ކުޅެދޭ މީހުންގެ ވާހަކަތަކަށްވުރެ، މާއިޒްގެ ވާހަކަ މާ އަސަރުގަދަ!

މާއިޒް: ވާހަކަ ދެއްކުމުގައި އުނދަގޫކަމެއް ހުއްޓަސް މާއިޒުގެ ބަސްމޮށުމުގައި މާއިޒް ވަރަށް ކުޅަދާނަ-- ފޮޓޯ/ އަސުރުމާ

އެ ކުދިންގެ ހާލަތު ބަޔާންކޮށްދެނީ އެ ކުދިންގެ އަމަލުންނެވެ. އެ ކުދިންގެ ދިރިއުޅުމުގެ ވާހަކަ ބުނެދެނީ ހަރަކާތްތަކުންނެވެ. އެ ކުދިންގެ ސިފަކުރުން ވިސްނައި ގަނެވެނީ ބުނެދޭ ބަސްތަކުންނެވެ. އެ ކުދިން މާ މޮޅެވެ. ބަސް މޮށުންތެރިކަމާއި ހާލަތު ބަޔާންކޮށްދިނުމާއި ސިފަ ކޮށްދިނުމުގައި މިވަރެއް ނެތެވެ. ރޭ ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ. އިވުނީ ތަފާތު އަޑެކެވެ. އެފަދަ ކުއްޖެއްގެ އިހުސާސްތައް އަދި އާދޭސް، އުދާސްތަކާ އެކު ބަންޑުންކޮށްލި އެވެ.

ހއ. އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި އެ ރަށު މާއިޒްގެ އަސަރުގަދަ ބަސް މޮށުންތެރިކަމަކީ އެންމެންނަށް ހުރި ލާމަސީލު މިސާލެކެވެ. ހިނގާބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުގައި މާއިޒަށް ދަތިތަކެއް ކުރިމަތިވެ އެވެ. ނަމަވެސް މާއިޒްގެ އެ ހާލަތާއެކު އޭނާ ދެއްކި ވާހަކަތަކުން ހީބިހި ނެގި އެވެ. އެ ވާހަކަތަކުގެ އަސަރު މާ ގަދައެވެ.

އިހަވަންދޫގައި ބޭއްވި އެ ޖަލްސާ ގައުމީ ޓީވީ، ޓީވީއެމް މެދުވެރިކޮށް މުޅި ރާއްޖެއަށް ވަގުތުން ދައްކަމުންދިޔަ އިރު، މާއިޒް އަޑު އިއްވަމުން ދިޔައީ ނުކުޅެދޭ ކުދިންގެ އާދޭހެވެ. އެ ކުދިން ބޭނުންވާ ކަންކަމުގެ ވާހަކައެވެ. އެކި ގޮތްގޮތުން ނަމަވެސް ތަފާތުކުރުން ގެންގުޅޭތީ އެކަމުގެ ވޭނުގެ ވާހަކައެވެ. އެ ވާހަކަތައް ދެއްކީ ލިޔުމެއް ބަލައިގެންނެއް ނޫނެވެ. އަދި ޕޮއިންޓުތަކެއް ނޯޓު ކޮށްގެނެއް ވެސް ނޫނެވެ.

މާއިޒްގެ ވާހަކައިން ފަށަމާ ހިނގާށެވެ. މާއިޒްގެ ވާހަކާގައި ފުރަތަމަ ވެސް ބުނީ "އަޅުގަނޑުމެންނަކީ މުޖުތަމައުން އެއްލާލާފައިވާ ބައެއް" ކަމަށާއި މާއިޒްފަދަ ކުދިން ބާކީކޮށްފައި ވަނީ އުނި ސިފައެއް ހުންނާތީ ކަމަށެވެ. މުޖުތަމައުގެ ފަރުދުންގެ ފަރާތުން އަޅާލުމާ އޯގާތެރިކަން މިއަދު ނުލިބޭކަމަށް މާއިޒް ބުންޏެވެ.

