އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

(2 މާރިޗް 2017 ގެ އަދަދާ ގުޅޭ)

ނަމަވެސް ހިޖްރައިން އެއްސަތޭކަ ވަނަ އަހަރު ޚަވާރިޖުންގެ ފިރުޤާއެއްކަމުގައިވާ ޙަރޫރިއްޔާގެ މީހުން ޢިރާޤުގައި ހަމަނުޖެހުން ހިންގައި ޒިންމީންނާއި މުސްލިމުންގެ މުދާފޭރި، މީހުން މަރައި ހަދާންފެށިއެވެ. އެހެންކަމުންއަމީރުލްމުއުމިނީނަށް އެބައިމީހުނާ ހަނގުރާމަކުރައްވަން މަޖްބޫރުވެ ވަޑައިގެންނެވިއެވެ. ކޫފާގެ ގަވަރުނަރު ޢަބްދުލްޙަމީދަށް ޚަވާރިޖުންނާ ހަނގުރާމަކުރެއްވުމުގެ ހުއްދަދެއްވިއެވެ. އެއްވެސް އަންހެނަކު ނުވަތަ ކުޑަކުއްޖަކު ނުވަތަ އަސީރަކު ޤަތުލުނުކުރެއްވުމާއި، ޒަޚަމުވެފައިހުރި މީހަކު ފަހައި ސިފައިން ނުފޮނުއްވުމާއި، ފަތަޙަޔަށްފަހު ލިބޭ ޣަނީމާއެއް އެމީހުނަށް އަނބުރާ ރައްދުކުރެއްވުން ޝަރުޠުކުރައްވަމުންނެވެ. ހައްޔަރުކުރެވޭމީހުންވެސް ސީދާމަގަށް އަތުވެއްޖެނަމަ މިނިވަންކުރައްވަންވެސް އެންގެވުމާއެކުގައެވެ.

އަބްދުލްޙަމީދަކީ ކުރީންވެސް ޚަވާރިޖުންނާ ހަނގުރާމަކުރެއްވި ތަޖްރިބާކާރު އޮފިސަރެކެވެ. ނަމަވެސް އެފަހަރުގެ ޙަމަލާގައި ޚަވާރިޖުންގެ އަތުން ޢަބްދުލްހަމީދު ބަލިފުޅުވިއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ފަރާތްޕުޅުން އަލްޖަޒީރާގައި ހުންނެވި ގަވަރުނަރ މަސްލަމަތު ބުނު އަބްދުލްމަލިކަށް ޚަވާރިޖުންގެ މައްސަލަ ހަމަޖައްސަވަން އަންގަވައި ޝާމީންގެ ލަޝްކަރެއްދެއްވިއެވެ. މަސްލަމަތު ލަޝްކަރާއިގެން ވަޑައިގެން ޚަވާރިޖުން ބަލިކޮށްލެއްވިއެވެ.

އަވަހާރަވުން، ޒަހަރުއެރުވުން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ދަޢުވަތަކަށް ޚަވާރިޖުންގެ ދެމީހަކު އައިސް އެކަލޭގެފާނާ ބަޙުޘުކުރިވާހަކަ އިސްވެދިޔަތާނގައި ވަނީ ބަޔާންކޮށްފައެވެ. މިކަމާ ބެހޭގޮތުން މިޒަމާނުގެ އަރައިހުންނެވި އިސްލާމީ މުފައްކިރު ސައްޔިދު އަބުލްޢައުލާ މައުދޫދީ ޚިލާފަތު ވަމުލޫކިއްޔަތުގައި ލިޔުއްވައިފައިވެއެވެ.

އެދެމީހުން ބަޙުޘުގެ ތެރޭގައި ދެންނެވިއެވެ.

"މަނިކުފާނު ގެންގުޅުއްވާ ގޮތްކޮޅު މަނިކުފާނުގެ ޢާއިލާގެ އިސްވެދިޔަ ބޭފުޅުންނާ ވަރަށް ތަފާތުކަން އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. މަނިކުފާނު އެބޭފުޅުންގެ ގަވަރުނަރުން ސިފަކުރައްވަނީ އަނިޔާވެރީންގެ ގޮތުގައެވެ. އެބޭފުޅުން ތިއްބެވީ މަގު ގެއްލިވަޑައިގެންފައިކަމަށްވާއިރު މަނިކުފާނު އެބޭފުޅުންނަށް ލަޢުނަތް ނުދެއްވަނީ ކީއްވެގެންތޯއެވެ؟"

