ރަތް ކާޑެއް ދެއްކިޔަސް ނިއުއަށް މައްސަލައަކަށްނުވި، ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިއަދު މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އަތުން މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުގެ މައްޗަށް ޔޫވީން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ ލީގުގައި ނިއު ހޯދި ދެވަނަ މޮޅެވެ. ފުރަތަމަ މެޗުގައި ނިއުއިން ވަނީ 3-1 ލަނޑުގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން މޮޅުވެފައެވެ.

ލީގުގައި ޔޫވީ ކުޅުނު ދެވަނަ މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ޔޫވީ ވަނީ 2-0 ލަނޑުން ކްލަބު އީގަލްސް އަތުން ބަލިވެފައެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ނިއު ރޭޑިއަންޓުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މެޗުގެ 14 ވަނަ މިނެޓުގައި ޔޫވީން ނިއުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ.

ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ޔޫވީގެ ކެޕްޓަން ހުސައިން ސިމާޒް (ކޮކީ) ފޮނުވާލި ހަމަލާ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުދުސް ކެލާނީ ފޮނުވާލި ހަމަލާ، އަހްމަދު އަބްދުﷲ (ލިލީ) ވަނީ ބްލޮކްކޮށްފައެވެ.

ޔޫވީގެ އެ ހަމަލާއަށްފަހު އެޓީމަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިފައި ނުވާއިރު، ނިއުއަށް ފުރަތަމަ ހާފު ނިމެނިކޮށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ.

ނިއުގެ ގަލާޑޯ ވަލްޑޭސް އެޑްރިއަން ފޮނުވާލި އެ ދެ ހަމަލާ ވެސް ޔޫވީގެ ކީޕަރު ރުސްލާން އަމިރޯވް ރުސްލާން ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް، ނިއުއަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ފުރަތަމަ ހާފުގައި ވެސް ނިއުގެ ދެ ހަމަލާ ފޮނުވާލި ގަލާޑޯ، ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން މިފަހަރު ފޮނުވާލި ހަމަލާ ވެސް ކީޕަރު ރުސްލާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ނިއުއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. އަލީ ފާސިރު (ސެންޓޭ) ދިން ރީތި ބޯޅައަކުން ނިއުއަށް ލީޑު ހޯދައިދިނީ ގަލާޑޯއެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ނިއުގެ އޮގާވާ ކެއިސޫކޭއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުން އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

އޮގާވާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ޔޫވީގެ ހާފްގެ ތެރެއިން އިބްރާހިމް ނޫރައްދީންއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޮގާވާއަށް ރަތް ކާޑު ދެއްކުމަށްފަހު ވެސް ރަނގަޅަށް ކުޅެމުންދިޔައީ ނިއުއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ނިއުއިން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރިއެވެ. ސެންޓޭ ނަގައިދިން ކޯނަރަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ޑިފެންޑަރު މާކޮވިޗް ސްޓެވަންއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ނިއުއަށް ލީޑު އިތުރަށް ފުޅާކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކުދުސް ކެލާނީ ކައިރިން ނައްޓާލުމަށްފަހު، ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ސެންޓޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 3-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުޅުންތެރިޔަކު މަދުކޮށް ވިޔަސް، މޮޅު ކުޅުމެއް ދައްކަމުންދިޔަ ނިއުއިން ވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ގަލާޑޯ ދިން ބޯޅައަކުން ނިއުއަށް އެލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ސެންޓޭ ވަނީ ވަރަށް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ކްލަބު ގްރީން ސްޓްރީޓްސްއެވެ.

comment ކޮމެންޓް