އަޅުގަނޑުމެންނަކީ އެއްލާލާފައިވާ ކުނިކޮޅެއް ނޫން

މާއިޒް ވޭނާއެކު ބުނަނީ މިހެންނެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީކުރާ ވާހަކައެވެ. އެކުދިންނަށް ލިބެންޖެހޭ އަޅާލުމާ ލޯބި ނުލިބޭ ވާހަކައެވެ. އެހެން މީހުންނެކޭ އެއްގޮތަށް އުޅުމުގެ ފުރުސަތު އެކުދިންނަށް ނުލިބޭ ވާހަކައެވެ. އެކަމާ މާއިޒް ހިތާމަކުރެ އެވެ. މާއިޒް ބުނަނީ "އަޅުގަނޑުމެންނަކީ ވެސް ހަމަ ތިބޭފުޅުން ކަހަލަ އިންސާނުން. ތިބޭފުޅުންގެ އަޅާލުމާ ލޯބި ލިބިގެން ނޫނީ އަޅުގަނޑުމެންނަށް ބޭނުންތެރި ބަޔަކަށް ނުވެވޭނެ،" ކަމަށެވެ.

މަލްޓިމީޑިއާ އަދި ވެބްޑިޒައިނިން ގެ ސެޓްފިކެޓް މާއިޒާ ހަވާލު ކުރަނީ-- ފޮޓޯ/ އަސުރުމާ

މާއިޒް އެދެނީ މުޖުތަމައުގައި "އެއްލާލާފައިވާ ކުނި ކޮޅެއް" ގެ މަގާމު އެފަދަ ކުދިންނަށް ނުދިނުމަށެވެ. އޭގެ ބަދަލުގައި އެކުދީންނަށް ލޯބިދީ ފުރުސަތުތައް ހޯދައިދިނުމަށް މާއިޒް އެދުނެވެ.

ނުކުޅެދުމަކީ އަޅުގަނޑުމެން ކުރި ކަމެއް ނޫން

ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް ފޮނުއްވާ އިރު އޭނާގެ ތަގްދީރުގައި ކަންކަން ހިނގާނެ ގޮތަކީ މާ ކުރިން ލިޔެވިފައި ހުންނާނެ ކަންތައްތަކެއް ކަން އަޅުގަނޑުމެން އެންމެނަށް ވެސް އިނގެ އެވެ. މާދަމާ ކަން ވާނެގޮތެއް އެކަކަށް ވެސް ނޭނގޭނެ އެވެ. މިއީ ދީނީ ދަރުސްތަކުން ވެސް އަޅުގަނޑުމެން އަޑުއަހާ ވާހަކަތަކެވެ.

"ތިބޭފުޅުން ވެސް އުފަންވީ އިރު ތިބޭފުޅުންނަށް ﷲ ހިއްސުތަކެއް ދެއްވާފައިވޭ. އެ ހިއްސުތައް ފުރިހަމަ. އެކަމާ ތިބޭފުޅުން ޝުކުރުކުރަން ވާނެ. އަޅުގަނޑުމެންނަށް މިހެންވީމަ އަޅުގަނޑުމެން މައްސަލައެއް ނޫން. އަޅުގަނޑުމެން ލިބިފައި ހުރި ނިއުމަތްތަކަށް އަޅުގަނޑުމެން ޝުކުރު ކުރަން،" މާއިޒް ބުންޏެވެ.

މަންމަމެން އުފުލާވޭން އިހުސާސެއް ނުކުރެވޭތަ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވިޔަސް ނުވަތަ ފުރިހަމަ ހިއްސުތަކާ އެކު ދުނިޔެއަށް ނޭވާލައިގެން ހުރި ކުއްޖަކަށް ވިޔަސް، މައިންނާއި ބަފައިންގެ ހިތުގައި އެ ފަރާތްތަކާ މެދު އޮންނަ ލޯތްބަކަށް ބަދަލެއް ނާންނާނެ އެވެ. ނަމަވެސް ހިތާމައަކީ މިއަދު މަދު ބަޔަކަށް ނޫނީ އެކަން އިހުސާސް ނުވުމެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންބަފައިންނާ ގުޅޭ ގޮތުން މާއިޒްގެ މި ވާހަކަތަކާ މެދު ވިސްނާލާށެވެ.

"އަޅުގަނޑުމެންގެ މަންމަމެން އަޅުގަނޑުމެންނަށްޓަކައި ވާ ގުރުބާނީ މިއަދު ތިބޭފުޅުންނަކަށް އިހުސާސެއް ނުވޭތަ. އަޅުގަނޑުމެންގެ މަންމަމެން ރެޔާދުވާލު ކުރާ މަސައްކަތް ތިބޭފުޅުންނަކަށް އިހުސާސެއް ނުވޭތަ. އަޅުގަނޑުމެންގެ މަންމަމެން ބާލާ ކަރުނަތައް ތިބޭފުޅުންނަށް އިހުސާސެއް ނުވޭތަ. މިއަދު ތިބޭފުޅުންނަށް ޖެހޭނެ މިކަހަލަ މައިންބަފައިންގެ އަގު ވަޒަންކުރަން،" މާއިޒް ސުވާލުކުރެ އެވެ.