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. އެބޭފުޅުންގެ ޢާމިލުންނަކީ އަނިޔާވެރީންކަމުގައި އަޅުގަނޑު ބުނުމުން އެބޭފުޅުން ކުށްވެރިކުރުމެއްކަމުގައި ނުފުދޭ ހެއްޔެވެ؟ އޭގެ އިތުރަށް އެބޭފުޅުންނަށް ލަޢުނަތް ދިނުމުގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ؟ ތިޔަބައިމީހުން ފިރުޢައުނަށް ކިތައްފަހަރު ލައުނަތް ދިނިން ހެއްޔެވެ؟

ޢުމަރު ބުނު ޢަބްދުލްޢަޒީޒު މިގޮތަށް ޚަވާރިޖުންގެ ހުރިހާ ސުވާލުތަކަކަށްވެސް އެބައިމީހުންގެ އަނގަ ބަންދުވާގޮތަށް ޖަވާބުދެއްވަމުން ގެންދެވިއެވެ. އެންމެފަހުން އެދެމީހުންކުރެ އެކަކު ދެންނެވިއެވެ. މަނިކުފާނު މިދުނިޔެއިން ވަކިވެވަޑައިގެން ވަޑައިގަންނަވާނީ މަނިކުފާނަށްފަހު މިޚިލާފަތު ޔަޒީދު ބުނު އަބްދުލްމަލިކާ ޙަވާލުކުރައްވައިފައިތޯއެވެ؟ އޭނާ ޙައްޤުގައި ސާބިތުވެ ނުހުންނަވާނެކަމަށް މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ!

ޢުމަރު ވިދާޅުވިއެވެ. އަހަރެންގެ ކުރީން މިމަޤާމުގައި ހުންނެވި ސުލައިމާނު ބުނު ޢަބްދުލްމަލިކު ވަނީ އަހަންނަށްފަހު އޭނާ ވަލީޢަހްދަކަށް ހަމަޖައްސަވައި އެކަމުގެ ބައިޢަތު ހިއްޕަވައިފައެވެ. އެހެންވީއިރު އަހަންނަށް އެކަން ބަދަލުކުރެވޭނީ ކިހިނަކުންހެއްޔެވެ؟ ޚަވާރިޖުންގެ ސަރުދާރު ދެންނެވިއެވެ. މަނިކުފާނަށްފަހު ޔަޒީދު ބުނު ޢަބްދުލްމަލިކު ވަލީޢަހްދުކަމަށް ޢައްޔަންކުރެއްވި ފަރާތަށް އެކަން ކުރެއްވުމުގެ ޙައްޤު އޮތްކަމުގައި ޤަބޫލުކުރައްވަމުތޯއެވެ؟ އޭނާގެ އެނިންމެވުމަކީ ޙައްޤު ނިންމެވުމެއްތޯއެވެ؟

ޢުމަރު ބުނު ޢަބްދުލްޢަޒީޒަކަށް އެސުވާލުގެ ޖަވާބެއް ނުދެއްވެވުނެވެ. ބަޙުޘުކުރުމުގެ މަޖްލިސް ނިންމަވައިލެއްވުމަށްފަހު ޢުމަރު ވިދާޅުވިއެވެ. ޔަޒީދުގެ މައްސަލައިގައި އަހަރެން މަރައިވައްޓައިފިއެވެ. އޭނާގެ އެޙުއްޖަތަށް އަހަރެންގެ ކިބަޔަކު ޖަވާބެއްނެތެވެ. އަރަހުށި މާތްﷲ އަހަންނަށް ޢަފޫކުރައްވާށިއެވެ. ޢުމަރު ވަރަށް ގިނަ ފަހަރަށް އެވާހަކަ ދައްކަވައިއުޅުއްވިއެވެ.

އެޙާދިޘާއަށްފަހު އުމަވީން ވަރަށް ބިރުގަންނަގޮތް ވެއްޖެއެވެ. ޢުމަރު މާގިނަ ދުވަހު ވެރިކަމުގައި ހުންނަވައިފިނަމަ އުމައްޔަތުވަންހައިގެ ޢާއިލީ ރަސްކަން އުވައިލައްވައި ޚަލީފާއަކު އިންތިޚާބުކުރުން މުސްލިމުންގެ ޝޫރާއާ ޙަވާލުކުރައްވައިފާނެތީއެވެ. އެހެންކަމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޢުމަރުގެ ފަރިއްކޮޅަށް ޒަހަރުލައި އަވަހާރަކޮށްލެވިއްޖެއެވެ. (ޚިލާފަތު ވަމުލޫކިއްޔަތު – ސައްޔިދުއަބުލް އައުލާ މައުދޫދީ، ސަފުޙާ :190- 191)

އާލާސްކަންފުޅުގެތެރޭގައި

އަމީރުލްމުއުމިނީން ޢުމަރު ބުނު އަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ އިސްލާޙީ މަސައްކަތްޕުޅުގައި އަވަދިނެތި އުޅުއްވަނިކޮށް އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތީ ހިޖްރައިން އެއްސަތޭކަ އެއްވަނަ އަހަރުގެ ރަޖަބުމަހުއެވެ. އާލާސްކަންފުޅުގެ ސަބަބާ ބެހޭގޮތުން އައިސްފައިވަނީ ދެރިވާޔަތެކެވެ. އޭގެތެރެއިން އެންމެ ޞައްޙަކަމުގައި އިލްމުވެރިން ބައްލަވާ ރިވާޔަތުގެ ވާހަކަ އިސްވެ ދެންނެވިފައިއެވަނީޢެވެ. ދެވަނަ ރިވާޔަތުގައިވާގޮތުން އެކަލޭގެފާނުގެ އާލާސްކަންފުޅަކީ ޠަބީޢީ އާލާސްކަންފުޅެކެވެ.

ޢިލްމުވެރީން ވިދާޅުވާގޮތުގައި އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ޒަހަރުއެރުވުނީ އެކަލޭގެފާނުގެ އަޅަކަށް އެއްހާސް ދީނާރުގެ ރިޝްވަތުދީގެންނެވެ. އިސްލާމީ އުންމަތާ ދެކޮޅަށް މިނުބައި މުއާމަރާ ހިންގެވިކަމަށް ރިވާޔަތްތަކުގައިވަނީ ޔަޒީދު ބުނު ޢަބްދުލްމަލިކެވެ. އަމީރުލްމުއުމިނީން އާލާސްކަންފުޅުގައި އުޅުއްވުމުގެ ތެރޭގައި އެކަލޭގެފާނަށް ވަނީ ޒަހަރުއެރުވި މީހާ ފާހަގަކުރެއްވިފައެވެ. ނަމަވެސް ޢުމަރު އެއަޅުކަލޭގެ ކިބަޔަކުން ބަދަލެއް ނުހިއްޕަވައެވެ. އެޅުއްވިހައިވެސް ފިޔަވަޅަކީ އެކަލޭގެ އަތުން އަސްރަފީތައް އަތުލައްވައި ބައިތުލްމާލަށް ލެއްވުމެވެ. އެއަށްފަހު އެކަލޭގެއަށް އެންގެވިއެވެ. "އަހަރެން ކަލޭގެ މިނިވަންކޮށްފީމެވެ. އެއްވެސް މީހަކަށް ކަލޭގެ ފާހަގަ ނުކުރެވޭނެ ތަނަކަށް އަވަހަށްދާށެވެ. އެހެންނޫނީ މީހަކު ކަލޭގެ ގަތުލުކޮށްފާނެއެވެ."

އެއްރިވާޔަތެއްގައިވާގޮތުން އަމީރުލްމުއުމިނީންގެ ޚާއްޞަ ބޭސްވެރިޔާވެސް އާލާސްކަންފުޅުގެ ސަބަބަކީ ޒަހަރުކަމުގައި ދަންނަވައި އެކަމަށް ބޭސްކޮޅުހަދަން އުޅުނެވެ. ނަމަވެސް އަމީރުލްމުއުމިނީން ބޭސްކުރެއްވުމާ ސަރީޙު ބަސްފުޅުން ދެކޮޅު ހެއްދެވިއެވެ. (އިބްނުލް ޖައުޒީ)

އެހެން ރިވާޔަތެއްގައިވާ ގޮތުން އުނދަގޫފުޅުތައް މާބޮޑުވުމުން ގާތް ބޭފުޅަކު ބޭސްކޮޅު ހައްދަވަން މަޝްވަރާ އެރުއްވިއެވެ. ޢުމަރު ޖަވާބުދެއްވިއެވެ. "އަޚާއެވެ! އަހަރެން ހަމައެކަނި ކަންފަތް ކަހައިލީ މާ މިބަލި ރަނގަޅުވާނެކަން ޔަޤީންވިޔަސް އަހަރެން އެކަމެއްވެސް ނުކުރާނަމެވެ. އަޅެ އަހަރެންގެ ވެރިރަސްކަލާނގެ ރަޙްމަތްފުޅުގެ ޖިވާރަށްވުރެ ބޮޑަށް އަހަރެން ޝައުޤުވެރިވާންވީ ކޮންކަމަކަށް ހެއްޔެވެ؟" (ތާރީޚެ މިއްލަތު – ޤާޟީ ޒައިނުލް އާބިދީން މީރަޓީ)

މިއާލާސްކަންފުޅުން ގަދަވެވަޑައިގަތުމުގެ އުންމީދެއްނެތުމުން އެކަލޭގެފާނަށްފަހު ޚަލީފާކަމަށް ވަޑައިގަންނަވާން ހުންނެވި ޔަޒީދު ބުނު ޢަބްދުލްމަލިކަށް އަންނަނިވި މޭރުމުން ސިޓީފުޅެއް ލިޔުއްވެވިއެވެ.

"އަޅުގަނޑު މަނިކުފާނަށް މިވަޞިއްޔަތުނާމާ މިލިޔަނީ ބަލީގެ ސަބަބުން މުޅީން އަނަރޫފަވެ ހަކަތަދެރަވެފައިވާ ޙާލުގައެވެ. މަނިކުފާނު ނިކަންހުރެ ދެނެވަޑައިގަންނަވާށެވެ! ޚިލާފަތުގެ މައްސަލައިގައި އަޅުގަނޑާ ސުވާލުކުރައްވާނެއެވެ. އަރަހުށި މާތްﷲ އަޅުގަނޑުގެ ކިބައިން އެކަމުގެ ހިސާބު ހިއްޕަވާނެއެވެ. އަޅުގަނޑުގެ އެއްވެސްކަމެއް އެކަލާނގެ ރަސްކަންފުޅަކަށް ވަންހަނާއެއް ނުކުރެވޭނެއެވެ. ޚުދު އަރަހުށި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

"އަދި (އެއުރެންކުރި ހުރިހާކަމެއް) ދެނެވޮޑިގެންވާ ޙާލުގައި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންނަށް ކިޔައިދެއްވާހުށީމެވެ. އަދި (މިކަމުގައި) ތިމަން ރަސްކަލާނގެ ދުރުވެވޮޑިގެނެއްނުވަމެވެ." (އަލްއަޢުރާފު: 7)

އަރަހުށި މާތްﷲ އަޅުގަނޑާމެދު ރުހިވޮޑިގެންފިނަމަ އަޅުގަނޑަށް ކާމިޔާބުވެއްޖެއެވެ. ދިގުދެމިގެންވާ ގަދަފަދަ ޢަޒާބަކުން މިންޖުވެވިއްޖެއެވެ. އެކަލާނގެ ރުހިވޮޑިނުގެންފިނަމަ އަޅުގަނދުގެ ނިމުމާމެދު ހިތާމަހުއްޓެވެ. އަޅުގަނޑު އެމަތިވެރިވެގެންވާ އެއްކައުވަންތަ އަދި ޝަރީކަކު ނުވާ ޒާތުފުޅަށް ދުޢާ ދަންނަވަމެވެ. އެކަލާނގެ ރަޙްމަތްފުޅުން އަޅުގަނޑު ނަރަކައިން މުއްތިކުރެއްވުން އެދިއެވެ. އެކަލާނގެ ރުހިވޮޑިގަތުމުން އަޅުގަނޑަށް ސުވަރުގެ ދެއްވުން އެދިއެވެ.

މަނިކުފާނު ތަޤްވާވެރިވެ ވަޑައިގަންނަވާށެވެ! ރައްޔިތުންނާމެދު ޚިޔާލުފުޅު ބަހައްޓަވާށެވެ! އެބައިމީހުންގެ މަތިން ހަނދާން ނައްތައި ނުލައްވާށެވެ! އެހެނީ އަޅުގަނޑުވެސް ފަދައިން މަނިކުފާނަކީވެސް ދުވަސްކޮޅެއްގެ މެހްމާނަކީމުއެވެ. މަނިކުފާނުގެ މައްޗަށްވެސް ވަނީ މަރު މިންވަރުކުރައްވައިފައެވެ. އެހެންކަމުން މަނިކުފާނުގެ ޣާފިލުކަމުން ފޫނުބެއްދެވޭފަދަ ކަތިފިޔަވަޅުފުޅެއް އެޅުއްވިދާނެތީ ބިރުފުޅުގެން ވަޑައިގަންނަވާށެވެ!

ސުލައިމާނު ބުނު ޢަބްދުލްމަލިކަކީވެސް މާތްﷲގެ އަޅެކެވެ. މާތްﷲ އޭނާގެ މައްޗަށްވެސް މަރު މިންވަރުކުރެއްވިއެވެ. އަޅުގަނޑު ޚަލީފާއަކަށް ހެއްދެވީ ސުލައިމާނެވެ. އަޅުގަނޑަށްފަހު މަނިކުފާނު ވެރިކަމަށް ޢައްޔަންކުރެއްވީވެސް އޭނާއެވެ. އަޅުގަނޑު ހުރީ އަޅުގަނޑު ބޭނުންނަމަ ގިނަގުނަ އަނބީންނާއި، ސުމާރެއް ނެތްހައި ގިނަ މުދާތައް އެއްކުރެވޭފަދަ މަޤާމެއްގައެވެ. އަރަހުށި މާތްﷲ އެކަލާނގެ އަޅަކަށް ދެއްވާނެ އެންމެ ފުރިހަމަ ނިޢުމަތްތައް އަޅުގަނޑަށް ދެއްވިއެވެ. ނަމަވެސް އަޅުގަނޑު ބިރުގަތީ ވަރަށް ވަރުގަދަ އަދި އެހާމެ ނާޒުކު ސުވާލަކާމެދުގައެވެ. މާތްﷲ އަޅުގަނޑަށް މަދަދު ނުދެއްވައިފިނަމަ ޖަވާބުދާރީ ނުވެވޭނެ ސުވާލަކާމެދުގައެވެ."

އަވަހާރަވުމާ ވަރަށް ކައިރި ދުވަހެއްގައި އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ އަރިހުގައި އެކަލޭގެފާނުގެ ޅިޔަންބޭބޭފުޅު މަސްލަމަތު ބުނު ޢަބްދުލްމަލިކު ވިދާޅުވިއެވެ.

"އަމީރުލްމުއުމިނީން އެވެ! މަނިކުފާނުވަނީ މަނިކުފާނުގެ ބޭފުޅުން މުދަލާއި މުއްސަނދިކަމުން އަބަދަށްޓަކައި މަޙްރޫމްކުރައްވައިފައެވެ. އެބޭފުޅުންނާ ބެހޭގޮތުން އަޅުގަނޑަށް ނުވަތަ ޢާއިލާގެ ކޮންމެވެސް އެހެންމީހަކަށް ވަޞިއްޔަތެއް ކުރައްވައިފައި ވަޑައިގަންނަވާށެވެ."

އެބަސްފުޅު އިވިވަޑައިގަތުމުން އުމަރު ވިދާޅުވިއެވެ.

"މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑުގެ ކުދީން އަބަދަށްޓަކައި މުދަލާއި ފައިސާއިން މަޙްރޫމް ކޮށްފައިވާކަމުގައެވެ. މާތްﷲ ގަންދެމެވެ. އަޅުގަނޑު އެކުދީންގެ އެއްވެސް ޙައްޤެއް ނިގުޅައެއް ނުގަންނަމެވެ. ޝައްކެއްނެތެވެ. އެކުދީންގެ އެއްވެސް ޙައްޤެއް އެމުދަލެއްގައި ނުހިމެނޭ މުދަލެއް އެކުދީންނަކަށް ނުދެމެވެ. ދެންތިޔަ ވިދާޅުވަނީ އެކުދީންނާ ބެހޭގޮތުން ކޮންމެވެސް މީހަކަށް ވަޞިއްޔަތްކޮށްފައި ދިއުމަށެވެ. މިކަމުގައި އަޅުގަނޑުގެ ވަޞިއްޔަކީ ވެސް ވަލިއްޔަކީވެސް އަޅުގަނޑުގެ ވެރި ﷲއެވެ. އެކަލާނގެއީ ޞާލިޙުންނާއި ތަޤްވާވެރީންގެ ވަލީވެރިޔާއެވެ. އަޅުގަނޑުގެ ކުދީން ﷲ އަށް ބިރުވެތިވެއްޖެނަމަ އަރަހުށި މާތްﷲ އެކުދީންނަށް ކޮންމެވެސް މަގެއް ދައްކަވައިފާނެއެވެ. އެކުދީން ވަނީ ފާފަތަކުގައި ހައްޔަރުވާ މީހުންގެ ތެރެއިން ކަމުގައިވާނަމަ އެކުދީންނަށް މުދާދީ، މާތްﷲއަށް އުރެދުމަށް ބިރުކުޑަކުރުވައި އެކަމުގެ ބުންވަރު ގަދަކޮށްދޭކަށެއް އަޅުގަނޑު ބޭނުމެއް ނޫނެވެ."

ނުނިމޭ

comment ކޮމެންޓް