ބާސާ-ޕީއެސްޖީ މެޗުގެ ރެފްރީއަށް ސަސްޕެންޝަނެއް!

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ބާސާއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި ބާސާއަށް ރެފްރީ އަޔިޓެކިން ޕެނަލްޓީއެއް ދެނީ --- ފޮޓޯ: ޕީއޭ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހު ބާސެލޯނާއާއި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ބައްދަލުކުރި މެޗުގެ ރެފްރީއަށް ސަސްޕެންޝަނެއް ކުރިމަތިވާނެ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ބާސާއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި ޖަރުމަން ރެފްރީ ޑެނިޒް އަޔިޓެކިން ވަނީ ސުވާލުއުފެދޭ ނިންމުންތަކެއް ނިންމައިފައެވެ.

އެ މެޗުގައި ރެފްރީ އަޔިޓެކިންގެ ބައެއް ނިންމުންތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން އެ މެޗުގައި ބާސާގެ ލުއިސް ސުއަރޭޒަށް ޕީއެސްޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފައުލްކުރި ކަމަށް ނިންމައި ޕެނަލްޓީއެއް ދިނުމާއި، ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕީއެސްޖީގެ އެންހެލް ޑި މަރިއާއަށް ފައުލްކުރުމުން ޕެނަލްޓީއެއް ނުދިނުން ހިމެނެއެވެ. އޭގެ އިތުރުން ވެސް އެ މެޗުގައި ރެފްރީގެ ބައެއް ނިންމުންތައް ގޯސްކަމަށް ގިނަ ބަޔަކު ފާހަގަކުރަމުންދެއެވެ.

ހަބަރުތައް ބުނާގޮތުގައި، ޔޫއެފާއިން އެ މައްސަލަ ބެލުމަށްފަހު ރެފްރީ އަޔިޓެކިންއަށް މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ އިތުރު މެޗެއްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ނުދޭގޮތަށް ސަސްޕެންޑްކުރާނެއެވެ.

ޔޫއެފާގެ ރެފްރީ ކޮމިޓީގެ ވެރިޔަކީ ކުރީގެ މަޝްހޫރު ރެފްރީއެއް ކަމަށްވާ ޕިއާލުއިޖީ ކޮލީނާއެވެ. ދުނިޔޭގައި އުފެދުނު އެންމެ އިންސާފުވެރި އަދި އެންމެ މޮޅު ރެފްރީންގެ ތެރޭގައި ކޮލީނާ ހިމެނެއެވެ.

ފުރަތަމަ ލެގު މެޗުގައި ބާސާގެ މައްޗަށް 4-0 ލަނޑުގެ ބޮޑު ތަފާތަކުން ޕީއެސްޖީ ކުރި ހޯދާފައިވީ ނަމަވެސް، ދެވަނަ ލެގު މެޗު 6-1 ލަނޑުން ކާމިޔާބުކޮށް ބާސާއިން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ކުއާޓާއަށް ބާސާ ދަތުރުކުރީ 6-5 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

comment ކޮމެންޓް