މި ވޭން އިހުސާސް ވާނީ މިފަދަ ހާލަތަކަށް އަތުވެއްޖެ ނަމަ

މާއިޒް ބުނަނީ މިހެންނެވެ. އެފަދަ ކުދިންގެ އިހުސާސްތައް މުޖުތަމައަށް ނޭނގެނީ ސަލާމަތުން ހިއްސުތައް ލިބިފައިވާ މީހުން ގިނަވީމައެވެ.

"ކުނިކޮޅެއްހެން އަޅުގަނޑުމެން އެއްލާނުލާ. އަޅުގަނޑުމެންނަކީ ވެސް މުޖުތަމައަށް ބޭނުންތެރިބައެއް. މާދަމާ ވެސް ތިބޭފުޅުންނަށް މި ގޮނޑީގަ [ވީލް ޗެއާ] އިށީންނަން ޖެހިދާނެ. އޭރުން ތިބޭފުޅުންނަށް އިހުސާސްވާނެ މިއީ ކިހާވަރެއްގެ ވޭނެއް ހުރި ކަމެއްކަން. ކިހާވަރެއްގެ ބުރައެއްކަން،" މާއިޒް ބުންޏެވެ.

"ޔާމިން ސަރ އާއި މެޑަމް އަށް ޝުކުރު ކުރަން"

މާއިޒްގެ ޝުކުރު ރައްދު ކުރީ އޭނާއަށް ކިޔަވައިދިން އެމްއެންޑީއެފްގެ އޮފިސަރު ޔާމީނަށާއި މެޑަމް ފާތުން އަށެވެ.

"އަޅުގަނޑުމެން ޔާމީން ސަރއަށް އަދި މެޑަމް ފާތުންއަށް ޝުކުރު އަދާކުރަން. ކުރީގައި ނޭނގޭ އަޅުގަނޑުމެންނަކީ މުޖުތަމައުގައި އުޅޭ ބައެއް ކަމެއް. އެކަމަކު ޔާމީން ސަރ އައީމަ އަޅުގަނޑުމެންނަކީ ދުނިޔޭގަ ތިބި ބައެއްކަން އެނގިއްޖެ. އަޅުގަނޑުމެންނަށް ކިޔަވައި ދީފި. އަޅުގަނޑުމެންނަކީ ބޭނުންތެރި ބަޔަކަށް ހަދައިފި،" މާއިޒް ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، މާއިޒާ ސަލާމް ކުރަނީ-- ފޮޓޯ/ އަސުރުމާ

މާއިޒްގެ ވާހަކަގައި އެ ބުނަނީ ސަރުކާރުން ނުކުޅެދޭ ފަރާތްތަކަށް އިހަވަންދުގައި ހިންގި މަލްޓިމީޑިއާ އަދި ވެބްޑިޒައިނިން ގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހުގެ ވާހަކަ އެެވެ. ރޭ ވަނީ އެ ކޯހުން 173 ކުއްޖެއް ދަސްވެނިވެފައެވެ.

ރޭގެ ޖަލްސާގައި ނުކުޅެދުންތެރިކަން ހުންނަ، އިހަވަންދޫގައި އުޅޭ ހަތަރު ކުއްޖަކަށް އިލެކްޓްރިކް ވީލްޗެއާ ދިނެވެ. އަދި ދެ ކުއްޖަކަށް އެމްއެންޑީއެފުން ވަޒީފާ ދިނެވެ.

މާއިޒްގެ ވާހަކަތަކުން މުޖުތަމައަށް އިބުރަތެއް ލިބުނެވެ. ނުކުޅެދޭ ކުދިންގެ އިހުސާސްތައް މާއިޒް ބޭރުކޮށްލީ އުދާސްތަކާ އެކުގައެވެ. މާއިޒްގެ ވާހަކަ އަޑުއެހި ކޮންމެ މީހަކު ވެސް ހާސިލްކުރަންވީ އިބުރަތަކީ ނުކުޅެދޭ ފަރާތްތައް ބާކީ ނުކުރުމެވެ. އެހެން މީހުންނެކޭ އެއް ހަމައެއްގައި އެކުދިންނަށް މަސައްކަތުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

comment ކޮމެންޓް