ނަހުލާގެ "ބޮސް" ޑައިރެކްޓް ކޮށްދިނުމަށް ރިޝްމީއަށް ހުށަހަޅައިފި

ނަހުލާގެ "ބޮސް" ގެ ބަތަލާ އައްޒަ---

ކާމިޔާބު ބިރުވެރި ފިލްމު 4426 އަށް ފަހު ފާތިމަތު ނަހުލާ ގެނެސްދޭން އުޅޭ ލޯބީގެ ފިލްމު "ބޮސް" ޑައިރެކްޓް ކޮށްދިނުމަށް ކުޅަދާނަ ބަތަލާ އައިޝަތު ރިޝްމީއަށް ހުށަހަޅައިފިއެވެ.

އޮލިމްޕަހުގައާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި، 4426ގެ ހައުސްފުލް ޝޯ ތަކެއް ދެއްކުމަށްފަހު، ނަހުލާ ދަނީ "ބޮސް" ޑައިރެކްޓް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަަސައްކަތް ކުރަމުންނެވެ.

"ބޮސް" ގެ ޑައިރެކްޓަރަކަށް ވާން ރިޝްމީ އަށް ދައުވަތު ދިނީ އިއްޔެ، ޔާރާ ޕްރޮޑަކްޝަންގެ ފިލްމު "ވިޝްކާ" ޕްރިމިއަރ ކުރުމަށް ޝްވެކް ސިނަމާގައި ބޭއްވި ހަފްލާގައެވެ.

ދައުވަތު ދެމުން ނަހުލާ ބުނީ، ރިޝްމީއަށް އެ ފުރުސަތު ދޭން ނިންމީ އަބަދުވެސް އޭނާގެ ހިތުގައި ރިޝްމީގެ ނަން އޮންނާތީ ކަމަށާއި، "ބޮސް" އަކީ އޭނާ އެންމެ ފުރިހަމައަށް ހަދަން ބޭނުންވާ ފިލްމަކަށް ވާތީ އެ މަަސައްކަތް ރިޝްމީއަށް ކުރެވޭނެތީ ކަމަށެވެ.

ދިވެހި ފިލްމު "ވިޝްކާ" ޕްރިމިއާ ކުރުމަށް ބޭއްވި ހަފްލާގެ ޝަރަފްވެރި މެހުމާން ފާތިމަތު ނަހުލާއާ އެކު ފިލްމުގެ ލީޑްރޯލް ކުޅޭ ދެތަރިން ކަމުގައިވާ ރިޝްމީ ރަމީޒު އާއި ރަވީ ފޮޓޯ އަކަށް ހުއްޓިގެން ---- ފޮޓޯ: މުހައްމަދު ޝަރުހާން

"ރިޝްމީއަށް މިކަން ވާނެ. ރިޝްމީ އަކީ ވަރަށް ކޮމިޓްމެންޓް ވަރުގަދަ މީހެއް. އޭނަ އަށް އަޅުގަނޑެކޭ އެއްފެންވަރެއްގަ މަސައްކަތް ކޮށްލެވޭނެ. ވަރަށް މޮޅު ހުނަރުވެރި މީހެއް ރިޝްމީ އަކީ،" 'ކަލާޔާ ނުލާ އާއި 'ޔޫސުފް' ފަދަ ފިލްމުތައް ގެނެސްދީފައިވާ ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ، އެ ދައުވަތު ރިޝްމީއަށް ދިން ކަމުގައި ވިޔަސް ވަގުތުން ޖަވާބެއް ރިޝްމީގެ ފަރާތުން ބޭނުން ނުވާ ކަމަށާއި އެ މަސައްކަތާ ދޭތެރޭ ވިސްނާލަން ވަގުތު ވެސް ދޭނެ ކަަމަށެވެ.

'ޒުލޭހާ' ފިލްމުން ބެލުންތެރިން ރޮއްވާލި ޕްރޮޑިއުސަރުގެ ކުރިޔަށް އޮތް "ބޮސް" އަކީ ވެސް ލޯބީގެ އަސަރުގަދަ ފިލްމެކެވެ. ރިޝްމީއަށް އެ ދައުވަތު ދީފައިވާއިރު "ބޮސް" ގެ ލީޑު ރޯލު ކުޅެން ހަމަ ޖައްސާފައިވަނީ އޭނާގެ ކޮއްކޮ އައްޒައެވެ.

ރޯދައިގެ ފަހުން "ބޮސް" ގެ ޝޫޓިން ފަަށަން ހަމަޖެހިފައިވާއިރު "ބޮސް" ލީޑު ރޯލުކުޅޭ އައްޒަ އާއި އެކު ދެން ފެންނާނީ އިބްރާހީމް ޖިހާދު (ޖިމީ)ގެ އިތުރުން މުޅިން އާ ފަންނާނެކެވެ.

"ބޮސް"ގެ މަަސައްކަތް އެއްކޮށް ނިމި ސްކްރީނަށް އަންނާނީ މި އަހަރުގެ ފަހުކޮޅުގައެވެ.

comment ކޮމެންޓް