ކޮންމެ މެޗަކީވެސް ފައިނަލެއް، ވިކްޓަރީ އަތުން ޕޮއިންޓެއް ވެސް މުހިއްމު: ސާންތި

އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޤަނީ - ޕްރެސްކޮންފަރެންސެއްަގއި ވާހަކަ ދައްކަނީ--ފޮޓޯ: މުހައްމަދު އަފްރާހް

މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބާއި އީގަލްސް ބައްދަލުކުރާ މެޗަކީ މުހިއްމު މެޗެއް ކަމަށާއި ލީގުގައި ދެ ބުރު އޮންނަ އިރު ކޮންމެ މެޗަކީ ވެސް ފައިނަލް މެޗެއް ކަމަށް އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތި) ބުނެފިއެވެ.

ލީގުގައި އީގަލްސް މިހާތަަނަށް ދެ މެޗު ކުޅެފައިވާއިރު މިއަދު ހަވީރު ކުޅޭ މެޗާ ގުޅޭ ގޮތުން ސާންތި ބުނީ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވުން އެއީ ޓީމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި ނަމަވެސް ވިކްޓަރީއާ ދެކޮޅަށް ނެރޭނީ ވަރުގަދަ ޓީމެއް ކަމަށެވެ.

"އީގަލްސް ކުޅުންތެރިން ނުކުރާނެ އެއްވެސް ޓީމެއް ފަސޭހައެއް، އަޅުގަނޑުމެން ދެކެނީ، އީގަލްސް އިން އަބަދުވެސް ދެކެނީ ވިކްޓަރީ އަކީ ބޮޑު ޓީމެއްގެ ގޮތުގަ، އެހެން ވީމަ ފަސޭހައެއް ނުވާނެ،" ސާންތި ބުންޏެވެ.

ވިކްޓަރީގެ ކޯޗު އަލި ސުޒޭން--ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅޭ މާލޭ ލީގުގެ މެޗާ ގުޅޭ ގޮތުން އެ މެޗުގައި ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒޭން ބުނީ ވިކްޓަރީ މިވަގުތު އޮތީ ވަރަށް ޕްރެޝަރުގައި ކަމަށާއި އަދި މި ޕްރެޝަރު އިތުރު ވަނީ މިއަދުގެ މެޗުގައި އީގަލްސް ކަހަަލަ އޮގަނައިޒް ޓީމަކާ ދެކޮޅަށް ކުޅެން ޖެހޭތީ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މި ފަހަކަށް އައިސް ފުޓްބޯޅަ މެޗެއްގައި އަޅުގަނޑު ކުރިމަތިލާނެ އެންމެ ޕްރެޝަރު ބޮޑު މެޗޭ މިއަދުގެ މެޗަކީ" ސުޒޭން ބުންޏެވެ.

ވިކްޓަރީއާ ދެކޮޅަށް އީގަލްސް ނުކުންނައިރު އީގަލްސް ވަނީ ޔުނައިޓެޑް ވިކްޓަރީ 2-0 ބަލިކޮށް މާޒިޔާ އަތުން 1-0 ބަލިވެފައެވެ. އަދި ވިކްޓަރީ ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ގްރީން ސްޓްރީޓް އަތުން 1-0 ބަލިވެފައެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ވިކްޓަރީ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް