ޕީޕީއެމް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ބޭލުމަށް ފުލުހުން އެދިއްޖެ އެވެ.
ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސް އޮފީހުގައި ދެ ދިދައެއް ނަގާފައި ހުރެ އެވެ. އެއީ ޕީޕީއެމްގެ ދިދަ އާއި ގައުމީ ދިދަ އެވެ. ރޭގަނޑާއި ދުވާލުވެސް އެ ދެ ދިދަ ނަގާފައި ހުރެ އެވެ.
މައުމޫން އޮފީހުގައި ނަގާފައިވާ ދިދަ ބޭލުމަށް ފުލުހުން އެންގީ ރޭގެ ވަގުތެއްގަ އެވެ.
ޕީޕީއެމް، މައުމޫން ފެކްޝަންގެ ސެކަރެޓަރީ ޖެނަރަލް އަބްދުލް އަލީމް "ސަން"އަށް ވިދާޅުވީ، އެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ބޭލުމަށް އެންގުމުން، ރަސްމީ ގަޑީގައި އޮފީހަށް ވަޑައިގަތުމަށް ދަންނަވާފައިވާނެ ކަމަށެވެ.
"އޮފީހުގެ އިސްވެރިންނާ ގުޅުނީމަ [ފުލުހުންނަށް] ޖަވާބެއް ދޭނެ ކަމަށް އަޅުގަނޑުމެން އަންގާފައިވާނެ،" އަލީމް ވިދާޅުވި އެވެ.
ދިދަ ބޭލުމަށް އެންގީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ގެޒެޓް ކުރި "ދިވެހި ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލު"ގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން އެ އޮފީހުގައި ގައުމީ ދިދަ ނަގާފައި ނުބެހެއްޓޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް މައުމޫން ފެކްޝަނުން ބުންޏެވެ.
ހޯމް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން ދިދަ ނަގާފައި ބެހެއްޓޭނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ ކުންފުނިތަކާއި ސިޔާސީ ޕާޓީއެއްގެ އޮފީހެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ އޮފީސްތަކުގައި އެކަންޏެވެ.
ޕީޕީއެމްގެ ރަސްމީ އޮފީސް ހިންގަނީ ހ. ހުރަފަ ގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ދިވެހި ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ފިޔަވައި އެހެންތަނެއްގައި ދިދަ ނަގާނަމަ، ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން ވަނީ ލާޒިމްކޮށްފަ އެވެ.