ތިނަދޫ ފްލެޓުތަކަށް ކުރިމަތިލާ މީހުންގެ ގެދޮރުވެރިކަމުގެ މައުލޫމާތު ސައްހަތޯ ބަލާ މުއްދަތު އިތުރުކޮށްފި

ތިނަދޫގައި އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: ޖައިޝަމް އަހުމަދު

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ފްލެޓްތަކަށް ކުރިމަތިލާފައިވާ މީހުންގެ ގޯތި ގެދޮރުގެ ތަނަވަސްކަމާގުޅޭ މައުލޫމާތު ސައްޚަތޯ ބެލުމަށް ހައުސިން މިނިސްޓްރީން ދިން މުއްދަތު އިތުރުކޮށްދީފިއެވެ.

ހައުސިން މިނިސްޓްރީން ކުރިން ފުރުސަތު ހުޅުވައިލީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެކަމާ ގުޅޭ ފޯމް ފުރިހަމަކުރުމަށްފަހު ތިނަދޫ ކައުންސިލް އިދާރާ މެދުވެރިކޮށް މިނިސްޓްރީ އަށް ހުށަހެޅުމަށެވެ. ނަމަވެސް މިހާރު އެމުއްދަތު ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މުއްދަތު އިތުރުކުރީ ގޯތި ގެދޮރުގެ ތަނަވަސްކަމާގުޅޭ މައުލޫމާތުގެ ސައްޙަކަން ސާފު ކުރާ ފޯމުގައިވާ މައުލޫމާތުތަކުގެ ތެރެއިން ސަރުކާރުގެ ގުޅުންހުރި އެހެން އިދާރާތަކުން، ސާފުކުރަންޖެހޭ މައުލޫމާތު އެރަށު ކައުންސިލަށް ލިބުން ލަސްވާތީއެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި އެ ރަށުގައި އަޅާފައިވާ ފްލެޓްތަކުގެ އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 600 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ އިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް 250 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ. ބާކީ 15 ފްލެޓު ހަމަޖައްސާފައި ވަނީ ވިޔަފާރި އުސޫލުން ވިއްކުމަށެވެ.

ސަރުކާރުން ތިނަދޫގައި އަޅާފައިވާ 120 ފްލެޓުގެ ތެރެއިން އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓު ޚާއްސަކޮށްފައި ވަނީ ތިނަދޫ ރަށްވެހިންނަށެވެ. ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓު ޚާއްސަކޮށްފައި ވަނީ ތިނަދޫއަށް ހިޖުރަ ކުރާ މީހުންނަށެވެ.

comment ކޮމެންޓް