Sun Online

އެދިއެދި ހޯދީމޭ

ލިޔުނީމުތައްހަރު އިބްރާހީމް (މުތާ)

ޝީރީން ދިއުމާއެކު އަޒްޔާނާއި ބަތޫލްގެ ހަޔާތް ބަނަކުރަމުން އައި ތޫފާން އަލިވެ އަމާންކަން ވެރިވެއްޖެއެވެ. ހަމައެއާއެކު ފާއިތުވާން ފެށި ކޮންމެ ދުވަހަކާއެކު ދެމަފިރިންގެ ލޯތްބާއި އުފާވެރިކަމަށް އިތުރު ފުރިހަކަމެއް ގެނެސްދެމުން ދިޔަ އެވެ.

ދުވަސްތައް ފާއތިުވަމުން ގޮސް ބަތޫލްގެ ބަނޑަށް ނުވަމަސް ފުރުނު ދުވަހެވެ. ވިހަން އޮތް ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ބަތޫލްގެ ހިތް ވެސް ބިރުގަންނަމުން ދިޔަ އެވެ. ނަމަވެސް އޭނަ ގާތު އަޒްޔާން ހުންނާތީ އެހިތަށް ފިނިކަން ލިބެއެވެ. އެދެމެދުގައި އޮތް ލޯބި ފުންވެފައިވާ ދަރަޖައާ މެދު ބަތޫލްއަށް އަބަދުމެ ވިސްނެއެވެ. އަޒްޔާން އޭނަ ދެކެ ވާ ލޯބި އަޒްޔާންގެ ކިތަންމެ ކުޑަ ހަރަކާތަކުން ވެސް ބަތޫލްއަށް އިހުސާސްވެއެވެ. އެއިން ކޮންމެފަހަރަކު ބަތޫލްގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވެއެވެ.

''ބަތޫ، ޖަނާމެން އައިސްފަ އެބަތިބި...'' ފާޚަނާގައި އުޅުނު ބަތޫލްއަށް ގޮވާލަމުން އަޒްޔާން ބުނެލިއެވެ.

''މިނުކުންނަނީ...'' ބަތޫލްގެ އަޑު އިވުނެވެ. އަޒްޔާން މަޑުކޮށްލައިގެން ހުރީ ބަތޫލް ނުކުންނަން ނެދެވެ. އަދި އޭނަ ކޮޓަރިން ނުކުތީ ބަތޫލް ގޮވައިގެންނެވެ.

''މިހާރު ބަތޫ ހާދަ ފަލަވެއްޖެޔޭ ދޯ، ޖާން...'' މަސްތައް ޖަހައި ކުރިއަށް ވުރެ ސިއްހަތު ރަނގަޅުކަމަށް ދައްކާ ބަތޫލް ފެނުމާއެކު ދިމާކޮށްލުމުގެ ރާގެއްގައި ޝުޖާއު ބުނެލިއެވެ. ޖަނާ ވަގުތުން ޝުޖާއުގެ މުއްލަދަނޑީގައި ވިކައިގަތެވެ. އަދި ބަތޫލްއާ ދިމާނުކުރުމަށް ބުނެލިއެވެ.

''މިހާރު ޑިއު ޑޭޓް ވެސް ޖެހެނީއެއްނު... ހުރިހާކަމެއް ރެޑީތަ؟...'' ބަތޫލް އައިސް އިށީނުމާއެކު ޖަނާ ބަތޫލް ގާތަށް ޖެހިލަމުން ބަތޫލްގެ ބަނޑުގައި ފިރުމާލިއެވެ.

''އާނ، ކުރީރޭ ޒޭން އާ ދެމީހުން ގޮސް ބޭބީއަށް ބޭނުންވާ އެއްޗެހި ގަނެގެން އައީ.....'' ބަތޫލް ބުނެލިއެވެ.

''އަޅޭ، މަ ބުނީމެއްނު ގެންދަންވާނެޔޭ...'' ޖަނާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

''ދެން ދެމަފިރިން ދާހާ ތަނަކަށް ޖާން ގެންދަންޖެހޭތަ؟...'' ދެފަރާތަށް ބޯހޫރާލަމުން ޝުޖާއު ބުނެލިއެވެ. އެއާއެކު ޝުޖާއުއާ ދިމާއަށް ޖަނާ ލޯއަޅާލިއެވެ. ޝުޖާއު އަވަސްއަވަހަށް ދެއަތް މައްޗަށް އުފުލާލީ އަމާންދީފިމޭ ބުނާ ފަދައަކުންނެވެ. އެއާއެކު އަޒްޔާނާއި ބަތޫލްގެ ހުނުމުގެ އަޑު އިވުނެވެ.

''މިހާރު ބޭބީއަށް ކިޔާނެ ނަން ފައިނަލް ކުރެވިއްޖެތަ؟...'' ޖަނާ އަހާލުމުން ބަތޫލްއަށް ބަލާލެވުނީ އަޒްޔާނަށެވެ. އަޒްޔާން ހިނިތުންވެލިއެވެ. ރޭގައި އެދެމަފިރިންވަނީ އަލަތު ދަރިފުޅަށް ކިޔާނެ ނަން ވެސް ނިންމާފައެވެ.

''މަނާލް...'' ބަތޫލް ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. އެތައް އިރެއް ވަންދެން ޖަނާއާއި ބަތޫލްގެ ވާހަކަތައް ދިގުލައިގެން ދިޔަ އެވެ. އެވާހަކަތަކުގެ ތެރޭން ޖަނާއަށް ކަމެއް ހަނދާންވުމާއެކު އަވަސްއަވަހަށް އޭނަގެ އަތްދަބަސް ނަގައި އޭގެ ތެރޭން ކާޑެއް ނެގިއިފި އެވެ

''މީ ފައިނަލް ކާޑު، ރީތި ދޯ؟...'' ނުލާއި ހުދުކުލައިން ފަރުމާކުރެވިފައިވާ ކާޑު ބަތޫލް އަތަށް ދެމުން ޖަނާ ބުނެލިއެވެ. އެހާ ހިސާބުން ވާހަކައިގެ ސަމުގާ ހުއްޓުނީ ޖަނާއާއި ޝުޖާއުގެ ކައިވެންޏަށެވެ.

*****

ޖައުފަރުގެ މަސައްކަތުން ނާއިލު ޖަލުން މިނިވަންކުރެވުނީ އޭނަ އެކަމާއިގެން އުޅެތާ މަސްތަކެއް ފަހުންނެވެ. ނާއިލު މިނިވަންވުމުން ޖައުފަރަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ނާއިލަށް އައިސްފައިވާ ބަދަލުތަކުން އޭނަ ހުރީ ދެރަވެފައެވެ. ކުރިން ނާއިލަށް ލިބިފައިވި ވަރުގަދަ ހަށިގަނޑުވަނީ ހިކިއަނަރޫފަވެފައެވެ. މޫނުމަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. ހިތާމަވެރިކަން ވެސް އެމޫނުން ފާޅުވެއެވެ. ނާއިލަށް ފުރަތަމަ ޖައުފަރު ފެނުމުން ކާކުކަމެއް ވެސް ނޭގުނެވެ. ނަމަވެސް ބުނެދޭން މަސައްކަތްކުރުމުން ހަނދާންވާ ގޮތް ވިއެވެ. އެހާ ހިސާބުން ނާއިލު ކަންތައްތައް އޮޅުން ފިލުވަން ބޭނުން ވިއެވެ. އޭނަގެ އަންހެނުންނާއި ދަރިފުޅާ ހަމައަށް ގެންގޮސްދޭން އެދުނީ ރޮމުންނެވެ. އެމީހުންނާ މެދު ކަންތައް ކުރެވުނު ގޮތާ މެދު ދެރަވެ ހިތާމަކުރާކަން ވެސް ހާމަކުރިއެވެ. އެއާއެކު ޖައުފަރުގެ ދުލުގައި ތަޅެއް ލެވުނެވެ. އޭނަ ހިމޭންވީ ޖަވާބުދޭން ނޭގުނީތީއެވެ. ޖައުފަރުގެ ހިމޭންކަމުން އުނދަގޫވި ނާއިލު އަނެއްކާ ވެސް އެދުނީ ޒައިނަބު ގާތަށް ގެންގޮސް ދިނުމަށެވެ.

ފުންނޭވާއެއް ދޫކޮށްލަމުން ޖައުފަރު އެއްބަސް ވިއެވެ. ނާއިލުގެ ހިކިފައިވި ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންއައީ ދެނެވެ. އޭނަ ޒައިނަބުގެ ގާތުން މަޢާފަށް އެދެން ބޭނުންވެފައިވާ ކޮންެ ދުވަހެއް ހެއްޔެވެ؟ ހަމައެއާއެކު އޭނަގެ ދަރިފުޅު ދެކިލުމަށް ވެސް މެއެވެ. މިހާރު އޭނަގެ ދަރިފުޅު ހުންނާނީ ފުރާ ފުރިހަމަވެ ޒުވާނަކަށް ވެފައެވެ. އެދަރިފުޅަށް އޭނަ ފެނުމުން އެނގޭނެ ބާވައޭ ވެސް ނާއިލުގެ ހިތަށް އެރިއެވެ.

ނާއިލު އެދުނު މަންޒިލާ ހަމައަށް ގެންގޮސްދެވެން ދެން ޖައުފަރު ވާހަކައެއް ނުދައްކައެވެ. އޭނައަށް ގިނަ ފަހަރު ނާއިލަށް ބަލަން ހުރެވެނީ ކުށްވެރިއެއްފަދައިންނެވެ. ނާއިލަށް ހަޤީޤަތް އެނގުމުން ވާނެ ގޮތެއް ހިތަށް އަރައި އޭނަ ދެރަވިއެވެ. ކިތަންމެ ފަހަރަކު ބުނަން ވެސް ބޭނުން ވިއެވެ. އެހެނަސް އޭނައަށް އެހިތްވަރެއް ނުލިބުނެވެ. ހަމައެއާއެކު ނާއިލުގެ ދިރިއުޅުން ބަރުބާދުކޮށްލި އިސް މޭސްތިރިއަކީ އޭނަކަން ހާމަކުރަން ވެސް ޖެހިލުން ވިއެވެ.

އުފާވެރިކަން ލިބިފައިވި ނާއިލަށް ޖައުފަރުގެ ހިމޭންކަން ފާހަގައެއް ނުކުރެވުނެވެ. އޭނަގެ ސިކުނޑީގެ ދުރުމީ ގޮސް ހުއްޓިފައިވަނީ އޭނަގެ ޢާއިލާއަށްކަމުގައި ވީތީ އެވެ. އެމީހުންނާ ބައްދަލުވާތީ އޭނަގެ ހިތްވަނީ އަވަސްވެފައެވެ. ޒައިނަބުގެ ގާތުން މަޢާފަށް އެދޭނެ ގޮތްތަށް އޭނަގެ ސިކުނޑީގައި ރާވަމުން ދިޔަ އެވެ. އޭރު އޭނަގެ ހިތުގެ އަޑިން ދުޢާކުރެވެން ދިޔައީ ޒައިނަބުގެ މަޢާފު އޭނައަށް ދެއްވުމަށް އެދިއެވެ. އޭނައަށް ޒައިނަބުގެ މައްޗަށް އަނިޔާވެރިވެވުނީ ލިބުނު ގޯސް އެކުވެރިންތަކެއްގެ ސަބަބުންނެވެ. އެކަމާ މެދު އޭނަ ހިތާމަކުރާވަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.

*****

''އެއައީ ބައްޕަ... އަވަހަށް ދޭބަލަ ދޮރުހުޅުވަން...'' ސުފުރާމަތި ތައްޔާރުކުރަން އުޅުނު ބަތޫލް އޭނައަށް އެހީވާން އުޅުނު އަޒްޔާނާ ވާހަކަދައްކަމުން ބުނެލިއެވެ. އޭރު ގޭގެ ދޮރުގައި ޓަކިދޭ އަޑު އިވެއެވެ. އަޒްޔާން ފުންނޭވާއެއް ދޫކޮށްލަމުން ހިނގައިގަތެވެ. ބައްޕައާއި ބައްދަލުވާތީ އޭނަގެ ހިތުގެ ތެޅުން ނުހަނު އަވަސްވެފައިވިއެވެ. އަޒްޔާނަށް ތަޅުގައި ހިފާ އަނބުރާލެވުނީ ވެސް އަވަހަށެވެ.

ނާއިލަށް އަޒްޔާން ފެނުމުން ފުރަތަމަ ވެސް ފާހަގަ ކުރެވުނީ އަޒްޔާންގެ ދެލޮލެވެ. އޭގެ އިތުރުން އޭނަގެ ޒުވާން ދުވަސްވަރުގެ ސިފަތައް ވެސް އަޒްޔާންގެ މޫނުން އޭނައަށް ފެނުނެވެ. ނާއިލުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ދޮރުކުރިމަތީ އެހުރި ޒުވާނާއަކީ އޭނަގެ ދަރިފުޅުކަން ޔަޤީންކުރެވުމުންނެވެ. އަވަހަށް ދަރިފުޅު ގެނެސް މޭގައި ލައްކޮށްލަން ބޭނުންވިކަމުގައި ވިޔަސް އޭނަ ހުރީ އަޒްޔާންގެ ފަރާތުން ރުޅިވެރިކަން އަމާޒުވެދާނެތީ އަޒްޔާންގެ ގައިގައި ބައްދާލަން ނުކެރިފައެވެ. ނަމަވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނީ އަޒްޔާން އިސްނެގުމުންނެވެ. ހަމައެއާއެކު އަޒްޔާންގެ ދުލުން ''ބައްޕަ'' ލަފުޒު ބޭރުވުން އޭނަގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ލިބުނު ފުރުސަތުގައި އަޒްޔާންގެ ގާތުން ނާއިލު މަޢާފަށް ވެސް އެދުނެވެ.

އަޒްޔާނާއި ދުރަށް ޖެހިލި ނާއިލަށް އެމީހުންނާ ދިމާއަށް އައި މާބަނޑު އަންހެންކުއްޖާ ފެނި ބަލަން ހުރެވުނެވެ. އެކަން ފާހަގަކުރެވުނު އަޒްޔާން ފަސްއެނބުރި ބަލާލިއެވެ. އޭނަގެ ތުންފަތަށް ވެރިވި ފުން ހިނިތުންވުމާއެކު ބަތޫލްއަށް އޭނަގެ އަތް ދިއްކޮށްލިއެވެ. ބަތޫލް ވެސް ހިނިތުންވުމަކާއެކު ގޮސް އަޒްޔާންގެ އަތުގައި ހިފާލިއެވެ.

''މީ އަހަރެންގެ އަންހެނުން... ބަތޫލް...'' ނާއިލަށް ބަތޫލް ތަޢާރަފުކޮށްދެމުން އަޒްޔާން ބުނެލިއެވެ.

ނާއިލު ވެސް ބަތޫލްއަށް ހިނިތުންވެލިއެވެ. އަދި ވާހަކަދައްކަން ފެއްޓިއެވެ.

''ޒައިނަބު...'' ނާއިލު ބުނެލިއެވެ. އެއާއެކު ހީވީ އަނދިރިކަމުގެ ވިލާގަނޑެއް ބޯމަތިވިހެންނެވެ. އުފާވެރިކަމާއި ދިރުން ގެއްލި ހިތާމައިގެ ކުލަވަރުތައް ފާޅުވެއްޖެއެވެ. ނާއިލުގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. އޭނަ އަނެއްކާ ވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

''ބައްޕަ ވަރުބަލިވެފައެއްނު ހުންނާނީ... އެތެރެއަށް ވަންނަންވީނު، ބަތޫލް އެބަހުރި ބައްޕައަށް ދޭން ސައި ތައްޔަރުކޮށްފައި...'' އަޒްޔާން ގަދަކަމުން ހިނިތުންވެލަމުން ވާހަދެއްކިއެވެ. އަޒްޔާން ކަމެއް ސިއްރުކުރާކަން ނާއިލަށް ޝައްކުކުރެވުނީ ދެނެވެ.

''ކޮބާތަ ޒައިނަބު، ގޭގަ ނެތީތަ؟...'' ނާއިލު އެހިއެވެ. އެސުވާލުން އަޒްޔާނަށް ނުތަނަވަސްކަން ލިބުނެވެ. މަންމަގެ މަރުގެ ޚަބަރު ބައްޕައަށް ދިނުން އަދި އަވަސްކަމަށް އޭނަގެ ޒަމީރު އެއްބަސްވެފައިވީތީ އެވެ. ނަމަވެސް ބައްޕަގެ ސުވާލުތައް އޮއްބާލާނެ ގޮތެއް އޭނައަށް ނެގުންނެވެ.

''އަޒްޔާން އެބުނީ ތެދުވާހަކައެކޭ، ދަތުރު ވަރުބަލި ވެސް ވެފައެއްނު ތިހުރީ، އެތެރެއަށް ވަންނަން ވީނު...'' ހުރިހާ އިރު ވަންދެން ވާހަކަނުދައްކާ ހުރި ޖައުފަރު ބުނެލިއެވެ.

''ކީއްވެތަ އަހަރެންގެ ސުވާލަށް ޖަވާބުނުދޭން ތިއުޅެނީ؟... ޖައުފަރާ އެސުވާލުކުރުމުން ވެސް ޖަވާބެއް ނުލިބުނު، އަޒްޔާން ވެސް ނުދިން...'' ނާއިލުގެ ހިތް ބިރުގަންނަން ފެށިއެވެ. އެއާއެކު އޭނައަށް ނުތަނަވަސްކަން ލިބުނެވެ. ''އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟...''

''ހިމޭނުން ނުތިބެ ޖަވާބުދީބަލަ... ކޮބާހޭ ޒައިނަބު...'' ނާއިލުގެ އަޑު ގަދަ ވިއެވެ. އިތުރު ގޮތެއް ނެތުމުން އަޒްޔާނަށް ޖެހުނީ ތެދުހާމަކުރާށެވެ.

''މަންމަ ނިޔާވެއްޖެ...'' އަޒްޔާންގެ އަޑުގައި ހިތްދަތިކަން ވިއެވެ.

ކުއްލި ޝޮކެއްލިބުނު ނާއިލަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނަގެ ހަށިގަނޑުން ހަކަތަ ހުސްވެދާނެހެން ހީވި ވަގުތު ޖައުފަރުގެ އެހީ އޭނައަށް ލިބުނެވެ. އަވަސްއަވަހަށް ނާއިލު އަތުލަފިކޮށްގެން ގެންގޮސް ސޯފާގައި ބައިންދަމުން ޖައުފަރު ބަތޫލް ގާތު ބުނެލީ ފެންތަށްޓެއް ގެނެސްދިނުމަށެވެ.

ބަތޫލް ފެންތަށި ގެނެސްދިނުމުން ފެންބޯން ނާއިލު ނޫޅުނެވެ. އެއަށްވުރެން ބޮޑު ތަކުލީފެއް އޭނަގެ ހިތުގައި ވިއެވެ. އަޒްޔާން އޭނަގެ ބައްޕަ ގާތުގައި އިށީންނަމުން ވާހަކަދެއްކިއެވެ. ނަމަވެސް ރައްދެއް ނުލިބުނެވެ. އޭގެ ސަބަބުން އަޒްޔާން އިތުރަށް މާޔޫސްވެ ކަންބޮޑުވިއެވެ.

''ކޮން ދުވަހަކު؟...'' ނާއިލު އަނގައިން ބުނީ އެތައް މިނެޓަކަށް ފަހުގައެވެ.

އަޒްޔާން އޭނަގެ ބައްޕައަށް ކިޔައިދިނެވެ. އަޑުއަހަން ހުރި ނާއިލަށް ރޮވުނެވެ. ބައްޕައަށް ހިތްވަރުލައިދެމުން ދިޔަ އަޒްޔާން ވެސް ހުރީ ދެރަވެފައެވެ.

''އަހަންނަށް ކުރެވުނުކަންތަކުން މިއަދު އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވެއްޖެ...'' ހިތްދަތިކަން އެކުލެވިގެންވި އަޑަކުން ނާއިލު ބުނެލިއެވެ. އޭގެ ސަބަބުން ޖައުފަރަށް ނުހަނު އުނދަގޫ ވިއެވެ. އެހުރިހާކަމެއްގެ އިލްޒާމު އޭނަ އުފުލަން ޖެހޭތީއެވެ. ހަޤީޤަތް ހާމަކުރަން ބޭނުންވިކަމުގައި ވިޔަސް އެހިތްވަރެއް އޭނައަކަށް ނުލިބުނެވެ.

*****

މާހައުލުގެ އުދާސްކަން ހަމައަކަށް އެޅި ގޭތެރެ އޮތީ ހަމަހިމޭންވެފައެވެ. ބެލްކަނީގައި ހުރި ޖައުފަރަށް ފަސްއެނބުރި ބަލާލެވުނީ ފަހަތުން ފިޔަވަޅުތަކެއްގަ އަޑުއިވުމުންނެވެ. އޭރު އެދިމާއަށް އަޒްޔާން އަންނަތަން އޭނައަށް ފެނުނެވެ. އަޒްޔާން އައިސް ޖައުފަރާއި ތަންކޮޅެއް ދުރުގައި ހުއްޓިލަމުން ރެއިލިންގައި ހިފަހައްޓާލަމުން އަނދިރިކަން ވެރިވާންފަށާފައިވާ މާލޭގެ މަލަމައްޗަށް ނަޒަރު ހިންގާލިއެވެ.

''ބައްޕަ ނިދާފަވީ، ކުރިއަށްވުރެން ބޮޑަށް ހަމަޖެހިފައި ހުރީ ވެސް...'' ޖައުފަރުގެ ހިތުގައި އޮތް ސުވާލަށް އަޒްޔާން ޖަވާބު ދިނެވެ.

''އަހަންނަށް އެނގޭ ހުރިހާކަމެއްގެ ސަބަބުން ތިހުރީ ދެރަވެފައިކަން، ބައްޕައަށް ހަޤީޤަތް ހާމަކުރަން ވެސް ބެނުންވާކަން، އެކަމަކު އެންމެ ރަގަޅުވާނީ ބައްޕައަށް ނޭގުނިއްޔާ، އެހުރިހާ ހިތާމައެއް ބައްޕައަށް ބަރުދާސްތެއް ނުކުރެވޭނެ....... ހަމައެއާއެކު އަހަރެން ބޭނުމެއްނޫން ބަތޫލްބައްޕަ އެކަމުގެ އިލްޒާމު އަމިއްލަ ބޮލުގައި ވެސް އަޅުވާކަށް، އަހަރެން އެކަންތަކަށް މަޢާފުކޮށްފިތާ ކިތަންމެ ދުވަހެއް...'' ޖައުފަރަށް ބަލާލަމުން އަޒްޔާން ބުނެލިއެވެ.

''އަޒްޔާން ތިހާ ހިތްހެވީ ކީއްވެތަ؟...'' ޖައުފަރަށް ބުނެލެވުނެވެ.

''ނަފުރަތުން ހާސިލުކުރެވޭނެ މަންފާއެއް ނޯންނާނެތީ...'' އަޒްޔާން ބުނެލިއެވެ.

*****

ކުލަގަދަ ރަސްމިއްޔާތަކާއެކު ޖަނާއާއި ޝުޖާއުގެ ކައިވެނި ކުރެވިގެން ދިޔައީ ހުކުރުދުވަހެއްގެ ހަވީރުގެ ވަގުތުގައެވެ. ޢާއިލާގެ ހުރިހާ އެންމެންގެ ހެޔޮ އެދުންތަކާއި ދުޢާތައް އަލަތު ދެމަފިރިންނަށް ލިބުނެވެ. ހިންދުގެ ވާހަކަތަކާއި ނަސޭހަތުން އޭރު މާރިޔާގެ ހިތް ވެސް ވަނީ ޖަނާއަށް ސާފުވެފައެވެ. އޭގެ އިތުރުން އޭނަ ހުރީ އޭނަގެ އެކުވެރިންގެ ފަރާތުން ޝުޖާއުގެ އަލަތު އަނބިމީހާގެ ރީތިކަމަށް ލިބެމުން ދިޔަ ތައުރީފުގެ ބަސްތަކުން ނުހަނު އުފާވެ ފޮނި ވެސް ވެފައެވެ.

ޝުޖާއުއާއި ޖަނާގެ ކައިވެންޏާ މެދު އެންމެ އުފާވެފައިވީ ބަތޫލް އެވެ. ޝުޖާއުއަށް އުފާވެރި ދިރިއުޅުމެއް ދެއްވުން އެދި އޭނަ ކުރި ދުޢާތައް އިޖާބަކުރައްވައިވިކަމުގެ ހިތްހަމަޖެހުން ބަތޫލްއަށް ލިބިފައި ވިއެވެ. ހަމައެއާއެކު އޭނަ ޝުޖާއުގެ ދަމަފިރިންނަށް އުފާވެރި ހަޔާތެއް ދެއްވުން އެދިވެސް ދުޢާ ދެންނެވިއެވެ.

*****

ހަތަރު އަހަރު ފަސް...

ރުކެއްގެ ހިޔަލުގައި ހުރި ސަރަންފީ ގޮނޑީގައި އިން ބަތޫލްގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ހުދު ދޮންވެލިގަނޑާ އިންވެގެން ގޮސް ދުރުދުރަށް ފެތުރިފައި އޮތް މޫދަށެވެ. ވިލާއި ފަޅުތަކުގެ ކުލަތައް އުކެވެފައި ވާއިރު ބަލާލަން ނުހަނު ހިތްގައިމެވެ. އޮއްސެމުން ދިޔަ އިރުގެ ދަޅަތަކުން އެމަންޒަރަށް އިތުރު ދިރުމެއް ގެނެސްދީފައި ވިއެވެ. ހަމައެއާއެކު ކަނޑުން އަންނަ ފިނިފިނި ރޯޅިތަކާއެކުވެގެން އިވެމުން ދިޔަ ރާޅުތަކުގެ ލުއިލުއި އަޑުން ސިކުނޑިއަށް ހަމަޖެހުން ގެނެސްދެއެވެ. ބަތޫލްއެކޭ އެއްފަދައިން ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އެޤުދުރަތީ ރީތިކަމުގެ މަންފާ ހާސިލުކުރަމުން ދިޔައެވެ.

''މަންމީ...'' ރާޅުފަށާ ތަންކޮޅެއް ކައިރި ހިސާބެއްގައި އުޅުނު އަންހެންކުއްޖަކު ގޮވާލި އަޑަށް ބަތޫލްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ހަތަރުއަހަރަށްދާ އެކުއްޖާ އަތުގެ އިޝާރާތުން ދައްކާލީ ދޮންވެލިން ފަރުމާކުރެވިފައިވި ގަނޑުވަރެކެވެ. އޭރު އެކުއްޖާ ގާތު އިން އަޒްޔާން އެގަނޑުވަރުގައި ކުދި ބޮލިތަކެއް ހަރުކުރަމުން ދިޔަ އެވެ. ބަތޫލް އެމަންޒަރު ބަލަން އިނީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ. އެފަދަ ކޮންމެ ވަގުތެއްގައި ވެސް އޭނައަށް ދެއްވާފައިވާ ނިއުމަތާ މެދު މާތްﷲއަށް ޝުކުރެވި ވެވެއެވެ. ލިބުނު ހިތާމަތަކުގެ ސިލްސިލާއަށް ވަނީ ނިމުން އައިސްފައެވެ. އޭނަގެ ހަޔާތް މިހާރު ރަންގުވެފައިވަނީ ބަހާރުގެ ކުލަތަކުންނެވެ. އަޒްޔާނާއި މަނާލް އެއީ އޭނަގެ މުޅި ދުނިޔެއެވެ. އޭނަގެ އުފާވެރިކަމާއި ހިތުގެ ފިނިކަމެވެ. ކުޑަކުޑަ މަނާލްގެ ސަބަބުން އޭނަގެ ޢާއިލާއަށް ވަނީ ފުރިހަމަކަން ގެނެސްދީފައެވެ.

''ފޮޓޯ ނެގޭނީ މަންމިގެ ފޯނުންނޭ... އަވަހަށް ގޮސް މަންމި ގޮވައިދެން އާދޭ...'' މަނާލް އެދުނު ފަދައިން ބޮލިތައް ހަރުކޮށް ނިމުމާއެކު ގާތުގައި އިން މަނާލްއަށް ހިނިތުންވެލަމުން އަޒްޔާން ބުނެލިއެވެ. އެއާއެކު ލަހެއްފަހެއް ނުވެ މަނާލް ދުއްވައިގަތީ ބަތޫލް ގާތަށެވެ. އެމަންޒަރު ފެނި އަޒްޔާނަށް ހެވުނެވެ.

''މަނާލަށް ވުރެ ޒޭންގެ ޅަކަން ވަކި ކުޑައެއް ނޫނެއްނު، މުޅި ގައިގަ ތިއޮތީ ހުސްވެލި...'' މަނާލްއާއެކު އައިސް ހުއްޓުނު ބަތޫލް އަޒްޔާނަށް ބުނެލިއެވެ. ތެތްކަން އެކުލެވިފައިވި އަޒްޔާންގެ ޓީޝާޓާއި ސޯޓުގެ އިތުރުން މޫނުގައި ވެސް ވެލީގެ އަސަރު ވިއެވެ.

''މަންމީ...'' ބަތޫލްގެ އަތަށް ދަމާލަމުން މަނާލް އެދުނީ ފޮޓޯނަގައި ދިނުމަށެވެ. އެއާއެކު ބަތޫލް އަވަސްވެގަތީ ފޮޓޯނެގުމަށެވެ. ބަތޫލްއަށް ޖެއްސުމެއްކޮށްލަން މަނާލްއަށް ތަފާތު ޚިޔާލުތައް އަޒްޔާން ދިނެވެ. މަނާލް ހިތްފުރެންދެން އެކި ގޮތްގޮތަށް ފޮޓޯނަގަން ދިހަ މިނެޓް ހޭދަވިއެވެ.

''ފެމިލީ ފޮޓޯއެއްވެސް ނަގަންވާނެއެއްނު ދޯ؟...'' މަނާލްއަށް ބަލާލަމުން އަޒްޔާން ބުނެލިއެވެ. އެވަގުތު އަޒްޔާން ބަތޫލްގެ އަތުގައި ހިފައި ދަމައިގަންނަމުން އޭނަގެ ގާތަށް ގެނައެވެ. އަޒްޔާންގެ މޭގައި ތައްވި ބަތޫލް ތޫލި އަޑަކުން އަޅޭއްލަވައިގަންނަމުން އަޒްޔާންގެ އަތުގެ ތެރެއިން ދުރަށް ދާން އުޅުނެވެ. ނަމަވެސް އަޒްޔާން ބަތޫލްއަށް ސަލާމަތްވުމުގެ ފުރުސަތެއް ނުދިނެވެ. މިމަންޒަރު ބަލަން މަނާލް ހުރީ ހެވިފައެވެ.

''ދެން ވަރަށް ފޫހިވެޔޭ... މުޅި ހެދުން ތެމުނީއޭ...'' ބަތޫލް ކުދިކިޔާލިއެވެ. އޭގެ ސަބަބުން އިތުރަށް ބަތޫލް ރުޅިއަލުވާލަން އަޒްޔާން އުޅުނެވެ.

