ހިމާޔަތެއް ނެތިފައި

)28 ޖޫން 2011އިގެ ނޫހާ ގުޅޭ(

ޝިޔާޒުއަށް ހަބަރު ލިބުމާއިއެކު އަޝްހަރު ގޮވައިގެން ހޮސްޕިޓަލަށް އައެވެ. އަދި އަޒުރާ އެއްވެސް އެހީއަކަށް ބޭނުންވޭތޯ ސުވާލުކުރި އެވެ. ޝިޔާޒު އައުމާއިއެކު އަޒުރާ އޭނަގެ ސިކުނޑި ހަމަޖައްސާލުމަށްޓަކައި އޭނަގެ ރަޙުމަތްތެރިންނާއިއެކު ހޮސްޕިޓަލުގެ ބިއްދޮށުގައި އޮންނަ ހުސްބިމަށް ނުކުތެވެ. ލައިބާގެ ގާތުގައި ޔަޒާން ބައިންދާފަ އެވެ. އޭރު ގަނޑިން އެކެއް ޖަހަން ގާތްވެއްޖެއެވެ. އަޒުރާ ހޮސްޕިޓަލުން ބޭރަށް ނުކުމެވުމާއިއެކު ފުންނޭވާއެއް ބޭރުކޮއްލިއެވެ. ޖައްލެއްގައި ބަންދުވެފައި އިންނަ މީހަކު މިނިވަންވުމުން ހަށިފުރާލާ ނޭވާފަދަ ނޭވާއެކެވެ.
"އޭ އަޝްހަރު.... އޭ ދީބަލަ މަށަށް ބޯލާނެ އެއްޗެއް...." އަޒުރާ ކެތްތެރިކަން ކުޑަ ރާގެއްގައި ބުނެލިއެވެ.
"ސީރިއަސްކޮއްތަ؟ ދީފާނަން... އެކަމަކު އަޒުރާ..." އަޝްހަރުގެ ޖުމްލަ އަޒުރާ މެދުކަނޑާލިއެވެ.
"އޭ ސަމާސާ ނުކޮށް ދީބަލަ، ބިޑިއެއް އެއްޗެއް ނުގެންނަންތަ؟" އަޒުރާ ހީވަނީ ކަރުހިތްކައި ގަނެފައިވާ މީހެއްހެންނެވެ.
"ތޭންކްސް...ޔޫ އާ ދަ ބެސްޓު" އަޝްހަރުގެ ޖީންސު ޖީބުން ނެގި ތެޔޮބިޑި ދިއްކޮއްލުމާއިއެކު ތުނބުގައި ޖަހާލަމުން އަޒުރާ ބުނެލިއެވެ. އަދި އެރޯކޮއްލައިގެން ޝިޔާޒުގެ ގާތަށް ޖެހިލި އެވެ.
މާގިނައިރަކު ޝިޔާޒުއެއް މަޑެއްނުކުރިއެވެ. ހޮސްޕިޓަލަށް ވީމައެވެ. އެކަން އަޒުރާއަށްވެސް އެނގެއެވެ. ޝިޔާޒުއަކީ ވަރަށް ތަފާތު މިޖާޒެއްގެ މީހެކެވެ. އޭނަ އަޒުރާ އާއިއެއްކޮށް އޮންނަ ގުޅުން ސިއްރުކުރަން ބޭނުންވެއެވެ. އެހެނީ އޭނަގެ ވަފާތެރި އޯގާތެރި އަންބެއް ހުރުމުންނެވެ. އަދި އޭނަ ވަރަށް އަވަހަށް ބައްޕައަކަށް ވާނެކަމެވެ. އެހެންނަމަވެސް އޭނަ އަޒުރާ އާއި ދުރަށްދާކަށްވެސް ބޭނުމެއްނުވެއެވެ. އަޒުރާގެ ގާތަށް އަންނަ އެހެން ރަޙުމަތްތެރިންނާއި ބަލާފަ މަޑުމައިތިރިކަމަށް ލޯބިކުރާ މީހެކެވެ. އަޒުރާގެ ޢަމަލުތައް ކޮންމެގޮތަކަށް ހުއްޓަސް އޭނަ އެކަންތައްތަކަށް