ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމަށް ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންް ---- ސަން ފޮޓޯ

އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކޮށްފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ކެންޑިޑޭޓުންގެ މަންދޫބަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކެންޑިޑޭޓެއްގެ މަސްލަހަތު އޮތް ކޮންމެ މަރުމަޒަކަށް މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ވަނީ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައް ބެލުމަށް ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ވެސް ފޯމު ހުށަހެޅޭނެ ކަމަށެވެ.

މާލެއިން ފޯމް ހުށަހަޅާނަމަ ބާ ޖަމާލުއްދީންގައި ހުންނަ އިންތިޚާބީ މަރުކަޒަށް ފޯމް ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އަތޮޅުތަކުންނަމަ އެ އަތޮޅެއް ނުވަތަ ރަށެއްގެ ފޯކަލް ޕޮއިންޓަށް ފޯމް ހުށަހެޅޭނެ ކަމަށާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީން ފޯމު ހުށަހަޅަންޖެހޭނީ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަކީ ސަރުކާރު ހިންގާ ޕީޕީއެމް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އާއި އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއެވެ. އަމިއްލަގޮތުން ވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ވަކި މީހަކު ބޭނުންވާ ކެންޑިޑޭޓުން ހޮވަން އުޅޭކަމަށް ބުނެ އަދާލަތު ޕާޓީން ވަނީ އިންތިޚާބު ބޮައިކޮޓް ކޮށްފައެވެ.

comment ކޮމެންޓް