ދަރިފުޅު ފިލްމު ކުޅެން ބޭނުންވި ނަމަ ދެ ފައި ބިންދާލީމުސް: ސަންޖޭ ދަތު

ސަންޖޭ އާއި ދަރިފުޅު ތުރިޝާލާ --

އަންހެން ދަރިފުޅު ތުރިޝާލާ ދަތު ފިލްމީ ދާއިރާ އަސް ޝައުގުވެރިވި ނަމަ، އޭނާގެ ދެ ފައި ބިންދާލާނެ ކަމަށް ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.

ސަންޖޭ މިހާރު އަންނަނީ ޖަލުން މިނިވަންވެ، އޭނާ ކުޅޭ ފުރަތަމަ ފިލްމު 'ބޫމީ'ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމަކީ ބައްޕަ އާއި އަންހެން ދަރިފުޅުގެ ދެމެދު އޮންނަ މާތް ގުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ފިލްމާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ވަނީ އެ ފިލްމުގައި އޭނާގެ ދަރިފުޅުގެ ރޯލު އަދާކުރާ، ބޮލީވުޑްގެ ބަތަލާ އަދިތީ ރާއޯ ހައިދަރީ އާއި ތުރިޝާލާގެ އެއްގޮތް ކަމެއް ހުރިތޯ ސުވާލު ކޮށްފަ އެވެ.

ޖަވާބުގައި ސަންޖޭ ބުނެފައި ވަނީ ތުރިޝާލާ ފިލްމު ކުޅެން އުޅެފި ނަމަ ދެ ފައި ބިންދާލާނެ ކަމަށާއި، ނަމަވެސް އަދިތީ އަށް އެހެން ނުހަދާނެ ކަމަށެވެ.

ސަންޖޭ އަކީ ބޮލީވުޑުގައި ގިނަ ދުވަސްތަކެއްވީ ކާމިޔާބު އެކްޓަރަކަށްވީ އިރު، ދަރިފުޅު އެ ދާއިރާ އަށް ނުކުތުމަށް އޭނާ ބޭނުން ނުވާ ސަބަބު ވެސް ނޫސްވެރިން ވަނީ އޮޅުންފިލުވައިފަ އެވެ.

ސަންޖޭ ބުނީ ތުރިޝާލާ ރަނގަޅު ކޮލެޖަކަށް ފޮނުވައި، އޭނާ އަށް 'ރައްކާތެރި'، ރަނގަޅު ވަޒީފާއެއް ހޯދައި ދިނުމަށް ވަރަށް ބޮޑު ހޭދައެއް ކޮށްފައި ވާނެ ކަމަށެވެ.

މިހާރު އެފްބީއައި އާއެކު މަސައްކަތް ކުރަމުން އަންނަ ތުރިޝާލާ އަންނަނީ ފެޝަން ޑިޒައިނިންގ ކިޔަވަމުންނެވެ.

"ފިލްމީ ދާއިރާ އަށް ވަނުމުގެ ކުރިިން އެނގެން ޖެހޭ ބައިވަރު ކަންކަން ހުންނާނެ. ފުރަތަމަ ކަމަކީ ހިންދީ ބަސް. އެކްޓަރަކަށް ވުމަކީ ފަސޭހަ ކަމެއް ނޫން. މިއީ ވަރަށް އުނދަގޫ ވަޒީފާ އެއް،" ސަންޖޭ ބުންޏެވެ.

comment ކޮމެންޓް