ފާޑެއްނުކިޔާނެއެވެ. ރަށުގައި ހިންގާ އެންމެ ބޮޑު ވިޔަފާރި އޮންނަނީ ޝިޔާޒުގެ ނަމުގައެވެ. މާލެ ދަތުރުކުރާ ދެ ދޯނި އޮންނައިރު މަހަށްދާ ހަތަރު ފައިބަރު ދޯނިއޮވެއެވެ. މީހަކަށް އޭނަ އާއިދިމާލަށް އެއްޗެއް ބުނާކަށް ނުކެރެއެވެ. އެންމެންނައްވެސް ޝިޔާޒު އަޒުރާ މެންގެޔަށް ވަންނަކަން ކޮންމެވެސް ވަރަކަށް އެނގި އެވާހަދެކެވެއެވެ. އެހެންނަމަވެސް އޭނަގެ އަންހެނުން މަސަލަސް ކުރަނީ ކިހިނެތްކަމެއް ހަމައެކަކަށްވެސް ނޭގެއެވެ. އަޝަހަރު ގެންނަ ސާމާނުތައް ގެނައުމުގައި ހަރަދު ބަލަހައްޓާ މީހަކީވެސް ޝިޔާޒުކަމުގައިވެއެވެ. އޭނަގެ އަތުން އަޒުރާގެ ގާތުގައި ހޭދަކުރާ ރޭތަކަށް އެތަށް ރުފިޔާއެއް ހޭދަކޮއްލައެވެ. އަދި ނުވިތާކަށް ޒުވާން ފުރައިގެ ފިރިހެނުންވެސް އަޒުރާއަށް ހޯދާދެނީ އޭނައެވެ. އެއިންކޮންމެ މީހެއްގެ އަތުން އަޒުރާ އަގު ނަގާނެއެވެ. އަޒުރާ ނުވިހާ އޮޕަރޭޝަން ކުރުމަށް ހަރަދުކުރީވެސް ޝިޔާޒުއެވެ. އޭރު އަޒުރާ އިނީ ލައިބާއަށް ބަލިވެއެވެ. ވިހޭގޭ ޚަރަދު ބަލަހައްޓައިދިނީވެސް ޝިޔާޒުގެ ޖީބުންނެވެ. ކިތަންމެ ގާތްކޮށް އަޒުރާ އާއިއެއްކޮށް ޝިޔާޒު އުޅުނަސް އޭނަގެ ދިރިއުޅުމުގެ ވާހަކައެއް އަޒުރާގެ ގާތުގައި ނުދައްކާނެއެވެ. އެސަބަބާއި ހެދި އަޒުރާއަށްވެސް ޝިޔާޒުގެ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުކުރަން ނުކެރެނީއެވެ.
ތިނެއްޖެހިއިރު ނުނިދަން ހިފަހައްޓާލައިގެން އިން ޔަޒާންއަށް ތާއްޔާއި ޖެހެމުން ގޮސް ލައިބާ އޮތް އެނދުގައި ބޯ އަޅާލެވިއްޖެއެވެ. އޭނަ ސިހިގެން ދިޔައީ ލައިބާގެ ގަނޑުފެންކޮޅެއްހާ ފިނި އަތްތިލަ އޭނަގެ ކަންފަތްކައިރީ ބީހިލުމުންނެވެ. އަވަސް އަވަހަށް ލައިބާއަށް ބަލާލިއެވެ. ލައިބާ މަޑުމަޑުން ލޯހުޅުވާލާފަވެސް އަނެއްކާ ދެލޯމަރާލީއެވެ. ޔަޒާންގެ ތުންފަތުގައި ފަނޑުނަމަވެސް ހިނިތުންވުމެއް ދުވެލިއެވެ. އަދި އެތަނުގައި ހުރި ހުސް އެނދެއްގައި އޮލަވާހަކައިގައި ތިބި އަޒުރާ އާއި އޭނަގެ ރަޙުމަތްތެރިންނަށް ޔަޒާން ބަލާލިއެވެ.
ހެނދުނު އިރުއެރިއިރު އަވަސް ފަރުވާދޭ ބައިގައި ލައިބާ ނޫން އިތުރު އެއްވެސް ބަލިމީހަކުނެތެވެ. އަޒުރާ އާއި އޭނަގެ ރަޙުމަތްތެރިން ހުސްކޮށް ހުރި އެނދެއްގައި ބޯއަޅާލައިގެން ނިދާފައި ތިއްބެވެ. އެމީހުންގެ ތެރެއިން ހިލަމެއްވީ ނަދީމާ އަށެވެ. އެއީ ހެނދުނު ޝިފްޓުގެ ނަރުސް ކުއްޖެއް އައިސް ނަދީމާގެ ކޮނޑުގައި ކޮއްޓާލުމުންނެވެ.
"ނަދީ... ޓައިމް ކާޑު ނުޖަހަންތަ، މިހާރު އެއޮށްގެން ގަޑިޖެހެނީ،" ނަދިމާ އާއިއެއްކޮށް މަސައްކަތް ކުރާ ނަޖުވާ ބުނެލިއެވެ.
"އޭ މަގޭ ޝިފްޓު ދޯ..." ނަދީމާ ދެލޯ ފޮހެލަމުން ބުނެލިއެވެ.
"ރޭގަ ގެއަށްވެސް ނުދަނީތަ؟ ކޮންކުއްޖެއްތަ ބާއްވައިގެން ތިއުޅެނީ" ނަޖުވާ ސުވާލުކޮއްލިއެވެ. ނަދީމާ ނަޖުވާ އާއިއެއްކޮށް ހިނގައިގަންނަމުން ވާހަކަދެއްކިއެވެ. ލައިބާއަކީ އޭނަގެ ދަރިއެއްފަދަ ކުއްޖެކޭ ބުނެލިއެވެ. އެހާވެސް ގާތްވާހަކައެވެ.
ނަދީމާއަކީ ރަށު ހޮސްޕިޓަލުގައި އުޅޭތާ ވަރަށް ދުވަސްވެފައިވާ ސްޓާފް ނަރުހެކެވެ. ޝިފްޓު އިންޗާރޖުވެސް މެއެވެ. އަޒުރާ ސިއްހީދާއިރާއިން އެހީތެރިކަން ހޯދަމުން އަންނަނީ ނަދީމާގެ ކައިރިންނެވެ. ނަދީމާ އާއި އަޒުރާ އާއި ބައްދަލުކޮއްދިނީ އަޝްހަރުއެވެ. އަޝްހަރު އާއި ނަދީމާ އާއި ބައްދަލުވީ ހޮސްޕިޓަލް ތެރެއިންނެވެ. އަޝްހަރު އެކްސިޑެންޓުވެގެން އެޑްމިޓު ކޮއްފައިވާ ދުވަސް ތަކުގެ ތެރޭގައެވެ. ނަރުހުންގެ ތެރޭގައި ނަދީމާ އަކީ ނަންމަޝްހޫރު ނަރުހެކެވެ. އޭނަ އުޅޭ ގަޑިއެއްގައި މީހަކަށް ރުޅިއައިސްގެން އެއްޗެއް ބުނާކަށް ނުކެރޭނެއެވެ. ނަދީމާގެ ދަށަށް ރީތި އަންހެން ކުއްޖެއް ވައްދައިފިނަމަ އޭނަ އެކުއްޖަކާއި ގުޅުމެއް ނުހިންގާ ދޫކޮއްލާނީ ވަރަށް މަދުފަހަރަކުއެވެ. އޭނަގެ ހަގީގަތް ނޭގޭ މީހަކު ހޮސްޕިޓަލުގައި ނޫޅޭނޭއެވެ. އެކަމަށް ފާޑުކިޔާކަށްވެސް އެކަކަށްވެސް ނުކެރެއެވެ.
ނަދީމާ ލައިބާގެ އެނދުކައިރިއަށް ޖެހިލިއިރު އޭނަ އޮތީ ހޭލައެވެ. ނަދީމާ މަޑުމަޑުން ލައިބާ އާއި ވާހަކަ ދައްކަންފެށިއެވެ. ހުންއައިސްފަ އޮތްވާހަކަ އާޢި ހޮސްޕިޓަލްގަ އޮންނަން ޖެހޭވާހަކަތަކެވެ. ޑޮކްޓަރު އިރުކޮޅަކުން ލައިބާގެ ހާލުބަލަން އަންނާނެ ވާހަކަ ބުންޏެވެ. ލައިބާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އޭނަގެ ހިތްއަވަސްވީ އޭނަގެ ގާތުގައި ނިދިފައިއޮތް ޔަޒާން ފެނުނީމައެވެ. ކުއްލިއަކަށް އިސްކޫލުން އަޑުއިވުނު ވާހަކަތައް ލައިބާގެ ސިކުނޑިއާއި ހިތަށް ވަންނަންފެށިއެވެ. އޭނަ ބިރުގަންނަ ގޮތްވެ އެތަށް ސުވާލެއް އުފެދެމުންދިޔައެވެ. ނަދީމާއަށް ލައިބާ ކޮންމެވެސް ކަމަކާއި ކަންބޮޑުވާހެން ހީވެގެން އޭނަގެ ބޮލުގައި ފިރުމާލިއެވެ. އަދި އެއްވެސް ކަމަކާ ބިރުނުގަތުގަށް ބުންޏެވެ. އޭނަ އެއްވެސް ނަރުސް ކުއްޖެވެސް އަދި ޑޮކްޓަރުވެސް ލައިބާއަށް ތަދުވާފަދަ ކަމެއް ކުރިއަކަށް ނުދޭނަން ކަމުގައި ބުންޏެވެ. ލައިބާއަށް އިތުބާރުކުރަންވީ މީހުން މިހާރު އޮޅިއްޖެއެވެ. ރަނގަޅު ގޮތާއި ނުބައިގޮތް ވަކިކުރަން އުނދަގޫވެއްޖެއެވެ. ނަދީމާ ވާހަކަ ދައްކާ އަޑަށް ޔަޒާން ބޯހިއްލާލިއެވެ. އަދި ލައިބާ އާއި ވާހަކަ ދައްކާތަން ފެނުމުން އަވަހަށް ލައިބާގެ ހާލު ބަލާލިއެވެ. ލައިބާގެ ބޮލުގައި ފިރުމާލަމުން މިހާރު ކިހިނެތްތޯ އަހާލިއެވެ. އެހެންނަމަވެސް ލައިބާ އެކަކާވެސް ވާހަކައެއް ނުދެއްކިއެވެ.
ޑޮކްޓަރު އައިސް ލައިބާގެ ހާލު ބެލިއެވެ. ހަދާފައިވާ ޓެސްޓުތަކުގެ ރިޕޯޓުތަކާއި ހުންހުރިވަރުގެ ރިޕޯޓުވެސް ބަލާ ހެދުމަށްފަހު އިތުރު އައިވީއެއް ގުޅުމަށް ބުންޏެވެ. ހެދި ޓެސްޓުތަކުގެ ރިޕޯޓުގައި އެއްވެސް މައްސަލައެއް ނެތްކަމުގައިވެސް ބުންޏެވެ. އަދި ލައިބާގެ ހުން މަޑުވެފައިވިޔަސް އެއްކޮށް ހުން ނުދާކަމަށް ޑޮކްޓަރު ބުންޏެވެ. އަޒުރާ އާއި ޔަޒާން ލައިބާގެ އެނދުގެ ފައިލާކޮޅުގައި މަޑުކޮއްލައިގެން ޑޮކްޓަރުގެ ވާހަކަތަށް އަޑުއަހަމުން ދިޔައެވެ. ނަދީމާ ހުރީ އެނދުގެ އަނެއްފަރާތުގައި ޑޮކްޓަރާއި ކުރިމަތިވާގޮތަށެވެ. ޑޮކްޓަރު ލައިބާގެ ކޮލުގައި ކޮއްޓާލަމުން އޭނަ އާއި ކުޑަކޮށް ވާހަކަދައްކާލިއެވެ. ޔަޒާންއަށް ލައިބާއަށް ކަމެއްވެއްޖެކަން އެނގިއްޖެއެވެ. އެހެންނަމަވެސް އެސުވާލުކުރަން މިވަގުތަކީ އެންމެ ރަނގަޅު ވަގުތުނޫންކަން ޔަޒާންއަށް އެނގެއެވެ. އޭނަ ލައިބާ ގެއަށް ފޮނުވާލާނެ އިރަކަށް އިންތިޒާރުކުރިއެވެ.
ދެދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ލައިބާ ގެއަށް ފޮނުވާލީ އޭނަގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރަށް ފެނުމުންނެވެ. އެކަމަކު އަދިވެސް ލައިބާގެ ހަށިގަނޑުގައި ރަނގަޅަށް ވަރުނުޖެހެއެވެ. ޑޮކްޓަރު އަޒުރާއަށް ނަސޭޙަތްތެރިވީ ލައިބާއަށް ރަނގަޅު ކާނާ ދިނުމަށެވެ. އަދި ގަޑިން ގަޑިއަށް ބޭސްދިނުމަށެވެ.
"ހިނގާބަލަ ދެންވެސް މިތަނުން ދެވޭތޯ... މިތާނގަ ހުންނަންވެއްޖެޔާ ދެން އަހަރެންކަންނޭގެ މިތަނުން އެނދެއްގަ ބާއްވާނީ... ބޯފަޅައިގެން ދާވަރުވޭ، މީނަވެސް ބަލިވާން ވެއްޖެވިއްޔަ،" އަޒުރާގެ އަޑުގައި އޯގާތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. އޭނަ ޑޮކްޓަރު ދިން ބޭސް ސިޓީ އާއި ޓެސްޓު ރިޕޯޓްތައް ޔަޒާންއަށް ދިއްކޮއްލަމުން ލައިބާ ގޮވައިގެން ގެއަށް ދިއުމަށް ބުންޏެވެ.
ލައިބާ އަޒުރާގެ މޫނަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުއްޓެވެ. އެވަގުތު ޔަޒާން އޭނަގެ އަތުގައި ހިފީ އަންނާށޭ ބުނުމުގެ ގޮތުންނެވެ. އެހެންނަމަވެސް އޭނަ ބަލަމުންދިޔައީ އަޒުރާއަށެވެ.
"ބުޅާ މަސްގަނޑަށް ބަލާހެން މަށަށް ތިބަލަނީ ކީއްކުރަންތަ؟ ކަލޭގެ ދޮންބެ އާއިއެކު ގެއަށް ދާށޭ މިހާރު ބުނެވިއްޖެއެއްނު... އަހަރެން ބުނާއެއްޗެއް ނީވޭކަށް ތީ މިހާރު ކުޑަކުއްޖެއް ނޫން، ދޭ ދޭ..." އަޒުރާ ލައިބާގެ ކޮނޑުގައި ފަހަތުން އަތްއަލާ ކޮއްޕާލިއެވެ. އެއާއެކު ޔަޒާން އަވަސް އަވަހަށް އައިސް ލައިބާގެ ކޮނޑުގައި އަތުން ހިފަހައްޓާލައިގެން އޭނަ ގޮވައިގެން ހިނގައިގަނެއްޖެއެވެ.
މަގުގެ އެއްފަރާތުން ލާފައި ލައިބާ ގޮވައިގެން ޔަޒާން މަޑުހިނގުމެއްގައި އައެވެ. މެންދުރުގެ އެންމެ އަވިބާރު ވަގުތުކަމަށް ވުމާއިއެކު ޔަޒާން އޭނަގެ އަތުގައި ހުރި ކަރުދާސްތަކުން ލައިބާގެ ބޯނިވާކޮއްދެވޭތޯ މަސައްކަތް ކުރިއެވެ. ހޮސްޕިޓަލުން ނުކުމެ މާދުރަކަށް ނުދެވެއެވެ. ކުއްލިއަކަށް ޔަޒާންގެ ކަންފަތުގައި ޖެހުނީ ލައިބާގެ ގިސްލުމުގެ އަޑެވެ.
"ލައި ރޮނީ ކިހިނެތްވީ..." ޔަޒާން ކުރިއަށްވުރެ ލައިބާ ކައިރިކޮއްލަމުން އަހާލިއެވެ. ލައިބާ މިފަހަރުވެސް ވާހަކައެއް ނުދައްކައެވެ. ޔަޒާން ކަންބޮޑުވިއެވެ. ލައިބާއަށް ވާގޮތެއް ނޭގޭތީއެވެ. ތަނަށް ތަދުވަނީކަމެއް ނޫނީ ދެރަވެގެން ރޯނަމަ، އެއީ ކޮންކަމާއި ގުޅިންކަމެއްވެސް ލައިބާ ބުނާކަށް ބޭނުމެއް ނޫންކަން ޔަޒާންއަށް އިނގެއެވެ. އެންމެ ފަހުން ލައިބާ ހިތްފުރެންދެން ރުއިމަށް ދޫކޮއްލިއެވެ. މަގުމަތީގައި މީހުން މަދުނަމަވެސް ފިހާރަތަކުން ވިޔަފާރިކޮއްގެން ނުކުންނަ ޅަވަރުގެ ކުދިން ޔަޒާންއަށް ބަލަމުންދިޔައެވެ. އޭނަ އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ.
މަޑު ގިސްލުމެއްގެ އަޑު ހުރިއެއްކަމަކު ލައިބާގެ އެރީތި ދެލޮލުން ކަރުނައައުން ހުއްޓިއްޖެއެވެ. އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީކަންނޭގެއެވެ. ޔަޒާން އާއިއެކު ގެއަށްވަނުމަށް އައިވަގުތު ލައިބާ ސިއްސައިގެން ދިޔައީ ދޮރުމަތީ ހުރި ކުޑައަންހެން ކުއްޖަކު ފެނިފައެވެ. ލިބުނު ކުއްލި ސިހުމުގެ ސަބަބުން އޭނަގެ ހިތްބާރަށް ތެޅެންފެށިއެވެ. ލައިބާއަށް ދެލޯބޮޑުކޮއްލެވުމާއިއެކު އެކުއްޖާއަށް ކަޅިވެސް ޖަހާނުލާ ބަލަމުންދިޔައެވެ. ޔަޒާންއަށް އެކުއްޖާ ފާހަގައެއް ނުކުރެވުނެވެ. އޭނަ ލައިބާ ގޮވައިގެން ގޭތެރެއަށް ވަނެވެ. ގޭގެ ބޭރު ފާރުކައިރީ ހުރި ކުއްޖާއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. މައިގެއަށް ވަނުމުގެ ކުރިން ލައިބާ ފަހަތަށް އެނބުރި ބަލާލިއެވެ. އޭރުވެސް އެއަންހެން ކުއްޖާ ދޮރުގެ އެއްފަރާތުގައި މަގުމަތީގަ ހިނިއައިސްފައި ހުއްޓެވެ. ލައިބާ ފަހަތަށް ބަލާވަރުން ޔަޒާންވެސް ފަހަތަށް ބަލާލިއެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނަ ލައިބާ ގޮވައިގެން ވަނީ ކޮޓަރިއަށެވެ.
"ލައި އޮށޯވެލަންވީނު، ދޮންބެ އަންނާނަން ލައިއަށް ކާއެއްޗެއް ހިފައިގެން،" ޔަޒާން ކޮޓަރީގައި ހުރި މޭޒުމަތީ ލިޔުންތައް ބަހައްޓަމުން ބުނެލިއެވެ. ލައިބާ އޭނަގެ އެނދުގައި އިށިންގޮތަށް އިނީއެވެ. އޭނަ ކޮންމެވެސް ކަމަކާއި ވިސްނަނީކަންނޭގެއެވެ. ޔަޒާން އިރުކޮޅަކު ލައިބާއަށް ބަލަން ހުރެފައި ކޮޓަރިން ނުކުތީ ބަދިގެ ފަރާތަށް ދިއުމަށެވެ.
ބަދިގެ ދޮރުހުޅުވާލާފައި ޔަޒާން ވަނުމާއިއެކު އޭނަގެ ނޭފަތުގައި އަތްއަޅާނިވާކޮއްލިއެވެ. އެހެނީ އޭނައަށް ދުވީ އެއްޗެއް ކުނިވެފައިވާ ވަހެވެ. އުނދުންމަތީ ހުރި ތެލީގެ ސަރުފޯސް ހިއްލާލިއެވެ. އޭގައިހުރި ބަތްވަނީ ކުނިވެގެންގޮސް ދިޔަލާފައެވެ. ޔަޒާން އަވަސް އަވަހަށް ސަރުފޯސް ޖެހިއެވެ. އަދި ލައިބާއަށް ދޭނެ އެއްޗެއް ހޯދަންފެށިއެވެ. އެތަނުގައި ހުރި ކަބަޑާ ދިމާލަށް ޔަޒާން ބަލާލިއެވެ. އަޒުރާ މައިލޯ ދަޅާ ކިރުދަޅު ބަހައްޓާފައި ހުންނަ ބައި އޭނައަށް އެނގެއެވެ. އެހެންވެ ކާމޭޒުކައިރީގައި އިން ޕްލާސްޓިކު ގޮނޑިގެނެސް އެއަށް އަރާ ކަބަޑުގައި އިން ކިރުދަޅާ މައިލޯ ދަޅުނެގިއެވެ. އެހެންނަމަވެސް ހޫނުފެން ތަރުމޯޒުގެ މަތިނެގިއިރު އޭގައި ހުރި ފެންފޮދުގައި އެއްވެސް ހޫނުކަމެއްނެތެވެ. ޔަޒާން އަވަސްވެގަތީ އުނދުނާ ދިމާލަށެވެ. ގޭސްއުނދުނަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ހުރީ އުނދުން ރޯކުރާނެ ގޮތެއް ނޭގޭތީއެވެ. ވަރަށް ވިސްނަ ވިސްނާފައި އަޒުރާ ގޭސް އުނދުން ރޯކުރަން ގެންގުޅޭ ލައިޓަރުނަގާ އުނދުނުގެ ގޮބުއަނބުރާލިއެވެ. އަދި ލައިޓަރު ދިމާކޮއްފައި ފިއްތާލިއެވެ. އެއާއެކު ކުއްލިއަކަށް ހުޅުގަނޑު އަރާގަނެފައި އުނދުން ރޯވެއްޖެއެވެ. ޔަޒާން އުނދުނުގެ ހުޅުގަނޑު ކުޑަކޮއްލިއެވެ. އަދި އަތުގައި އޮތް ލައިޓަރު އޭތި އޮންނަންވާ ތަނުގައި ބާއްވާފައި އުނދުން ކައިރީ އިން ސައިކުރާ ނަގައިގެން ގޮސް ބޭރުގައި ހުރި ފެންތާންގީއިން ފެންއެޅިއެވެ.
ޔަޒާންއަށް ސައިކުރައިން އާވިއަރާ ފެންތައް އޮހެންފެށުމުން ކެކުނީކަން އެނގުނެވެ. އަވަހަށް އުނދުން ނިއްވާލާފައި ލައިބާއަށް ކިރާ މައިލޯ އަޅައިގެން ސައިތައްޓެއް ހަދާލިއެވެ. އަދި ލައިބާ ކާން ގެންގުޅޭ ޕްލާސްޓިކު ތައްޓަށް ތެދިން ހިއްކި ބަނަސް ލައިގެން ލައިބާގެ ގާތަށް ދިޔައެވެ.
"ލައި، ހިނގާ ދޯ ސައިބޯން.......މިހިރީ މައިލޯ ގިރާފަ، ލައިއަށް ވަރަށް މީރެއްނު މައިލޯ" ޔަޒާން މޭޒުމަތީ ސައިތައްޓާއި ހިއްކިބަނަސް އަޅާފައިވާ ތަށި ބަހައްޓަމުން ބުނެލިއެވެ. އޭރުވެސް ލައިބާ އޭނަގެ އެނދުގައި އިށީނދެގެން އިންގޮތަށް އިނެވެ. ޔަޒާންއަށް ބަލާލި ކަމުގައި ވިޔަސް ވާހަކައެއް ނުދެއްކިއެވެ. ޔަޒާން ގެނައި ތަށިތައް ހިފައިގެން ގޮސް ބޮޑުއަށިމަތީ ބަހައްޓާފައި ޓީވީ ހުޅުވިއެވެ. އަދި ކޮޓަރިއަށް އައިސް ލައިބާ ގޮވައިގެން ނުކުމެ ބޮޑުއަށި މައްޗަށް އެރުމަށް ބުންޏެވެ. ލައިބާ ބަސްއަހާ ކުއްޖެއްހެން ޔަޒާން ބުނިގޮތަށް ކަންތައް ކުރިއެވެ. ޔަޒާން ކާން ބުނުމުން ކާންވެސް ފެއްޓިއެވެ. ލައިބާ ވާހަކަ ނުދައްކާތީ ޔަޒާން ކަންބޮޑުވިއެއްކަމަކު އޭނަ ލައިބާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރާކަށް ބޭނުމެއްނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު