ޗެމްޕިއަންސް ލީގުގައި 100 ލަނޑު ހަމަކުރުމުގެ ފޯރި މެކުހަށް!

ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އާއި ލިއޮނަލް މެސީ (ވ) -- ފޮޓޯ: ގޯލް

ޔުއެފާ ޗެމްޕިއަންސް ލީގުގައި، 100 ލަނޑު އެންމެ ފުރަތަމަ ހަމަކުރާނޭ ކުޅުންތެރިއަކީ ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމާ މެދު މިސީޒަން ފެށުނީއްސުރެންވެސް ގިނަ ބަޔަކު ޝައްކެއް ނުކުރެއެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާއާ އެންމެ ވާދަވެރި، ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއާ ރޮނާލްޑޯއާ ދެމެދު ސީޒަން ފެށުނު އިރު، 11 ލަނޑުގެ ތަފާތެއް އޮތެވެ. އެހެން ނަމަވެސް، މިހާރު މަންޒަރު ބަދަލުވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ ފްރާންސްގެ ޕީއެސްޖީ އަތުން ހީނުކުރާ ފަދަ ނަތީޖާއަކުން ބާސާ މޮޅުވެ، މުބާރާތުގައި އެ ޓީމު ދެމިއޮތުމުގެ އެންމެ ބޮޑު އުފަލެއް ލިބޭނޭ ކުޅުންތެރިއަކީ މެސީއެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ނޮކައުޓް ސްޓޭޖްގެ ފުރަތަމަ ލެގުގައި 4 ލަނޑުގެ ތަފާތަކުން ބަލިވެފައިވާ ޓީމެއް ޖެހިގެން އޮންނަ ބުރަށް ދަތުރުކުރުމުގެ ޝަރަފް ހޯދި ފުރަތަމަ ކްލަބަށް ބާސާ ވެގެން ދިޔައިރު މެސީ ވަނީ، އެ މެޗުގައި ލަނޑެއް ޖަހައި އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ ފަރަގު އެންމެ ލަނޑަކަށް ކުޑަކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް 2014 ވަނަ އަހަރާ ހަމައަށް އޮތީ ރެއާލްގެ ކުރީގެ ތަރި ރައުލް އަތުގައެވެ. އެ ސީޒަންގައި 71 ލަނޑު ހަމަކޮށް މެސީ ރައުލްގެ ރެކޯޑް މުގުރާލިނަމަވެސް ރޮނާލްޑޯ ވަނީ މިދިޔަ ސީޒަންގައި ރެއާލުން ހޯދި ޗެމްޕިއަންސް ލީގު ކާމިޔާބީގައި ޖުމުލަ 16 ލަނޑު ޖަހައި މެސީގެ ރެކޯޑު މުގުރާލައިފައެވެ. އެގޮތުން ސީޒަން ނިމުނު އިރު ޖުމުލަ 93 ލަނޑު ހަމަކޮށް، ރޮނާލްޑޯ ވަނީ ލަނޑުގެ ފަރަގު 10 އަށް ބޮޑުކޮށްފައެވެ. މިހާރު 100 ލަނޑު ހަމަކުރާން ރޮނާލްޑޯ ބޭނުން ވަނީ އިތުރަށް އެންމެ 5 ލަނޑެވެ.

ޗެމްޕިއަންސް ލީގު މެޗެއްގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ -- ފޮޓޯ: ގޯލް

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ގިނަ ލަނޑުތަކެއް ކާމިޔާބުކުރި ނަމަވެސް މިސީޒަންގެ ޗެމްޕިއަންސް ލީގުގައި އޭނާއަށް މިހާތަނަށް ކާމިޔާބުކުރެވިފައި ވަނީ، އެންމެ ދެ ލަނޑެވެ. އެއީވެސް ގްރޫޕް ސްޓޭޖުގައި އޭނާ ކުޅުނު ހަ މެޗުންނެވެ. ނަމަވެސް މެސީ މިވަނީ މިސީޒަންގައި ފަތުއަޑުކިޔާފައި ކުރިއަރަން ފަށައިފައެވެ. އެގޮތުން މެސީ ވަނީ މިސީޒަންގައި އޭނާ ކުޅުނު ޗެމްޕިއަންސް ލީގު ފަސް މެޗުން 10 ލަނޑު ހަމަކޮށް އޭނާގެ ލަނޑުގެ ޓެލީ 93އަށް އުފުލާލައިފައެވެ.

