ހައްދުފަހަނަ އަޅާދިއުމުގެ ވިސްނުން ފެތުރޭ ގޮތުގެ ދިރާސާއެއް އެމްއެންޔޫއިން ހަދަނީ

އީޑިތް ކޯވަން ޔުނިވާސިޓީ ޔުނިވާސިޓީއާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކު މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އޮސްޓްރޭލިއާގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ އީޑިތު ކޯވަން ޔުނިވާސިޓީ (އީސީޔޫ)އާ ގުޅިގެން ރާއްޖޭގައި ހައްދު ފަހަނަ އަޅާ ދިއުމާ ވިސްނުން ފެތުރޭ ގޮތުގެ ދިރާސާއެއް ކުރަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ފަށައިފިއެވެ.

އީސީޔޫގެ ސެކިއުރިޓީ ރިސާޗް އިންސްޓިޓިއުޓާ އެމްއެންޔޫ އަދި ފުލުހުންނާއި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އާއެކު ކުރިއަށްގެންދާ އެ ދިރާސާގައި ސޯޝަލް މީޑިއާގައި ދިވެހި ބަހުން ހިންގާ ހައްދު ފަހަނަ އަޅާ ދިއުމުގެ އަމަލުތައް ބަލައި ދިރާސާ ކުރާނެ އެވެ.

އެކި ދާއިރާތަކުން ދިރާސާ ކުރުމުގެ އިތުރުން އެކި ގޮތްގޮތުން ދެ ފަރާތް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޔޫ އާއި އީސީޔޫއާ ދެމެދު ވަނީ މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އީސީޔޫގެ ފަރާތުން ސޮއި ކުރެއްވީ ސެކިއުރިޓީ ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޕްރޮފެސަރު ކުރެއިގް ވަލީއެވެ. އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފެވެ.

ދެ ޔުނިވާސިޓީއާ ދެމެދު ފަސް އަހަރުގެ މުއްދަތަކަށް ސޮއިކުރި އެ އެއްބަސްވުމުގެ މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. ފަވާޒް ވިދާޅުވީ، އެއްބަސްވުމުގެ ތެރެއިން އީސީޔޫގެ ޑިގްރީ އިން ފެށިގެން މާސްޓާސް ފެންވަރުގެ ޕްރޮގްރާމްތައް އެމްއެންޔޫގައި ފެށިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ދެ ޔުނިވާސިޓީއާ ދެމެދު މުވައްޒަފުންނާއި ދަރިވަރުން ބަދަލުކޮށް ތަޖުރިބާ ހޯދުމުގެ ޕްރޮގްރަމްތަކެއް ވެސް ކުރިއަށްދާނޭ ކަމަށް ފަވާޒް ވިދާޅުވިއެވެ.

comment ކޮމެންޓް