ކުޑަ ތިން ދަރިންގެ ބައްޕަ ކިޑްނީ ބަދަލުކުރަން އެހީއަކަށް އެދިއެދި

ދެ ކިޑްނީވެސް ފެއިލްވެފައިވާ ތިން ކުދިންގެ ބައްޕަ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ށ. ފުނަދޫ، އަރާއިރު އަލީ އާދަމަކީ ކުޑައިރުން ފެށިގެން ވެސް ފުރިހަމަ ސިއްހަތެއްގެ ނަސީބު ލިބިފައިވި މީހެކެވެ. ވަޑާމުގެ މަސައްކަތްކުރާ އަލީ ވަޒީފާ އަދާކުރަމުން ދިޔައީ ރިސޯޓްތަކުގައެވެ. މިދިޔަ އަހަރު އޭނާއަށް ދޭތެރެ ދޭތެރެއިން ހޮޑުލެވުމުގެ މައްސަލަ ކުރިމަތިވިއެވެ. ދުވަހަކަށްފަހު ދުވަހު ހޮޑުލެވޭ ވަރު އިތުރުވަމުންދިޔަ އެވެ. އެކަންބޮޑުވެ އޭނާ ޑޮކްޓަރަށް ދެއްކުމުން ލިބުނީ ހިތްދަތި ޖަވާބެކެވެ.

"ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމުން ޑޮކްޓަރުން ބުނީ ދެ ކިޑްނީވެސް ފެލްވެފައިވާ ކަމަށް،" އަލީ ސަން އަށް ކިޔައިދިނެވެ.

އަހަރުގެ ޖެނުއަރީމަހުގެ ތިން ވަނަ ދުވަހު އެކަން ޑޮކްޓަރުން އެންގުމާއެކު އިންޑިއާއަށް ފަރުވާހޯދަން ދިޔައެވެ. އިންޑިއާއިން ބެލި ޑޮކްޓަރުން ވެސް ދިނީ އެޖަވާބެވެ.

ޖެހޭނީ ކިޑްނީ ބަދަލުކުރަން!

އަލީ ބެއްލެވި ރާއްޖޭގެ ޑޮކްޓަރުން ވެސް އަދި އިންޑިއާގެ ޑޮކްޓަރުން ވެސް އޭނާއަށް އަންގާފައި ވަނީ ހައްލަކީ ކިޑްނީ ބަދަލުކުރުން ކަމަށެވެ. ކިޑްނީއަކަށް އެދިއެދި މިހާރު އޭނާ އުޅެމުންދަނީ ޑައިލަސިސް ހަދައިގެންނެވެ.

އަލީ އޭނާގެ ހާލަތު ސަން އަށް ކިޔައިދެނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ހަފްތާއަކު ތިން ދުވަހު ޑައިލަސިސް ހަދަން ޖެހޭ، ކިޑްނީއެއް ލެއްވެންދެން ޑައިލަސިސް ހަދައިގެން އުޅެން ޖެހޭނީ، ހަ މަސްތެރޭގައި ކިޑްނީ ބަދަލުކުރަން ޑޮކްޓަރުން ބުނަނީ،" ފިރިމީހާގެ ހާލަތު ކިޔައިދެމުން އައިމިނަތު ރަޒިއްޔާ ބުންޏެވެ.

ތޭރަ އަހަރުން ދަށުގެ ތިން ދަރިންނާއެކު ފުނދޫގައި އުޅެމުންދިޔަ އެދެމަފިރިންނަށް މިއަދު ވަނީ މާލޭގައި މަޑުކުރަން މަޖުބޫރުވެފައެވެ. ދަރިން ތިބީ ރަށުގައެވެ. ޑޮކްޓަރުން ލަފާދީފައި ވަނީ މާލެއިން ޑައިލަސިސް ހެދުމަށެވެ. އެއީ ބޮޑު ހޭދައެކެވެ.

"ހިފާފަ ހުންނަ ކޮޓަރިއަށް ދޭ ދުވާލަކަށް 400 ރުފިޔާ، ދެން ކެއުމާއި އެހެން ކަންކަމަށް 1000 ރުފިޔާ ވަރު ދުވާލެއްގެ މައްޗަށް ހަރަދުވާނެ، ކޮންމެ ކޮންމެ އެއްޗެއް ފިރިމީހާއަށް ކެއުމުގެ ހުއްދައެއް ނޯވޭ،" ރަޒިއްޔާ ބުންޏެވެ.

ކިޑްނީއެއް ހޯދުމުގެ މަސައްކަތް!

އަލީ އަށް ކިޑްނީ ދިނުމަށް އޭނާގެ އާއިލާގެ ތިން މީހަކު ވަނީ އެއްބަސްވެފައެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ޑޮކްޓަރަށް ދަކައި ޓެސްޓްތައް ހަދައިގެން އެމީހުންގެ ކިޑްނީ އަލީއަށް ލެއްވޭނެތޯ ބެލެމުވެ.

"އާސަންދައިން އަންގާފަ އޮތީ ކިޑްނީ ޑޯނާއެއް ހޯދާށޭ، ޑޯނާއެއް ލިބުނީމަ އާސަންދަ ލިބޭނޭ، އެކަމު އެއީ ބަލި މީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ބޭހުގެ ކަންކަން،" އަލީ ބުންޏެވެ.

އެދެނީ ދީލަތި އެހީއަކަށް

ކުޑަ ތިން ކުދިންގެ ހަރަދުތަކާއި ޑައިލަސިސް ހެދުމަށް މާލޭގައި ހުންނަން ހޭދަވާ ހަރަދުތަކާއެކު ކިޑްނީ ބަދަލުކުރުން ފަދަ ބޮޑު ކަމަކަށް އެ އާއިލާ ވަނީ ނުކުޅެދިފައެވެ. ތިން ކުދިންނަށް މުސްތަގުބަލެއް ހޯދައިދިނުމުގެ އުންމީދުގައި މަސައްކަތްކުރަމުންދާ އެ ބައްޕަ އެ ދެނީ އެ ހާލަތުން އަރައިގަތުމަށް ހެޔޮ ދުވާ އާއި ދީލަތި އެހީތެރި ކަމަކަށެވެ.

އެހީތެރިވުމަށް:

ރަޒިއްޔާ:7592151

އެކައުންޓް ނަމްބަރު:

އައިމިނަތު ރަޒިއްޔާ: 7724348060101

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް