ޓެކްނޮލޮޖީގެ އެހީތައް އުރީދޫއިން ގެސްޓްހައުސްތަކަށް ވެދެނީ

އުރީދޫއިން މިއަދު ބޭއްވި ޮއކުރުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ

ރާއްޖޭގެ ގެސްޓްހައުސްތަކަށް ބޭނުންވާ މުއާސަލާތީ އަދި ޓެކްނޮލޮޖިކަލް އެހީތެރިކަން ފޯރުކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން މިއަދު ނިންމައިފި އެވެ. އެކަމުގެ އެއްބަސްވުމެއްގައި އުރީދޫ މޯލްޑިވްސް އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ސޮއިކޮށްފަ އެވެ.

އުރީދޫ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ އާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ކަރަމެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ އެ އެއްބަސްވުމުގެ މަގުސަދަކީ ގެސްޓް ހައުސްތަކަށް މުވާސަލާތީ އަދި ޓެކްނޮލޮޖީ ސޮލިއުޝަންސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

"ހާސިލުކުރަން ބޭނުންވަނީ ދެކަމެއް. ފުރަތަމަ ކަމަކީ ގެސްޓްހައުސްތަކުގެ ހުރިހާ ޓެލެކޮމް އަދި އައިޓީ ބޭނުންތައް މިހާރަށް ވުރެ ފަސޭހަ ކޮށްދިނުން. ބޭނުންވާ ކަންތައްތައް މިހާރު ވަނީ ދެނެގަނެވިފައި. ދެ ވަނަ ކަމަކީ މި ޚިދުމަތްތަކުގެ އަގުހެޔޮކޮށް، ޚިދުމަތް ފޯރުކޮށްދިނުން،" ވިކްރަމް ވިދާޅުވިއެވެ.

ވިކްރަމް ވިދާޅުވީ ގެސްޓްހައުސްތަކަށް އެހީތެރިވެދިނުމަށް އުރީދޫ އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށާއި، އުރީދޫގެ ސީއެސްއާރު ބަޖެޓުން ޚަރަދުކޮށްގެން ވެސް ގެސްޓްހައުސްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

"ގެސްޓްހައުސްތައް ރަނގަޅަށް ހިންގުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް،"

މި ރަސްމިއްޔާތުގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ މިއަދު ވި ޕާޓްނަޝިޕްގެ ދަށުން ގެސްޓްހައުސްތަކަށް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ވަރަށް ރަނގަޅު ސޮލިއުޝަންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސްތަކަކީ ވަރަށް ގިނަ ދާއިރާތަކުގެ ޚިދުމަތްތަކާ އެކު ހިންގޭ ތަންތަނަށް ވީ ހިނދި، އެހެން ދާއިރާތަކުން ގެސްޓްހައުސްތަކަށް އެހީތެރިކަން ދޭން ޝައުގުވެރިވާ ފަރާތްތަކާ އެކުވެސް، ޖަމިއްޔާގެ ފަރާތުން ޕާޓްނަޝިޕް ހަދަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް