އަންހެނުންގެ ދުވަހު ކުރި ޓުވީޓާ އެކު ރާމް ގޯޕާލް ވަރްމާ ހޫނު ފެނަށް ވެއްޓިއްޖެ

ރާމް ގޯޕާލް ވަރްމާ --

އިއްޔެ ފާހަގަ ކުރި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، ބޮލީވުޑުގެ ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ ކުރި ޓުވީޓެއްގެ ސަބަބުން އޭނާ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަންހެނުންގެ ދުވަހު އޭނާ ކުރި ޓުވީޓުގައި ބުނެފައި ވަނީ "ހުރިހާ އަންހެނުން ވެސް ސަނީ ލިއޯން ފަދައިން ފިރިހެނުން އުފާކޮށްދޭނެ ކަމަށް އުންމީދު ކުރަން" ކަމަށެވެ.

ބޮލީވުޑުގެ އެކްޓްރެސް ސަނީ ލިއޯން ވެސް ޓެގް ކުރުމަށް ފަހު ރާމް ގޯޕާލް ވަރްމާ ކުރި ޓުވީޓުގެ ސަބަބުން ޓުވިޓާގައި ވެސް ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ބޮލީވުޑުގެ ކާމިޔާބު އެކްޓަރުން ވެސް ހިމެނެ އެވެ.

ރާމް ގޯޕާލް ވަރްމާ ކުރި ޓުވީޓަކީ އަންހެނުންގެ އަބުރާއި ކަރާމަތަށް އުނިކަން ލިބޭ ފަދަ ޓުވީޓެއް ކަމަށް ބުނެ މިހާރު ވަނީ ފުލުހަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕެއްގެ އިސް ފަރާތަކުން އިންޑިއާގެ ގޯއާ ގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އިންޓަނެޓުގައި އަންހެނުންގެ އަބުރު ކަތިލެވޭ ގޮތަށް ފުރައްސާރަ ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

އަދި ރާމް ގޯޕާލް ވަރްމާ އާ ދެކޮޅަށް މައްސަލަ ކޯޓަށް ފޮނުވުމުގެ އިތުރުން، އޭނާގެ ޓުވިޓާ އެކައުންޓު ވެސް ދާއިމީކޮށް ބްލޮކް ކޮށްދިނުމަށް ވަނީ އެދިފަ އެވެ.

މިއިން އެއްވެސް ކަމަކާ ގުޅޭ ގޮތުން ރާމް ގޯޕާލް ވަރްމާ މިހާތަނަށް އެެއްޗެއް ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް