މާލޭގައި ބެހެއްޓިތާ އަހަރެއް ނުވަނީސް ކަޅުއޮށްފުންމި މަރާމާތު ކުރަން ސިފައިންގެ ބެލުމުގެ ދަށަށް

ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި މާލެ ގެނައުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މިނިވަން ކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮއްފުންމިއާ އެއްގޮތަށް ބަނދެފައިވާ އޮޑި މަރާމާރު ކުރުމަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށް ޓަކައި އުތީމު ބޮޑުތަކުރުފާނުގެ ލަފަޔަށް ބަނދެ ރާއްޖެ މިނިވަން ކުރުމަށް ބޭނުން ކުރި ކަޅުއޮށްފުންމީގެ ނަމޫނާއަކަށް އޮޑިއެއް ބަދެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފަންސާސް އެއް ފޫޓު ހަ އިންޗީގެ ބޮޑު މިނަށް ބަން އެ އޮޑި މާލެ ގެނެސް މިހާތަނަށް ބާއްވާފައިވަނީ މާލޭގެ ސިޓީ ޕާކުގައެވެ.

އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ، ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން ކަޅުއޮށްފުންމި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި، ކަޅުއޮށްފުންމި މަރާމާތު ކުރަމުން ގެންދަނީ އެސްޓީއޯ އިން ތެޔޮ ރައްކާ ކުރާ ކ.ފުނަދޫގައެވެ. ނަމަވެސް އޮޑިއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް ނުލިބެއެވެ.

މިނިވަން 50 އާ ގުޅިގެން ސަލްޓަން ޕާކުގައި ބަހައްޓާފައި ހުރި ލެޑް ގަސްތަކާއެކު ތަރައްގީ ކޮށްފައިވާ ސިޓީ ޕާކުގައި އޮޑި ބަހައްޓާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ޕާކު ރަސްމީކޮށް އާއްމުންނަށް ހުޅުވާލާފައެއް ނުވެއެވެ.

comment ކޮމެންޓް