މުލަކު އަތޮޅުގެ ކުޑަކުދިންނަށް ޑރ. ނިޔާފުގެ ހަދިޔާއެއް، އަތޮޅުގެ ހާއްސަ ޝުކުރު!

މުލަކު އަތޮޅުގެ ރަށްރަށުގެ ބެލެނިވެރިންނަށް ޑރ. ނިޔާފް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ އޭޑީކޭ

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން މާލެ އައިސް ޑޮކްޓަރަށް ދެއްކުން ގިނަ ފަހަރު ވެފައި އޮންނަނީ ތަކުލީފަކަށެވެ. އައިސް ތަނެއް ކުއްޔަށް ހިފަން ޖެހެ އެވެ. ނޫނީ މީހަކަށް ލާރިއެއް ދީގެން ދިވަހު ކުއްޔަށް ކޮޓަރިއެއް ހޯދަން ޖެހެ އެވެ. އަދި އެ ހުންނަ ދުވަސްތަކަށް ކެއުމުގެ ހަރަދު އެހާ ބޮޑެވެ.

އެކަހަލަ ކަންކަން އެހެން ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތިގެން މާލެ ނާދެވިފައި ތިބޭ މީހުން ބައިވަރެވެ. އޭގެ މާނައަކީ ހާއްސަ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ދެއްކުމުން އެމީހުން މަހުރޫމު ވާންވީކީ ނޫނެވެ.

ރަށުގައި ތިބެގެން ހާއްސަ ބަލިތަކަށް ފަރުވާ ދެއްވާ ޑޮކްޓަރުންގެ ފަރާތުން ސިއްހީ މައުލޫމާތުތަކެއް ލިބުމަކީ އެންމެން ވެސް އެދޭނެ ގޮތެކެވެ. އާންމުންގެ އެ އެދުމަށް އަމަލީ ސިފައެއް ގެންނަން މިފަހަރު އިސްކަމެއް މިދިނީ އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް އެވެ.

މުލަކު އަތޮޅުގެ ރަށްރަށުގެ ބެލެނިވެރިންނަށް ޑރ. ނިޔާފް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ އޭޑީކޭ

މުލަކު އަތޮޅަށް އޭޑީކޭއިން ކުރި ދަތުރެއްގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ކުޑަކުދިންގެ ސިއްހަތާއި، ކުދިންނަށް ޖެހޭ ބަލިތަކާއި ކުދިންނަށް ކާންދިނުމުގައި ގެންގުޅެންވީ އުސޫލުތަކާ ބެހޭ މައުލޫމާތުތަކެއް ޑރ. ނިޔާފް ވަނީ ބެލެނިވެރިންނާ ހިއްސާ ކުރައްވައިފަ އެވެ.

މުލަކު އަތޮޅު ދިއްގަރު ކައުންސިލުގެ ރައީސް އިމްރާން އިސްމާއިލް 'ސަން' އަށް ވިދާޅުވީ މާލެ އައިސް ޑޮކްޓަރަށް ދެއްކުން ރަށުގެ ގިން މީހުންނަށް ދަތި ކަމަކަށްވެފައިވާ ކަމަށެވެ. އެއީ މާލީ ތަނަވަސް ކަން ހުންނަ ގޮތުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އޭޑީކޭގެ ފަރާތުން ޑރ. ނިޔާފް އަދި ޑައިޓިޝަނެއް ވަޑައިގެން އެ ރަށުގައި ބޭއްވި މައުލޫމާތު ބައްދަލުވުން ގިނަ ބަޔަކަށް ހިނިތުންވުން ގެނެސްދިން ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިރަށުން ވެސް 300 އެއްހާ މީހުން މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން. ބެލެނިވެރިންނަށް ޑރ. ނިޔާފް ފަދަ ބޭފުޅަކާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްލަން ލިބުނީމާ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ދިއްގަރު ކައުންސިލުގެ ރައީސް އިމްރާން ވިދާޅުވި އެވެ.

މުލަކު އަތޮޅުގެ ރަށްރަށުގެ ބެލެނިވެރިންނަށް ޑރ. ނިޔާފް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ އޭޑީކޭ

މުލަކު އަތޮޅުން މައުލޫމާތު ސެޝަނުގައި ބައިވެރިވި ބެލެނިވެރިއަކު ބުނީ އެ ބައްދަލުވުމުގައި އެންމެން އެއްތަނަކަށް އެއްވެ އެއްބަޔަކު ކުރާ ސުުވާލަށް އެ ލިބޭ ޖަވާބު އެހެން އެންމެންނަށް ވެސް ފައިދާވެގެން ދިޔަ ކަމަށެވެ. އަދި ދަރިފުޅުގެ ސިއްހަތާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

"ދަރިފުޅު ނުކައިފި ނަމަ ދެން ހަދާނެ ގޮތާއި. ހުން އައިސް ރޯގާވެއްޖެ ނަމަ ދެން ހަދާނެ ގޮތާއި ކަންކަން ވަރަށް ބޮޑަަށް ސާފުވި،" ބެލެނިވެރިޔާ ބުންޏެވެ.

އޭޑީކޭގެ މާކެޓިންގް މެނޭޖަރު މުހައްމަދު ޖިނާހު 'ސަން' އަށް ވިދާޅުވީ މުލަކު އަތޮޅަށް ކުރި ދަތުރު ވަރަށް ކާމިޔާބު ކަމަށެވެ. އަދި ކުރިއަށް ގެންދިޔަ މައުލޫމާތު ބައްދަލުވުންތަކުގެ ދަބަބުން ގިނަ ބަޔަކަށް ފައިދާ ވެގެން ދިޔަ ކަމަށް ގަބޫލު ކުރާ ކަމަށް ޖިނާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަރުހީބެއް މައުލޫމާތު ސެޝަންތަކަށް ލިބިގެން ދިޔަ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ސެޝަންތައް އަތޮޅުތަކުގައި ބޭއްވުމަށް ވިސްނުން ހުރީ،" ޖިނާހް ވިދާޅުވި އެވެ.

އޭޑީކޭއިން ވަނީ އެކަންކަން އިންތިޒާމުކޮށް ދިނުމުގައި އެހީތެރިވެދިން ދިއްގަރުގެ ޓީއެފްއެމް ކުލަބަށާއި މުލަކު އަތޮޅު ކައުންސިލަށް އަދި މުލަކު އަތޮޅުގައި ހަރަކާތްތެިވާ ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮންމެ ގޮތެއް ވިޔަސް މުލަކު އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ކުޑަކުދިން ގެންގުޅޭ މީހުންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެހެން އަތޮޅުތަކުގެ މީހުން ވެސް މިކަމަށް އިންތިޒާރު ކުރާނެކަން ޔަގީނެވެ.

comment ކޮމެންޓް