މެސީ އޭނާގެ ކެމްޕޭން ފެށީ، މިފަހަރުގެ ގްރޫޕް ސްޓޭޖްގައި ސެލްޓިކް ކޮޅަށް ބާސާ ހަތް ލަނޑު ޖެހި މެޗުންނެވެ. އެ މެޗުގައި މެސީ ވަނީ ހެޓްރިކެއް ހަދައި، ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ހެޓްރިކް ހަދައިގެން ރޮނާލްޑޯ ގާއިމުކޮށްފައިވާ ރެކޯޑާ އަރައި ހަމަކޮށްފައެވެ.

މެސީ ވަނީ، ޖެހިގެން އައި ކުރިމަތިލުމުގައި މެންޗެސްޓާ ސިޓީކޮޅަށް ހެޓްރިކެއް ހަދައި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑް (ފަސް ހެޓްރިކް) ވެސް މުގުރާލައިފައެވެ. އެއަށް ފަހު އިއްތިހާދުގައި ކުޅުނު ދެވަނަ ލެގު މެޗުގައިވެސް ސިޓީ ކޮޅަށް ލަނޑެއް ޖަހައި، ސެލްޓިކް ޕާކުގައި 2 ލަނޑު އަދި ބޮރޫޝިއާ މޮންޗެންގްލަބަޗް ކޮޅަށް ޖެހި ލަނޑާއެކު 93 ހަމަކޮށް ރޮނާލްޑޯއާ، އެންމެ ދެ ލަނޑަށް ފަރަގު ކުޑަކުރިއެވެ.

މި ސީޒަންގެ ގްރޫޕް ސްޓޭޖްގައި ސެލްޓީކާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި މެސީ -- ފޮޓޯ: ގޯލް

ގަދަ 16ގެ ފަހު މެޗުގައި ޕީއެސްޖީ ކޮޅަށް މެސީ ވައްދާލި ޕެނަލްޓީއާއެކު މިހާރު މި ވަނީ ދެ ވާދަވެރީންގެ ފަރަގު އެންމެ ލަނޑަކަށް ތިރިވެފައެވެ. އަދި އެ ޕެނަލްޓީއާއެކު، ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ މިހާތަނަށް ކާމިޔާބުކޮށްފައިވާ 11 ޕެނަލްޓީގެ ރެކޯޑާ ވެސް މެސީ މިވަނީ އަރައި ހަމަކޮށްފައެވެ.

ޝައްކެއްވެސް ނެތްގޮތުގައި ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރީންނަކީ ރޮނާލްޑޯއާއި މެސީއެވެ. ވިލާތުގެ އެންމެ ޝަރަފުވެރި މުބާރާތުގައި، ފުރަތަމަ ފަހަރަށް ޖުމުލަ 100 ލަނޑު ހަމަކުރުމުގެ ފޯރި މެކުހަށް ޖަހާފައި ވާއިރު، އެ ޝަރަފް ހޯދުމުގެ ފުރުސަތު ދެ ކުޅުންތެރީންނަށް ވެސް އަދި އެބަ އޮތެވެ.

ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯއާއި މެސީގެ ވާދަވެރިކަން

  • ކުޅުނު މެޗުގެ އަދަދު: މެސީ 113، ރޮނާލްޑޯ 135
  • ޖެހި ލަނޑުގެ އަދަދު: މެސީ 93، ރޮނާލްޑޯ 95
  • ކާމިޔާބުކުރި ޕެނަލްޓީ: މެސީ 11، ރޮނާލްޑޯ 11.
  • ފައިނަލްގައި ޖެހި ލަނޑު: މެސީ 2، ރޮނާލްޑޯ 2.
  • ޓްރޮފީގެ އަދަދު: މެސީ 4، ރޮނާލްޑޯ 3.
comment ކޮމެންޓް