އައިޑޮލްގެ ގަދަ 10 އަކުން ޖާގަ ނުލިބި ޝަޒާ ވަކިވާން ޖެހިއްޖެ

އައިޑޮލްގެ ގަދަ ދިހަ އަކުން ޖާގަ ނުލިބި، ވަކިވާންޖެހުނު ޝަޒާ--- ފޮޓޯ/ މޯލްޑިވިއަން އައިޑޮލް ޕޭޖް

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގާލާ ރައުންޑުގެ ދެވަނަ ޝޯ ގައި ހިތްގައިމު ލަވަތަކެއް ހުށަހެޅުމަށްފަހު އައިޑޮލްގެ ގަދަ 10 އަކުން ޖާގަ ނުލިބި ޝަޒާ އަބްދުﷲ ރަޝީދު މުބާރާތުން ވަކިވާން ޖެހިއްޖެއެވެ.

ރޭ ބޭއްވި ޝޯ ގައި ބައިވެރިންގެ ލަވަތައް ޚާއްސަ ކޮށްފައިވަނީ ޅެންވެރިކަަމަށެވެ.

މީގެ ކުރިން ޖަޖުންގެ ފަރާތުންވެސް ރަނގަޅު ކޮމެންޓްތަކެއް ލިބެމުން އައި ޝަޒާ ކަޓާފައިވަނީ ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ.

ޝަޒާ މުބާރާތުން ވަކިވެގެން ދިޔުމާ އެކު ދެން މުބާރާތުގައި ހުރި ހަމައެކަނި އަންހެން ބައިވެރިޔަކީ އައިޝަތު ޖައިޝާ (ޖައި) އެވެ.

އައިޑޮލްގެ ގަދަ ދިހައެއް ހޮވުމަށް ބޭއްވި އެލިމިނޭޝަން ނައިޓްގެ ގެސްޓު ޖަޖު ޝިފާ ތައުފީގް --- ފޮޓޯ/ މޯލްޑިވިއަން އައިޑޮލް ޕޭޖް

މިރޭގެ ޝޯގެ ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގެވެ. މިރޭގެ ޝޯގައި ވަނީ ޝިފާގެ ހިތްގައިމު ލަވަތަކަކަށް ހުރިހާ ބައިވެރިންވެސް ޑުއެޓް ލަވަތަކެއް ހުށަހަޅައިދީފައެވެ.

މިރޭގެ ޝޯ އަންހެން ކަނބަލުންނަށް ޚާއްސަ ކޮށްލާފައި ވާއިރު، ޖަޖު މަރިޔަމް އުނޫޝާ (ކިޑީ) އާއި ޕްރެޒެންޓަރު ލަމްހާ ލަތީފް ވެސް ވަނީ ލަވައެއް ހުށަހަޅާފައެވެ.

ފޯރިގަދަ ހުށަހެޅުންތަކަކަސް ފަހު އައިޑޮލްގެ ގަދަ ދިހައަކަށް ދަތުރުކުރި ބައިވެރިންނަކީ، މުހައްމަދު ރީހާން، އިބްރާހިމް ވަހީދު (ބޮޑުބެ)، މުހައްމަދު ތަސްނީމް (ބޮބް)، ޝަމްވީލް މުހައްމަދުގެ އިތުރުން އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން (ޒަކިއްޓެ)، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ (ޖައި) އަދި އަބްދުﷲ ހިޝާންއެވެ.

comment ކޮމެންޓް