ޒީ އެވޯޑުގެ އެންމެ މޮޅު އެކްޓަރުންނަށް ހޮވުނީ އާލިއާ އާއި އަމީތާބް!

އާލިއާ އާއި އަމީތާބް: ޒީ އެވޯޑުގެ އެންމެ މޮޅު އެކްޓަރުން

ނިމިގެން ދިޔަ ޒީ ސިނެ އެވޯޑްސް 2017 ގައި އެންމެ މޮޅު އަންހެން އެކްޓަރަކަށް އާލިއާ ބަޓް، އަދި އެންމެ މޮޅު ފިރިހެން އެކްޓަރަކަށް އަމީތާބް ބައްޗަން ހޮވިއްޖެ އެވެ.

އާލިއާ އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައި ވަނީ ފިލްމު 'އުޅްތާ ޕަންޖާބް' ގައި ކުޅެފައިވާ ބިހާރީ އަންހެން ކުއްޖާގެ ރޯލަށެވެ. އާލިއާ ވަނީ ހަމަ އެ ފިލްމުން ފިލްމު ފެއާ އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ވެސް ހޯދައިފައެވެ.

އަމީތާބަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ފިލްމު 'ޕިންކް' ގައި އޭނާ އަދާކޮށްފައިވާ ވަކީލުގެ ރޯލުންނެވެ.

ބެލުންތެރިން ހޮވާ އެންމެ މޮޅު އެކްޓަރުންގެ އެވޯޑް ލިބުނީ ސަލްމާން ޚާން އަދި އަނުޝްކާ ޝަރްމާ އަށެވެ.

އިތުރު އެވޯޑުތަކަށް ބަލާއިރު، އެންމެ މޮޅު ފިލްމުގެ އެވޯޑު ގެންދިޔައީ 'ޕިންކް' އެވެ. ބެލުންތެރިން ހޮވި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ އާމިރް ޚާންގެ ފިލްމު 'ދަންގަލް' އަށެވެ.

ހުނަރުވެރި އެކްޓަރު ރިޝީ ކަޕޫރު ވަނީ 'ކަޕޫރު އެންޑް ސަންސް' އިން ދެ އެވޯޑެއް ހޯދައިފައެވެ. އެއީ އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން) އަދި މަޖާ ރޯލަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ. އެންމެ މޮޅު އަންހެން ސަޕޯޓިންގ އެކްޓަރަކަށް ހޮވުނީ ފިލްމު 'ނީރްޖާ' އިން ޝަބާނާ އަޒްމީ އެވެ.

ބޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އެވޯޑު ހަފްލާގައި ކަރީނާ ކަޕޫރު، އާލިއާ ބަޓް އަދި އަނުޝްކާ ޝަރްމާގެ ހުށަހެޅުންތައް ފެނިގެން ދިޔައެވެ.

comment ކޮމެންޓް