ފިލްމު ފެސްޓިވަލް ލަސްވަނީ މިވަގުތު މާލީ ހާލަތު ދައްކަމުން: އަމްޖޭ

ފިލްމު ފެސްޓިވަލާ ބެހޭ ގޮތުން އަމްޖޭ 'ސަން' އަށް އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް އާއްމު ނަމުން ނަމަ އަމްޖޭ މިހާތަނަަށް ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކާ އެކު އޮލިމްޕަހުގައި ހާއްސަ ފިލްމު ފެސްޓިވަލްއެއް ބާއްވާނެ ކަމަށް އޭނާ ވަނީ އިއުލާން ކޮށްފަ އެވެ.

އޭނާ އެކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރު ބޭއްވި ހަތްވަނަ ގައުމީ ފިލްމު އެވޯޑްގައި ލައިފްޓައިމް އެޗީވްމަންޓްގެ އެވޯޑު އުފުލާލަމުންނެވެ. ނަމަވެސް މިހާރު އޭގެ ފަހުން ވެސް ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފި އެވެ. ފެސްޓިވަލް ނުބޭއްވި ލަސްވަނީ ކީއްވެ ބާއެވެ؟

'ސަނ'ް އަށް ދިން އިންޓަވިއުއެއްގައި އަމްޖޭ ބުނީ، ފިލްމު ފެސްޓިވަލް ބޭއްވުން ލަސްވެގެން އުޅެނީ އެކަމަށް އެކަށީގެންވާ ތަރުހީބެއް އެއްވެސް ފަރާތަކުން ނުލިބޭތީ ކަަމަށެވެ. އަދި އޭނާ އަކީ ފިލްމު އުފައްދައިގެން ލިބޭ އާމްދަނީއަކުން ދިރިއުޅޭ މީހަކަަށް ވުމުން ފެސްޓިވަލް ބޭއްވެން މިވަގުތު ދަތި ކަމަށް ވެސް އަމްޖޭ ބުންޏެވެ.

"ލަސްވެގެން މިއުޅެނީ އެދެވޭ ސަޕޯޓެއް އެއްވެސް ފަރާތަކުން ނުލިބޭތީ. އެވެސް ހަަމަ ހަރަދެއްކޮށްގެން ހިނގާ ކަަމެއް. އަޅުގަނޑަކީ ވެސް އަމިއްލަ އާމްދަނީ ހޯދައިގެން އުޅޭ މީހެއް. އެހެންވީމާ މިކަަމަށް ސްޕޮންސާއެއް ވެސް ވަރަށް މުހިއްމު،" އަމްޖޭ ބުންޏެވެ.

ރާއްޖޭގައި ބޮޑެތި އާމްދަނީ ލިބޭ ކުންފުނިތަކެއް ހުންނަ ކަމަށާއި ކުންފުންޏެއްގެ އެހީތެރިކަން ލިބިއްޖެ ނަމަ ފެސްޓިވަލް އަވަސް ވާނެ ކަމަށް ވެސް އަމްޖޭ ބުންޏެވެ.

އަމްޖޭ ބުނީ، ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވާ އޮލިމްޕަހަށް ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށާއި އެ އަގު ނުދެއްކިގެން އުޅެނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމެއް ނުލިބޭތީ ކަމަށެވެ.

ޑައިރެެކްޓަރު އަމްޖޭ ކެމެރާމަން ވިޝާން އެއްކޮށް----

"އަސްލު ބައިވަރު ފިލްމުތަކެއް އަޅުވާއިރު އޮލިމްޕަސް ބޭނުންވޭ ވަރަށް ގިނަ ރެޔަށް. އެބަ ބޭނުންވޭ މަދުވެގެން ސޯޅަ ރޭ ވަރު. އެކަމު އޮލިމްޕަހަށް ވެސް އެބަ ދައްކަން ޖެހޭ އެޑްވާންސް ފައިސާގެ ގޮތުގައި ބޮޑު އެއްޗެއް. އެވަރަށް އަތުގައި ރުފިޔާ ނެތިފައި، އެއްވެސް ފަރާތެއްގެ އެހީއެއް އެއްވެސް ނުލިބޭތީ އަދި ފެސްޓިވަލް ބާއްވާނެ ތާރީހެއް ވެސް ކަނޑަ ނޭޅިގެން މިއުޅެނީ،" އަމްޖޭ ބުންޏެވެ.

"އުދަ ބާނީ" އާއި "ހިތޭދޭމީ" ފަދަ ފިލްމު ތައް ބެލުންތެރިންނަށް ގެެނެސްދީފައިވާ އަމްޖޭ ބުނީ ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ ޓިކެޓް ވިއްކައިގެންތޯ ނުވަތަ ނޫންތޯ އަދި ކަނޑަ އަޅާފައި ނުވާ ކަމަށެވެ.

މިހާތަނަަށް 49 ފިލްމު ޑައިރެކްޓް ކޮށްފައިވާ އަމްޖޭ ބުނީ ފެސްޓިވަލެއް ބާއްވަން ނިންމީ، ގިނަ ފިލްމުތަކެއް ޑައިރެކްޓް ކުރެވިފައިވުމުން އަނެއްކާ ވެސް އެ ފިލްމުތައް ދައްކާލައި އެ ހަނދާންތައް އާކޮށްލުމަށް ކަމަށެވެ. އަދި ވަރަށް ގިނަ ބަޔަކު ފިލްމުތައް ބަލާލަން ބޭނުންވެގެން އެދެމުން ދާތީ ކަމަށް ވެސް އަމްޖޭ ބުންޏެވެ.

"ހުރަސް" އިން ފީޗާ ފިލްމުގެ ޑައިރެކްޗަން ފެށި އަމްޖޭ ވަނީ އޭނާގެ ގިނަ ފިލްމުތަކެއް ދައްކައި، ބެލުންތެރިންގެ ހިތުގެ އަޑިން ޖާގަ ހޯދައިފަ އެވެ.

comment ކޮމެންޓް