މަސީހުގެ ޖަވާބު ކުރުކޮށް ފޮނިކޮށް!

ޕީޕީއެމްއިން އިއްޔެ ބޭއްވި ޖޮއިންޓް ޕާލަމެންޓަރީ ބައްދަލުވުމަށްފަހު މަސީހު ނިކުމެވަޑައިގެންނަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފުރާހު

ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮތް މަޖިލީހަށް 'ބޮޑު ރާޅޭއް' އަންނަން އުޅޭހެން ހީވެއްޖެ އެވެ. މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ އެކު، ކުއްލި ބައްދަލުވުންތައް ގިނަވެއްޖެ އެވެ. ސާފް މެޖޯރިޓީއާ އެކު ބާރުގަދަ މަޖިލީހުގެ މެމްބަރުން ހެޑްލައިން ހަދާލެއް ގިނަވި އެވެ. މިވަގުތު އެންމެ މުހިންމީ މަޖިލީހުގެ ރައީސްގެ ބަސްކޮޅެކެވެ. އެއީ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަ ރައްދުވާ ފަރާތުގެ ހަސްމެވެ.

ޕީޕީއެމް ޕީޖީ ގްރޫޕްގެ ބައްދަލުވުން ނިންމަވާ ލެއްވުމަށް ފަހު އެ ޕާޓީގެ އޮފީހުން ނިކުމެވަޑައިގަންނަވުމުން މީޑިއާ އިން ކުރި ސުވާލަށް މަސީހު ދެއްވެވީ ކުރު ޖަވާބެކެވެ.

"އިރާދަފުޅު ކުރެއްވިއްޔާ އެއްވެސް ކަމެއް ގޯސްކޮށް ނުދާނެ. ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް،" މަސީހު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އިއްޔެ ހެނދުނު 26 މެމްބަރުންގެ ސޮޔާ އެކު ވަނީ މަޖިލީހަށް މިވަނީ ވައްދައިފަ އެވެ.

އިއްޔެ މަޖިލީހަށް ވެއްދި ރައީސްގެ އިތުބާރު ނެތް މައްސަލާގައިި މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެމްބަރުން ސޮއިކޮށްފައިވާ ކަން ފާހަގަކޮށްލެވެ އެވެ. މަޖިލިސް ބެހިފައިވާ ގޮތުން ސަރުކާރު ހިންގާ ޕީޕީއެމްގައި 48 މެމްބަރުން ތިއްބަވާ އިރު އިދިކޮޅު އެމްޑީީގައި ހިމެނެނީ 21 މެމްބަރުންނެވެ. ޖުމުހޫރީ ޕާޓީގައި ހަތް މެމްބަރުން ތިއްބަވާއިރު އެމްޑީއޭގައި ތިއްބަވަނީ ހަ މެމްބަރުންނެވެ. ބައިކީ ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރަކީ މިނިވަން މެމްބަރުންނެވެ. ދެން އިންނެވީ އަދާލަތު ޕާޓީގެ މެމްބަރެކެވެ.

ސައްބީސް މެމްބަރުންގެ ސޮޔާއި އެކު މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދި ނަމަވެސް އެ އަދަދު މިހާރުވަނީ 25 އަށް ތިރިވެފަ އެވެ. އެއީ އެ ލިސްޓްގައި ސޮއިކުރެއްވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ހުންނެވީ ޕީޕީއެމްއާ އެކު ސަރުކާރު ފަޅީގައި ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން އިއުލާނުކުރުމުންނެވެ.

"ލަތީފު ވަނީ އަޅުގަނޑުމެންނާ އެކު ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާފައި. މިހާރު ވެސް އޮފީސް ތެރޭގައި މަޑުކުރައްވައިގެން އެބައިންނެވި. އަދި އޭނާ އެ ވޯޓްގައި ބައިވެރިނުވާނެ ކަން އަމާލާއި ބަހުން ދައްކަވާނެ،" ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސެން މަނިކު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓް ވެއްދި އިދިކޮޅު ފަރާތްތަކަށް ވެސް އެ ވޯޓް ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށާއި ނަމަވެސް އެފަރާތްތަކުން ކުރާ މަސަތްކަތަކީ ރާއްޖެ އަށް އަންނަން ހުރި އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ މަދުވެގެން 15 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން އިސްވެ އޮވެ ވަނީ މިދިޔަ އަހަރުގެ މާޗު އަށް ވަނަ ދުވަހު މަޖިލީހައް ވައްދައިފަ އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ވެއްދިތާ 19 ދުވަސް ފަހުން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓު ފާސްވާނީ އެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ވޯޓު ފާސްވާނީ ވަކި މިންވަރަކަށް ވޯޓު ލިބިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ އެކު، ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެމްބަރުންނަށް ފޮނުވަންވާނެ އެވެ. އެ ނޯޓުގެ ތާރިހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަކަށް އެ މައްސަލަ ހުށަހަޅަންވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް