ސުޝްމީތާ އަދިވެސް ހުސްކޮށް ހުންނަނީ ކީއްވެ؟

ސުޝްމީތާ ސެން ---

ރީތީގެ ރާނީ އަދި އެކްޓްރެސް ސުޝްމީތާ ސެން އަކީ އަންހެނުންނަށް ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މީހެކެވެ. އޭނާގެ ރީތިކަމުގެ ސަބަބުން ނޫނެވެ. އޭނާގެ ހިތްވަރުގަދަކަމާ 'އިންޑެޕެންޑެންޓް' ކަމުގެ ސަބަބުންނެވެ.

ސުޝްމީތާ އެންމެންގެ ހިތް އަތުލީ 2000 ވަނަ އަހަރު، އުމުރުން އެންމެ 25 އަހަރުގައި އަންހެން ކުއްޖަކު އެޑޮޕްޓު ކުރުމުންނެވެ. ކައިވެންޏެއް ނުކޮށް، ކުއްޖަކު އެޑޮޕްޓުކޮށް، އެކަނިމާ އެކަނި ކުއްޖަކު ތަރުބިއްޔަތު ކުރުމުގެ މަސައްކަތް ފެށުމުންނެވެ. އެކަން ވެގެން ދިޔައީ އެކަނިވެރި މައިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ.

އޭގެ ފަހުން 2010 ވަނަ އަނެއްކާ ސުޝްމީތާ ވަނީ އަނެއްކާ ވެސް އަންހެން ކުއްޖަކު އެޑޮޕްޓު ކޮށްފައެވެ. އެއާއެކު އޭނާގެ އަމިއްލަ ދިރިއުޅުމަށް އަބަދު ވެސް މީހުންގެ ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ. ނަމަވެސް ސުޝްމީތާ ނިންމީ މީހުން ކިޔާ އެއްޗަކަށް ނުބަލައި އޭނާއަށް ރަނގަޅު ކަމަށް ފެންނަ ގޮތަށް ދިރިއުޅުން ކުރިއަށް ގެންދާށެވެ.

ސުޝްމީތާ މިވަނީ ފިރިއަކު ނެތް ނަމަވެސް، ދަރިން ގޮވައިގެން ކާމިޔާބު އުފާވެރި ހަޔާތެއް ވޭތުކުރެވޭނެ ކަން ސާބިތުކޮށް ދީފައެވެ. ނަމަވެސް މިހާރު ވެސް އޭނާއަށް އެންމެ ގިނައިން އަމާޒުވާ ސުވާލަކީ އަދިވެސް މީހަކާ ނީނދެ ހުހަށް ހުންނަނީ ކީއްވެތޯ އެވެ.

ސުޝްމީތާގެ އުމުރުން މިހާރު 41 އަހަރު ވެފައިވާ އިރު، ލޯބީގެ ގޮތުން ވަނީ މީހުންނާ ގުޅިފައެވެ. އޭގެ ތެރޭގައި އެކްޓަރު ރަންދީޕް ހޫޑާ، ވިކްރަމް ބަޓް ފަދަ ފަންނާނުން ފާހަގަ ކޮށްލެވެ އެވެ. ނަމަވެސް ކައިވެންޏާ ހަމައަށް ދާ ވަރެއް ނުވެ އެވެ.

ސުޝްމީތާ މިވަނީ އެންމެ ފަހުން އޭނާ ހުސްކޮށް ހުންނަ ސަބަބުން ހާމަކޮށްފައެވެ. އިންސްޓަގްރާމް ޕޯސްޓެއްގައި ސުޝްމީތާ ބުނެފައި ވަނީ އޭނާ އަދި ކައިވެންޏަށް ތައްޔާރު ނޫން ކަމަށެވެ. ސަބަބު އެނގޭ ހެއްޔެވެ؟

"ކީއްވެ އަދިވެސް ހުސްކޮށް؟ މީހުން މި ސުވާލު ކުރޭ. ކީއްވެ ހުސްކޮށް ނުހުންނަންވީ؟ އަހަރެން ޖަވާބު ދެން. އަހަރެންގެ ނިންމުމާ މެދު އަހަރެން މި ހުންނަނީ ވަރަށް ހިތްހަމަ ޖެހިގެން. އެހެން މީހުންގެ ނިންމުމަށް ވެސް އަހަރެން އިހުތިރާމު ކުރަން. އަދި އެއީ ކޮންމެ ނިންމުމެއް ވިޔަސް. ސިންގަލްސް ވިޔަސް ޑަބަލްސް ވިޔަސް ކުޅެނީ މޮޅުވާން! އަހަރެންގެ ވާހަކަ ދައްކާ ނަމަ، އަލިފާނާ ކުޅެން ކެރޭ ވަރުގެ ފިރިހެނަކާ އަދި ދިމާ ނުވޭ،" ސުޝްމީތާ ބުނެފައިވެ އެވެ.

ސުޝްމީތާ އަކީ ރީތިކަމާ އެއްވަރަށް ވިސްނުން ވެސް ތޫނު އަންހެނެކެވެ. ސުޝްމީތާ ކަހަލަ އަންހެނެއްގެ ހިތާ ކުޅެލެވޭ ވަރުގެ ފިރިހެނަކު އަދި އޭނާއަށް ދިމާނުވަނީ އެވެ. ހުސްކޮށް ހުރީ އެހެންވެ އެވެ.

comment ކޮމެންޓް