން ކުރިޔަށް ނެރޭ ބައެއްގެ ގޮތުގައި އެމްޑިޕީ ލޭބަލްވުމެވެ. އޯގާތެރިކަމާއި އަޅާލުމާއި ދީލަތިކަމުގެ ކުރިޔަށް އަނިޔާވެރިކަން އިސްކުރާ ބައެއްގެ ގޮތުގައި އެމްޑީޕީ ފެނުމެވެ.

ހަރުކަށިކަން ކުރިޔަށް ނެރެގެން ސިޔާސީ ގޮތުން ކާމިޔާބު ހޯދޭނެ ނަމަ އެކާމިޔާބު ހޯއްދަވާނެ އެއްބޭފުޅަކީ ރަޝިޔާގެ ލަޑީމީއާ ޒިރިނޯވސްކީއެވެ. އޭނާގެ ބައެއް ހަރުކަށި ވާހަކަތަކުތެރޭގައި، ރަޝިޔާ އިން ވަކިވެގަތުމަށް އުޅޭ ޗެޗްނިޔާގެ މުސްލިމް ރައްޔިތުންގެ ތެރެއަށް އެޓޮމިކް ބޮން އަޅައި އެމީހުންގެ ވަސްވެސް ދުނިޔެއިން ފޮހެލަން ގޮވައިލެއްވުން ހިމެނެ އެވެ. ޗެޗްނިޔާގެ މައްސަލަ ހައްލުކުރުމަށް ތިމަންނާޔާ ހަވާލުކޮށްފި ނަމަ ބަލި ބަކަރިއައިނެއް ކަތިލާހެން އެމީހުން ކަތިލައި ހުސްކުރާނެކަމަށްވެސް ޒިރިނޯވސްކީ ވިދާޅުވެފައިވެ އެވެ. ދެހާސް އަށް ވަނަ އަހަރު އިނގިރޭސީންނާއި ރަޝިޔާއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ގުޅިގެން އޭނާ ރަޝިޔާ ސަރުކާރަށް ގޮވާލެއްވީ އެޓްލާންޓިކް ކަނޑަށް ނިއުކްލިޔާ ބޮމެއް ވައްޓާލައި، އެއިން އުފެދޭ ރާޅުން އިނގިރޭސިވިލާތް ހަލާކުކޮއްލުމަށެވެ.

މިހާރު ރަޝިޔާގެ ޕާރލަމެންޓްގެ ތިރިގޭގެ ޑެޕިއުޓީ ސްޕީކަރެއްގެ މަގާމުގައި ހުންނަވައި ޒިރިނޯވސްކީ ވަނީ އެމެރިކާއަށާއި ދުނިޔެއަށް ބިރުވެރި އިންޒާރެއް ދެއްވާފަ އެވެ. ރަޝިޔާ ޑަބްލިއުޓީއޯ (ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން)ގެ މެންބަރަކަށްވާން ކުރާ މަސައްކަތަށް އެމެރިކާއި އދ. ހުރަސްއަޅާ ނަމަ ރަޝިޔާ އިން ތަރައްގީކޮށްފައިވާ ކަމަށް ބުނާ މޫސުން ކޮންޓްރޯލްކުރާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ އެތައް މިލިޔަން ބަޔަކު މަރާލާނެކަމުގެ އިންޒާރު އޭނާ ދެއްވީ މިދިޔަ މަހު ޓީވީން ލައިވްކޮށް ދެއްކި ޕްރޮގްރާމެއްގަ އެވެ.

އެ ބޭފުޅެއްގެ ހަރުކަށިކަމާއި ބަދަލުހުފުމުގެ ސިޔާސަތުތަކުގެ ސަބަބުން ތިމާގެ ޕާޓީއަށް ނާކާމިޔާބު ލިބެމުން އަންނަކަން ފާހަގަކުރެވޭ އަނެއް ބޭފުޅާކީ އިންޑިޔާގެ މިހާރުގެ އިދިކޮޅު ޕާޓީ ބީޖޭޕީގެ ލީޑަރު ލާލް ކްރިޝްނާ އަދުވާނީ އެވެ. އަދުވާނީ ސިފަކުރެވެނީ ހަރުކަށި، ހައްދުފަހަނަޅާފައިވާ ހިންދޫއެއްގެ ގޮތުގަ އެވެ. ބޮޑުވަޒީރުކަމަށް އޭނާ ކުރިމަތިލައްވާ ކޮންމެ ފަހަރަކު ފެއިލްވެވަޑައިގަންނަވަ އެވެ. އެހެން ދީންތަކުގެ މީހުންނާއި އެހެން ވިސްނުންތަކުގެ މީހުންގެ ތާއީދު އެބޭފުޅާއަށް ނުލިބުމުގެ ސަބަބުންނެވެ. އެކަމަކު އަދުވާނީއަކީ އިންޑިޔާގެ ސިޔާސީ މައިދާނުގައި އަދި އަމުދުން ބީޖޭޕީގައި އެންމެ ނުފޫޒުގަދަ، އެންމެ ދުވަސްވީ އެއް ލީޑަރެވެ.

މަޖިލިހުގެ މެޖޯރިޓީ ހޯދުމަށް ކުރާ މަސައްކަތާ ހިތާނުވުން

އެމްޑީޕީއަކީ މިހާރު ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ގޮނޑި ލިބިފައިވާ ޕާޓީއެވެ. ނަމަވެސް އެވަރަކުން ފުއްދާލައިގެން ވާކަށް ނެތެވެ. އެމްޑީޕީއަށް ކޮންމެހެން ހަދާފައި ނަމަވެސް މަޖިލިހުގެ ސާފު މެޖޯރިޓީ ހޯދަން އެބަޖެހެ އެވެ. އެއީ އެންމެ މަދުވެގެން 39 މެންބަރުންނެވެ. ނަމަވެސް ޔަގީންވާ ކަމަކީ މި އަދަދު ހަމަވާވަރަށް މަޖިލިހުގެ މެންބަރުންގެ ސޮއި އެ ޕާޓީ އަށް ހޯދިފައިނުވާ ކަމެވެ.

އަޑުތަކާއި ވާހަކަތައް ހުރި ގޮތުން އެމްޑީޕީއާ ގުޅެން ބުނާ ބައެއް މެންބަރުން ވަރަށް ބޮޑު ޝަރުތެއް ރައީސް ނަޝީދަށް ކުރިމަތި ކުރައްވާކަމަށްވެ އެވެ. އެއީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ރީކޯ މޫސާ މަނިކު ނޫން އެހެން ބޭފުޅަކު އައްޔަންކުރެއްވުމެވެ. ނަމަވެސް އެމްޑީޕީ އަށް މަޖިލީހުގެ ސާފު މެޖޯރިޓީ ލިބުން ރީކޯ މޫސަ ނޭދޭ ކަހަލަ އެވެ. ސަބަބަކީ ކޮބައިތޯ އެވެ. އެންމެ ކަމެކެވެ. އެތައް ދުވަހެއް ވަންދެން ކުރަމުން އައި އިންތިޒާރު ފުރިހަމަވާ އިރަށް، މެޖޯރެޓީ ލީޑަރުކަމުގެ މަގާމު ދޫކޮށްލަން ޖެހޭނެތީ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކު ހޮވުމުގެ ވޯޓުގައި ރީކޯ މޫސަ ސަލާމަތްވީ ރައީސް ނަޝީދުގެ "ޗާލާކީ" އުކުޅަކުން ކަމަށް މޫސައާ އިދިކޮޅަށް ވޯޓު ދެއްވި ބައެއް މެންބަރުން ގަބޫލުކުރައްވަ އެވެ. މޫސައާ ވާދަކުރެއްވި ބިލެއްދޫ ދާއިރާގެ މެންބަރު ހަމްޒާއަށް ލިބިވަޑައިގަތީ 14 ވޯޓެވެ. މޫސައަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

އެމްޑީޕީ އަށް މަޖިލިހުގެ ގޮނޑި ގިނަވުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމުގައި ދެމިހުރުމަށް މޫސައަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ. ޑީއާރުޕީގެ ތެރެއިންނާއި މިނިވަން މެންބަރުންގެ ތެރެއިން އެމްޑީޕީއާ ގުޅޭ މެމްބަރުންގެ ވިސްނުން މޫސަގެ "ހައްދުފަހަނަޅާފައިވާ" ވިސްނުމާ ތަފާތު ވުމަކީ ގާތްކަމެކެވެ. އެހެން ވެއްޖެ ނަމަ މޫސަގެ މަގާމު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.

އަދުލު އިންސާފުގެ ދާއިރާއާއި ސަރުކާރާ ގުޅުން ގޯސްވުން

ރާއްޖޭގައި މިއަދު ގާއިމްވެފައިވާ ޝަރުއީ ދާއިރާއަކީ އެމްޑީޕީގެ ވިސްނުމާ މާރައްޓެހި ދާއިރާއެއް ނޫނެވެ. ވެރިކަމަށް އައުމުގެ ކުރިން ވެސް އެމްޑީޕީން ދިޔައީ ޝަރުއީ ދާއިރާއަށް ފާޑުކިޔަމުންނެވެ. އޭރުވެސް އަދި މިހާރު ވެސް ޝަރުއީ ދާއިރާއަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުން ގެންދަވާ ފަރާތަކީ ރީކޯ މޫސައެވެ.

ސަރުކާރުން ކުރަން ބޭނުންވާ، އަދި ސިޔާސީ މަގުސަދުތަކަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ޖުޑީޝަރީގެ ސަބަބުން ނުވެގެން ދާތަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދަނީ ފެންނަމުންނެވެ. މިސަރުކާރުގެ އަމަލުތަކުންނާއި އަދި ސަރުކާރު ކަންކުރާ ގޮތަށް ބެލުމުން ފެންނަނީ ޝަރުއީ ދާއިރާގެ އިތުބާރު ހޯދުމަށް ސަރުކާރުން ގަދައަޅާ މަސައްކަތް ކުރާތަނެވެ. އެގޮތުން ރައީސް ނަޝީދު އެޅުއްވި އެންމެ މުހިއްމު އެއް ފިޔަވަޅަކީ ޖުޑީޝަލް ސަވިސް ކޮމިޝަނުން ވެލެޒިނީ ވަކިކުރެއްވި ކުރެއްވުމެވެ.

ނަމަވެސް ރައީސް ނަޝީދުގެ މި "ވިޔަފާރިއަށް" މާގިނަ ދުވަހެއް ނުވަނީސް ދެން ފެނުނީ ރައީސް ނަޝީދުގެ ހާޒިރުގައި ރީކޯ މޫސާ މަނިކު ޖުޑީޝަރީއަށް ބިރުދައްކައި އިންޒާރުދެއްވި މަންޒަރެވެ. ފަނޑިޔާރުން މަގާމުން ވަކިކޮށް ހިތުހުރި ގޮތަކަށް ކަން ކުރާ ހިސާބަށް މޫސަގެ ވާހަކަތައް ދުއްވާލި އެވެ. އެބައި މީހުންގެ މަގާމަށް ދެންވާނެ ގޮތަކާ މެދު ސުވާލު އުފެއްދުމަށް ޖުޑީޝަރީއަށް ނިސްބަތްވާ އެންމެނަށް މަޖްބޫރު ކުރުވި އެވެ. މިއީ ޖުޑީޝަރީއާ ގުޅުން ރަނގަޅުކުރަން ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް އެޅުނު ބޮޑު ހުރަހެއް ކަމަށް މެނުވީ ނުވެ އެވެ.

މީޑިޔާއާ ގުޅުން ބާއްވަން ސަރުކާރުން ކުރާ މަސައްކަތް ފެއިލްވުން

ރައީސް ނަޝީދަކީ ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. ރައީސް ނަޝީދަށް ވުރެން ވަކި ރަގަޅަށް މީޑިޔާގެ ބާރާއި އޭގެ ނުފޫޒު އެނގޭނެ މީހަކު އެމްޑީޕީއަކު ނުހުންނާނެ އެވެ. ނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ އެމްޑީޕި އަށް މިހާތަނަށް އެއްވެސް ނޫހެއް ފަތަހަ ނުކުރެވުމެވެ. އެއްވެސް މީޑިޔާ އައުޓްލެޓެއްގެ ހިތް ނުހޯދުމެވެ. ހާރަކަސް ތަރާވީހަކަސް އޮތް އެއްޗަކީ ކުރީގެ ސަރުކާރުން ޓީވީ މޯލްޑިވްސްގައި ބަގުޑިބައްދައިގެން އޮތް ގޮތަށް މި ސަރުކާރުން އެމްއެންބީސީގައި އޮޅުލައިގެން އޮންނަ އޮތުމެވެ.

އެމްޑީޕީއާ ދެކޮޅަށް މީޑިޔާ ތެދުކުރުވުމުގެ މުގުލުގައި ހުންނެވި ބޭފުޅަކީ ވެސް ޕާލިމެންޓްރީ ލީޑަރު މޫސާ މަނިކެވެ. ދެދުވަހުން އެއްދުވަހު މީޑިޔާ ހިންގަވާ ބޭފުޅުންނަށް "ވަގަށް" ގޮވައި، ހަރުގޭގައި ބާރަށް ހަޅޭލައްވަވައި ހައްދަވަ އެވެ. ޖެހިގެން އަންނަ ދުވަހު މީޑިޔާ އިން އެމްޑީޕީގެ ކޮންމެވެސް ކަމަކާ ގުޅުވައިގެން ރިޕޯޓެއް ހަދަ އެވެ.

މީޑިޔާތަކުން އެމްޑިޕީގެ، ނުވަތަ އެ ޕާޓީއާ ގުޅުން ހުރި މީހެއްގެ ނުވަތަ ތިމާގެ މީހެއްގެ ކަމެއްވެސް ފެނޭތޯ އަތްފުނާއަޅަ އެވެ. އެގޮތުން ހޯދައި ބަލައި ކަމެއް ނުފެންނަ ދުވަސްތަކުގައި "ޑިކީން ފެނުނު ރާފުޅިތަކޭ" ނުވަތަ "21 މިލިޔަން ޑޮލަރުގެ ފަޅުހިއްކުމުގެ ޕްރޮޖެކްޓޭ" ނުވަތަ "ޑޮލަރުގެ އަގުބޮޑުކުރުމުން މޫސައަށް 54 މިލިޔަން ރުފިޔާ ފައިދާވެއްޖެޔޭ" ނުވަތަ "ފަނޑިޔާރުންނަށް އިންޒާރު ދީފިއޭ" ކިޔައިގެން ކޮންމެވެސް ރިޕޯޓެއް ހަދަ އެވެ. ހަމައެކަނި އެންމެ ސަބަބަކާ ހުރެ އެވެ. ރީކޯ މޫސާ މަނިކުގެ އަނގައިގައި ފެން ނުހިފެއްހެއްޓުމުގެ ސަބަބުންނެވެ.

މީޑިޔާގެ މިފަދަ ވާހަކަތަކުގެ ސަބަބުން ހަގީގަތުގައި ސީޔާސީގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބެނީ އެމްޑީޕީއަށެވެ. ރައީސް ނަޝީދުގެ ސަރުކާރަށެވެ. ދެހާސް ތޭރަ ވަނަ އަހަރު ރައީސް ނަޝީދު ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ކުރައްވާ މަސައްކަތަށެވެ. މައުމޫނު ޢަބްދުލްޤައްޔޫމަށް އިންތިހާބު ނާކާމިޔާބުވުމުގެ ސަބަބަކަށް ޔާމީން ވީ ފަދައިން، ނަޝީދަށް 2013 ވަނަ އަހަރު ނާކާމިޔާބީ ލިބުމުގެ ސަބަބަކަށް ރީކޯ މޫސަ ވަނީ ހެއްޔެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް