"މުސްކުޅި އުމުރުގައި އަލަށް މަންމައަކަށް ވުމަކީ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމެއް"

ޑަލްޖިންދަރު އާއި އޭނާގެ ފިރިމީހާ މޮހިންދަރު ސިންހު، ދަރިފުޅު އަރުމާނާ އެކު -- ފޮޓޯ: ކަވާ އޭޝިއާ ޕްރެސް

މުސްކުޅި އުމުރުގައި ދަރިއެއް ހޯދުމަށް ފަހު ދަރިފުޅު ބެލުމަކީ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމެއް ކަމަށް އުމުރުން 72 އަހަރުގައި އަލަށް މަންމައަކަށްވި އިންޑިއާގެ އަންހެނެއް ކަމަށްވާ ޑަލްޖިންދަރު ކޯރު ބުނެފި އެވެ.

ޑަލްޖިންދަރު ބުނި ގޮތުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު އޭނާ ވިހެއި ފަހުން އޭނާގެ ސިއްހީ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ލޭގެ ޕްރެޝަރު މަތިވެ، އޭނާގެ ހުޅުތަކުގެ ބާރު ދެރަވެ، އަވަސް އަވަހަށް ވަރުބަލިވާ ކަމަށް ޑަލްޖިންދަރު ބުންޏެވެ. އަދި ޑޮކްޓަރުންނަށް ދެއްކުމުން ދީފައި ވަނީ ހަމައެކަނި ބޭހާއި ކެއުން ބަހައްޓަންވީ ގޮތުގެ ރޭވުމެއް ކަމަށް ޑަލްޖިންދަރު ބުންޏެވެ.

ޑަލްޖިންދަރު އާއި އޭނާގެ ފިރިމީހާ، މޮހިންދަރު ސިންހަށް އައިވީއެފްގެ އެހީގައި ދަރިއަކު ލިބުނީ ކުއްޖަކު ހޯދަން މަސައްކަތް ކުރާތާ 46 އަހަރު ފަހުންނެވެ. ޑަލްޖިންދަރު އައިވީއެފް ހެދީ އިންޑިއާގެ ހަރްޔާނާ ސްޓޭޓުގައި ހުންނަ ނެޝަނަލް ފާޓިލިޓީ އެންޑް ޓެސްޓު ޓިއުބް ބޭބީ ސެންޓަރުންނެވެ.

އެ ސެންޓަރުގެ ވެރިޔާ އަނޫރަގް ބިޝްނޯއި ވިދާޅުވި ގޮތުގައި ޑަލްޖިންދަރަށް އައިވީއެފް ފަރުވާ ދީފައި ވަނީ ކުއްޖަކު ހޯދަން އޭނާގެ ސިއްހީ ހާލަތު ތަންދޭކަން ގިނަ އަދަދެއްގެ ޓެސްޓުތަކުން ޔަގީންވުމުންނެވެ.

ޑަލްޖިންދަރު އާއި އޭނާގެ ފިރިމީހާ މޮހިންދަރު ސިންހު، ދަރިފުޅު އަރުމާނާ އެކު -- ފޮޓޯ: އޭއެފްޕީ

ކަވާ އޭޝިއާ ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ޑަލްޖިންދަރު ބުނި ގޮތުގައި ދަރިފުޅު އަރުމާނު ވިހެއި އިރު އެކުއްޖާގެ ބަރުދަނަކީ 1.7 ކިލޯ އެވެ. އަދި މިހާރު އެކުއްޖާގެ ބަރުދަނަކީ 6.8 ކިލޯ ކަމުން އަރުމާނުގެ އުމުރާ އެކަށީގެންވާ ވަރަށް އެކުއްޖާގެ ބަރުދަން އިތުރު ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި ދަރިފުޅު އެހާވަރަށް ކުޑައީ ދަރިފުޅަށް އެކަށީގެންވާ ވަރަށް ގާތުން ނުދެވޭތީ. ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުއުފެއްދޭތީ އަޅުގަނޑަށް ޖެހުނީ ތިން މަސް ފަހުން ގާތުން ދިނުން ހުއްޓާލަން. އަދި ދަރިފުޅުގެ ބަރުދަން އިތުރު ކުރާނެ ބޭހެއް ދޭން އެދުމުން ޑޮކްޓަރުން ވަނީ ބޭހާ ނުލައި، ގުދުރަތީ ގޮތުން ދަރިފުޅުގެ ބަރުދަން އިތުރުވާން ފުރުސަތު ދިނުމަށް ބުނެފައި،" ޑަލްޖިންދަރު ބުންޏެވެ.

އަރުމާނުގެ ބަރުދަން ލުއިވި ނަމަވެސް އެއީ ވަރަށް އުފާވެރި އަދި ހަރަކާތްތެރި ކުއްޖެއް ކަމަށް ޑަލްޖިންދަރު ބުންޏެވެ. އެހެންކަމުން ދަރިފުޅު ވިހެއި ފަހުން ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ދަރިއަކު ހޯދަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ.

comment ކޮމެންޓް