''ރިސޯޓަށް އައީއްސުރެ ތިއުޅެނީ މޫދަށް ނޭރެން ވެގެން، މިއަދު މީ ފަހު ދުވަސް އެހެންވީމަ ޖެހޭނެ މޫދަށް އެރެން...'' އަޒްޔާން ލާނެއް ހިނިތުންވުމަކާއެކު ބުނެލިއެވެ. އެއާއެކު ކުރިއަށްވުރެ ބޮޑަށް އަޒްޔާންގެ އަތުގެ ތެރޭން ސަލާމަތްވާން ބަތޫލް މަސައްކަތްކުރިއެވެ. އެންމެފަހުން ކާމިޔާބު ނުވުމުން އެހެން ނުހެދުމަށް އެދި އާދޭސްކުރަން ވެސް ފެށިއެވެ.

''ދޭން މިހާރަކު ނޫން، މޫދު ވަރަށް ފިނިވާނެ...'' ބަތޫލް ނުދާން ގަދަހެދިއެވެ.

''އަހަރެން މިހުރީނު ހީފިލުވައިދީފާނަމޭ...'' ބަތޫލްގެ ކަންފަތާ ތުންފަތްކައިރިކޮށްލަމުން އަޒްޔާން ބުނެލިއެވެ. އޭރު މަނާލްގެ ސަމާލުކަން އޭނަގެ މައިންބަފައިންނާ ވަކިވެގެން ގޮސް ހުއްޓިފައިވީ އޭނަ ތައްޔާރުކުރި ގަނޑުވަރަށެވެ.

''މާލް... ޑެޑީ އެބައަންނަން މަންމި މޫދަށް ލާފަ، ތިތާ ބަސްއަހައިގެން އިންނައްޗޭ...'' އަޒްޔާން ބުނެލިއެވެ. ހިނިތުންވުމަކާއެކު މަނާލް ބޯޖަހާލިއެވެ. އަޒްޔާން ބުނާ ކޮންމެ ކަމަކަށް މަނާލް އަބަދުމެ ބޯލަނބާނެއެވެ. ނަމަވެސް ބަތޫލް ބުނެފިއްޔާ އަޑުއިވެނީ މަދު ފަހަރެއްގައެވެ. އެވެސް ބަތޫލްގެ ކެތްތެރިކަން ކޮޅުންލާ ރުޅިއަަންނަ ހިސާބަށް ދިއުމުންނެވެ. އަބަދު ވެސް ބަތޫލްއަށް ވުރެން ބޮޑަށް މަނާލް ދޯޅުއީ އަޒްޔާނާ އެވެ. އެހުރިހާ ބަދަލެއްގެ އަސްލަކީ މަނާލް ބޭނުންހާކަމެއް އަޒްޔާން ފުރިހަމަކޮށްދޭތީ އެވެ. އަޒްޔާންގެ ފަރާތުން މަދުފަހަރެއްގައި ނޫނީ ''ނޫން'' މިލަފުޒު މަނާލަށް އަމާޒެއް ވެސް ނުވާނެއެވެ.

''ޒޭން ޕްލީޒް...'' ރާޅުފަށާ ހިސާބަށް އާދެވުމުން ބަތޫލް އާދޭސްކުރަން ފެށިއެވެ. ނަމަވެސް ބަތޫލްގެ އާދޭހަކަށް އަޒްޔާން އިޖާބަައެއް ނުދިނެވެ. އޭނަ ދޫކޮށްލީ ބަތޫލް މޫދަށް ލާފައެވެ.

''އައި ހޭޓް ޔޫ...'' ލޮނުގަނުގައި ޖެހުމާއެކު ބަތޫލް ރުޅި މޫނު ހަދާލަމުން އަތުން ފެންގޮއްޓެއް ނަގައި އަޒްޔާންގެ މޫނަށް ޖެހިއެވެ. ދަމަފިރިން އެސަކަރާތުގައި ވަނިކޮށް މަނާލް ފޫހިވެގެން ގޮވާލި އަޑު އިވުނެވެ. އެއާއެކު އަޒްޔާނާއި ބަތޫލް އަވަސްވެގަތީ މައްޗަށް އެރުމަށެވެ.

*****

މަނާލް ނިންދަވާލުމަށްފަހު އަޒްޔާނާއި ބަތޫލް ކޮޓަރިން ބޭރަށް ނިކުމެލީ ހިނގާލުމަށެވެ. ފަނޑުހަނދުވަރުގެ އަލީގައި ދެމަފިރިން ރާޅުފަށުގައި ހިނގަމުން ދިޔައީ ފައިތިލަތަކުގެ ނިޝާންތައް ރާޅުތަކާ ހަވާލުކުރަމުންނެވެ. އަތުގުޅުވާލެވިފައި ވިއިރު އިރުއިރުކޮޅާ ދެމަފިރިންގެ ބެލުންތައް އެކަކުއަނެކަކަށް ހުއްޓެއެވެ. ތަފާތު ވާހަކަތައް ބަދަލުކުރެވެމުން ދިޔަ އެވެ.

''މިއަދު ޖަނާ ގުޅި، ބުނި ޓެސްޓްތަކުގެ ރިޒަލްޓް ލިބުނު ވާހަކަ...'' ބަތޫލް ބުނެލިއެވެ.

''އެންޑް؟...'' އަޒްޔާން ޝައުޤުވެރިކަން ފާޅުކުރިއެވެ.

''ޕޮޒިޓިވްއޭ ބުނީ... ހަތަރު އަހަރަށްފަހު އެކަން ވެސް އެއޮއް ކާމިޔާބުކުރެވުނީ...'' ބަތޫލްގެ އަޑުގައި އުފާވެރިކަން ވިއެވެ. ''އަދި ބުންޏޭ ޝުޖާއަށް ސަޕްރައިޒެއް ދޭން އުޅޭވާހަކަ ވެސް...''

ދެކެވެމުން ދިޔަ ވާހަކައިގެ ތެރޭން އިތުރު ކުއްޖަކު ބޭނުންވާކަމުގެ ޝައުޤުވެރިކަން އަޒްޔާން ފާޅުކުރިއެވެ. ބަތޫލްއަށް ހީވީ އަޒްޔާނަށް އޭނަގެ ހިތުގެ ގޮވުން އަޑުއިވުނު ހެންނެވެ. ވަގުތުން އޭނަގެ ނަޒަރު ގޮސް ހުއްޓުނީ އަޒްޔާންގެ މޫނަށެވެ. އެއާއެކު ދެމަފިރިންގެ ހަތަރުކަޅި ގުޅިލާމެހިގެން ދިޔަ އެވެ.

''ރަގަޅު ޚިޔާލެއްތަ މިފާޅުކުރެވުނީ؟...'' އަޒްޔާން ބުމަ އަރުވާލަމުން އަހާލިއެވެ. ބަތޫލް ބޯޖަހާލީ އާނ ބަސް ދެމުންނެވެ.

''އެހެންވިއްޔާ ދެން ވޯލކް ނިންމާލާފަ ކޮޓަރިއަށް ދާން ހިނގަމާ، އޭރުންނެއްނު އެކަން ފުރިހަމަކުރެވޭނީ ވެސް...'' އަޒްޔާންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

''އެއްކަލަ ޒޭން ފެށީއޭ ދޯ...'' ބަތޫލް މޫނުހަދާލަމުން ބުނެލިއެވެ. އެހިނދު އަޒްޔާން ހީލަމުން ބަތޫލްގެ އުނަގަނޑުގައި އަތްއަޅުވާލަމުން ކުރިއަށްވުރެ ބޮޑަށް އޭނަގެ ހަށިގަނޑާއި ކައިރިކޮށްލިއެވެ. މިފަހަރު ނުރުހުން ފާޅުކުރާކަށް ވެސް ބަތޫލް ނޫޅުނެވެ. އަޒްޔާންގެ ޖިސްމުގެ ހޫނުކަމުން ބަތޫލްއަށް ހަމަޖެހުން ގެނެސްދިނީތީއެވެ.

''ބަތޫލް އެދޭކަމެއް ފުރިހަމަނުވެ އެބައޮތްތަ؟...'' ތަރިތަކުގެ ވިދުމުން ފަޅުފިލުވާލާފައި އޮތް އުޑަށް ބަލާލަމުން އަޒްޔާން ބުނެލިއެވެ. އަދި ލުއި ފިޔަވަޅުތަކެއްގައި ކުރިއަށް ދާން ފެށިއެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތައް އިރުއިރުކޮޅާ އައިސް ދެމަފިރިންގެ ފައިތިލައަށް ފަސްލައި ފޮރުވާލަން އުޅެއެވެ.

''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ހާސިލުކުރެވިއްޖެ...'' ބަތޫލް ބުނެލިއެވެ. ''އަހަރެން އެންމެ އެދޭ ފަރާތް ތިހުރީ އަހަރެންގެ ގާތުގައި، ދެން އިތުރަށް އަހަރެން ބޭނުންވާނެކަމެއް އޮބައޮތްތަ؟......... ޒޭން ހަނދާން އެބަހުރިތަ އެންމެ ފުރަތަމަ އަހަރުމެން ބައްދަލުވި ދުވަސް؟... އޭރުއްސުރެން އަހަރެންގެ ހިތް އެދުނު ހަމައެކަނި ފަރާތަކީ ތިއީ... އަހަރެން އުއްމީދުކުރި ފަދަ ހަޔާތެއް މިއަދު އަހަންނަށް މިވަނީ ލިބިފައި، އަހަރެންދެކެ އިންތިހާއަށް ލޯބިވާ ފިރިއަކު ލިބިއްޖެ، އަހަރެންގެ އުނގު ފަޅުފިލުވާލަދޭނެ ކުއްޖަކު އެބަހުރި، ދެން އިތުރަށް އަހަރެން ބޭނުންވާކަމަކީ މުޅި އުމުރުދުވަސް ޒޭންއާއެކު ހޭދަކޮށްލުން، އަހަރުމެންގެ ދަރިފުޅު ބޮޑުވެ ޢާއިލާއެއް ފަށާނެ ދުވަސް ދެކިލުން...''

މުސްތަޤުބަލާމެދު ކުރެވެމުން އައި އުއްމީދުތައް އަޒްޔާނާއި ބަތޫލް ހިއްސާކުރިއެވެ. މިއަދު އެދެމަފިރިންގެ އުއްމީދުތަކާއި ހާސިލުކުރަން އެދުނު އުފާވެރިކަން އެވަނީ މިލްކުކުރެވިފައެވެ. ތަފާތު އިމްތިހާނުތަކާ ކުރިމަތިވިކަމުގައި ވިޔަސް އުގުޅުމުގެ ވަރުގަދަކަން ވަނީ ދުނިޔެއަށް ސާބިތުކޮށްދީފައެވެ. ހިތާއިހިތުގެ ގުޅުން އެއީ ވަކިނުކުރެވޭނެފަދަ ބާރެއްކަން ވެސް ވަނީ ހާމަކޮށްދީފައެވެ.

(ނިމުނީ)

infinity loading...
×
DB released 01.