އައިއެސްގެ އަންހެން ޖައްލާދު ޔާސް، ތައުބާވެ އަލުން އެނބުރި މުޖްތަމައަށް އަންނަން ބޭނުންވެފައި

އައިއެސްގެ އަންހެން ހަނގުރާމަވެރިން

އަރްބީލް (މާޗް 9) : އައިއެސް ޖަމާއަތުގެ އަންހެން ޖައްލާދު ޔާސް ޚާސިރު، އިރާގުގެ މުސްލިމް އަންހެނުންނާ ދެކޮޅަށް އޭނާ ހިންގި ޖަރީމާތަކާމެދު ހިތާމަކޮށް އެކަމަށް ތައުބާވެ އަލުން އެނބުރި މުޖްތަމައަށް އަންނަން ބޭނުންވާކަން ހާމަކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ޔާސް އަކީ އައިއެސްގެ އަޅުވެތިކަމުގެ ދަށަށްދިޔަ އިރާގުގެ މޫސަލްގެ ޒުވާން އަންހެނެކެވެ. މަލިކަތުއްތަޢްނީފް ނުވަތަ "އަނިޔާވެރިއަމަލުތަކުގެ ރާނީ" ގެ ނަމުން ނަންދީފައިވާ މިޒުވާން އަންހެން މީހާގެ ވަޒީފާއަކީ މޫސަލްގައި އައިއެސް އިން "ހައްދު ޖަހަން" އަމުރުކުރާ އަންހެންގެ ގައިގައި "ހައްދު" ޖެހުމެވެ. މިގޮތުން ހަފްތާއެއްގެ މައްޗަށް ފަންސާހަކަށް އަންހެނުންގެ ގައިގައި ދުއްރައިންނާއި ޗާބޫކުން ތަޅާފައިވާނެ ކަމަށް ޔާސް ބުނެފައިވެއެވެ.

މިގޮތަށް ތެޅުމުގެ ސަބަބުން އެތަށް އަންހެނުންނެއްގެ ގައިގެ ހަންގަނޑު ނޮޅި މައިބަދައިގެ ޑިސްކުތައް ހަލާކުވެ ދާއިމީ ނުކުޅެދުންތަކަކަށް އެކަނބަލުން ގޮސްފައިވާކަމަށާ މިފަދަ ހާލަތްތަކުގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާދިނުމުގެ ގާބިލްކަން އައިއެސްގެ އަތްދަށުގައިވާ ހޮސްޕިޓަލްތަކުގައި ނެތްކަމަށް ޔާސް ބުނެފައިވެއެވެ.

ޔާސް އަތުލައިގަނެ ހައްޔަރުކުރީ މުސަލް މިނިވަން ކުރުމަށް އިރާގު ސިފައިން ކުރަމުންގެންދާ ހަނގުރާމަ ކާމިޔާބުވުމާއެކު އައިއެސްގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުން މޫސަލްގެ ހުޅަނގު ފަޅި ދޫކޮށް ފިލުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ. ޔާސް އަތުލައިގަތީ މޫސަލްގެ ހަނގުރާމައިގާ އިރާގު ސިފައިންނަށް އެހީތެރިވާ ކުރުދީންގެ ބާރުތަކުންނެވެ.

އައިއެސްގެ އަންހެން ހަނގުރާމަވެރިން

އިރާގުގެ ބޮޑުވަޒީރު ޑރ. ހައިދަރުލްއަބާދީ މިހަފްތާ ތެރޭގައި މޫސަލްއަށް ޒިޔާރަތް ކުރައްވައި އެސިޓީ މިނިވަންކުރުމުގައި ހަރަކާތްތެރިވި އިރާގު ސިފައިންނަށް ހިއްވަރު ދެއްވައި އެމީހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މޫސަލް ސިޓީ މުޅިންކަހަލަ ގޮތަކަށް އިރާގު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް އައުމާއެކު އައިއެސްގެ ހަނގުރާމަވެރިން ފިލައިގެން ދިޔުމަށް މަސައްކަތްކުރާތީ އަބާދީ ވަނީ އެފުރްސަތު އައިއެސްގެ ހަނގުރާމަވެރިންނަށް ނުދެއްވާނެ ކަމަށާ އެމީހުންނަށް އޮތީ އަމާންދިނުން ނޫނީ ހަނގުރާމަކޮށްގެން މަރުވުންކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އިނގިރޭސިވިލާތުގެ ޓައިމްސް ނޫސް ބުނާގޮތުން މޫސަލް އިރާގު ސިފައިންގެ އަތްދަށަށް ދާނެ ކަމަށް ޔަގީންވުމާއެކު މިދިޔަ ހަފްތާގައި އައިއެސްގެ ބައެއް ކޮމާންޑަރުންނާއި އެޖަމާއަތުގެ ލިޑަރު އަބޫބަކްރުލްބަޣްދާދީ ވަނީ ސިއްރިޔާތުގައި އެރަށުން ފިލުމުގައި ކާމިޔާބު ހޯދާފައެވެ.

މޫސަލްގެ އިރުމަތީ ފަޅި މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު އައިއެސްގެ އަތްދަށުން މިނިވަންކޮށްފައިވާއިރު އެރަށުގެ ހުޅަނގު ފަޅީގެ 80 އިންސައްތަ ބިމާއި އިމާރާތްތައްވެސް މިހާރުވަނީ އައިއެސްގެ އަތްދަށުން މިނިވަންކުރެވިފައެވެ.

އައިއެސްގެ އަންހެން ޖައްލާދުގެ ނަމުން ޔާސް މަޝްހޫރުވެފައިވީނަމަވެސް އައިއެސް އިން މަރުގެ އަދަބުދޭ މީހުންގެ މަރުގެ އަބަދު ތަންފީޒުކުރަނީ އޭނާ އެއްނޫނެވެ. ޔާސްގެ ވަޒީފާއަކީ އަންހެނުންގެ ގައިގައި ތަޅައި އައިއެސްގެ ސްޓޭންޑަޑަށް "ހައްދު" ޖެހުމެވެ. އައިއެސްއިން ހައްދު ޖެހުމުގެ އަދަބު ދޭ ކުށްތަކުގެ ތެރޭގައި ގެއިން ބޭރަށްދާއިރު އަންހެނުން މޫނު ބުރުގާ ނޭޅުމާއި ސިގިރެޓް ބުއިމާއި މިޔުޒިކް އަޑުއެހުމާއި ލޯބީގެ ވާހަކަތައް ކިޔުމާއި ފިލްމުބެލުމާއި ލަވަލިޔުންފަދަ ކަންކަން ހިމެނެއެވެ. މިއީ އިސްލާމީ ޝަރީއަތުގައި އަދަބު ދޭ ކުށްތަކަކަށް ނުވިޔަސް އައިއެސް އިން އިސްލާމް ދީނުގެ ނަމުގައި އިރާގާއި ސޫރިޔާގައި ހިންގާ ޚިލާފަތުގެ ދައުލަތުން އިސްލާމް ދީނުގެ ނަމުގައި ގެންގުޅޭ ޝަރީއަތުގައި މިއީވެސް ހައްދު ޖަހަންޖެހޭ ބޮޑެތި ކުށްތަކެވެ. މީގެއިތުރުން އިސްލާމީ ޝަރީއަތުގައި ހައްދު ޖަހަންޖެހޭ ކުށްތައް ކަމަށްވާ ޒިނޭކުރުމާއި ރާބުއިންފަދަ ކުއްތައް ކުރާ މީހުންގެ ގައިގާވެސް އައިއެސް އިން ހައްދު ޖަހާކަމަށާ ނަމަވެސް އައިއެސްގެ ވެރިންގެ އަމުރަށް މިކަންކުރަނީ ވަރަށް ހަރުކަށިކޮށް ވަރަށް އަނިޔާވެރިކޮށް ކަމަށް ޔާސް ބުންޏެވެ.

ޔާސް ބުނިގޮތުގައި އައިއެސްގެ ޖައްލާދަކަށް ނުވަތަ "އަނިޔާވެރިއަމަލުތަކުގެ ރާނީ" އަކަށް އޭނާ ވީ އާއިލާ ބެލެހެއްޓުމަށްޓަކައި ފައިސާ ހޯދަން މަޖްބޫރުވެގެންނެވެ. ހައްދު ޖެހުމުގެ ވަޒީފާއަށް މަހެއްގެ މައްޗަށް އިރާގުގެ 50 ހާސް ދިނާރު 50 ޑޮލަރު އައިއެސް އިންދޭކަން ކަމަށްވެއެވެ.

ޔާސް ހައްޔަރު ކުރުމަށްފަހު ކުރުދީ ބާރުތަކުންވަނީ އަސީރެއްގެ ގޮތުގައި އަރުބީލްގެ ޖަލެއްގައި އޭނާ ހައްޔަރުކޮށްފައެވެ. ޔާސް ދެން އެނބުރި މޫސަލް އަށް ގޮސްފިނަމަ އޭނާ ހައްދު ޖެހިމީހުންގެ އާއިލާތަކުން އޭނާ މަރާލުން ވަރަށް ގާތްކަމަށް އޭނާ ދެކެއެވެ. އެހެންކަމުން ބޭނުންވަނީ ނަފްސާނީ ފަރުވާއާއި ދީނީ އިލްމުވެރިންގެ އަރިހުން ދީނީ އިރުޝާދު ލިބިގެން ކުރެވުނު ކުށްތަކަށް ތައުބާވެ ރަނގަނޅު މުވާތިނެއްގެ ގޮތުން އަލުން އެނބުރި މުޖްތަމައަށް އައުންކަމަށް ޔާސް ބުނެއެވެ. (ނޫސް އެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު