ނަމާދު ކުރުމުން ބުރަކަށީގެ ރިހުމަށް ފަރުވާ ލިބޭ

ބަޔަކު ނަމާދު ކުރަނީ-- ފޮޓޯ: ގެޓީ އިމޭޖަސް

ފަރުޟު ފަސް ނަމާދުގައި ކުރާ ހަރަކާތްތައް ރަނގަޅަށް ކުރުމަކީ ބުރަކަށީގެ ރިހުންތަކަށް ފަރުވާ ލިބޭނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ބިންގްހެމްޓަން ޔުނިވާސިޓީގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ނަމާދުގައި ކުރާ ހަރަކާތްތައް ރަނގަޅަށް ކުރާނަމަ ބުރަކައްޓާއި ކަކުލާއި އުނަގަނޑުގެ ރިހުންތަކުގެ އިތުރުން ފިޒިކަލް ސްޓުރެސް އަދި އެންޒައިޓީއަށް ފަރުވާ ލިބެއެވެ.

އަދި ނަމާދުގައި ކުރާ ހަރަކާތްތަކަކީ ކުލިނިކަކުން ދޭ ފަރުވާއާ އެއްފަދަ ފަރުވާއެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

"ނަމާދުގައި ކުރާ ހަރަކާތްތަކާމެދު ވިސްނޭނެ އެއް ގޮތަކީ އެއީ އުނަގަނޑަށް ފަރުވާ ހޯދުމަށް ކުރާ ކަސްރަތު، ޔޯގާ ނުވަތަ ފިޒިކަލް ތެރަޕީއާ އެއްގޮތް ކަންތައްތަކެއް ހުރުން،" ދިރާސާކޮށް އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ހަޝައުނާ ވިދާޅުވެފައިވެ އެވެ.

ސައިންސްވެރިން ހެދި ދިރާސާގައި ބޭނުންކޮށްފައިވަނީ އިންޑިއާ އާއި އޭޝިއާ އަދި އެމެރިކާގެ ސިއްހަތު ރަގަނޅު އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑާ އެއްގޮތަށް ކޮމްޕިއުޓަރު ބޭނުންކޮށްގެން ހަދާފައިވާ މޮޑެލްތަކެއް ބޭނުން ކޮށްގެންނެވެ.

އެ މޮޑެލްތައް ބޭނުންކޮށްގެން ހެދި ދިރާސާތަކުން ދެއްކި ގޮތުގައި ސަޖިދައަށްދާއިރު ހުޅުތަކުގެ އިލާސްޓިސިޓީ އިތުރުވެއެވެ.

އެމެރިކާގެ ޔުނިވާސިޓީއަކުން ހެދި އެ ދިރާސާ ރިޕޯޓް ޝާއިއުކޮށްފައި އިންޓަނޭޝަނަލް ޖާނަލް އޮފް އިންޑަސްޓްރިއަލް އެންޑް ސިސްޓަމް އެންޖިނިއަން ގެ އެންމެ ފަހުގެ އަދަދުގައެވެ.

comment ކޮމެންޓް