އިންވެސްޓްމެންޓްތަކަށް ހުރަސް ނޭޅުމަށް ވިޔަފާރިވެރީން ގޮވާލައިފި

ނިއުދިއްލީގައި މިދިޔަ އަހަރު އޮތް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި މަސީގެ ރައީސް ޖަނާހު، ނައިބު ރައީސް ޖިހާދު އަދި އިކޮނޮމިކް މިނިސްޓަރާ އެކު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ރާއްޖޭގެ އިިގްތިސާދީ ކުރިއެރުމާއި ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭފަދަ އަމަލުތައް ނުހިންގުމަށް، އިމާރާތްކުރުމުގެ ދާއިރާގެ ވެރިންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަދި ދިވެހި ވިޔަފާރިވެެރިންގެ ގައުމީ ޖަމިއްޔާ (އެމްއެންސީސީއައި)އިން ގޮވާލައިފިއެވެ.

ދެ ޖަމިއްޔާއިންވެސް މިއަދު ވަކިވަކިން ނެރުނު ދެ ބަޔާނުގައި ބުނެފައިވަނީ އިގްތިސާދާއި ތަރައްގީއަށް ހިންގޭ މަސައްކަތްތަކަށް ހުރަސް އެޅުމަކީ ރައްޔިތުންނާއި ގައުމަށް ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

ޕްރޮޖެކްޓެއް ހުއްޓިއްޖެނަމަ ނޭދެވޭ އަސަރު އިންޑަސްޓްރީއަށާއި އެންމެންނަށްކުރާނެ: މަސީ

މަސީގެ ރައީސްކަން ކުރައްވާ، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާ މުހައްމަދު އަލީ ޖަނާހު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ކުދި އަދި ބޮޑެތި މަޝްރޫއުތައް ހިންގަމުންދާ ކަމަށާއި، އެކަންކަމަށް ހުރަސް ނޭޅުމަށް ގޮވަލާ ކަމަށެވެ.

"ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ސަރުކާރުގެ ފަރާތުން ކުރިޔަށް ގެންދާ، އަދި ކުރިޔަށް ރޭވިފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއަކަށް ހުރަސް އެޅޭނެ އެއްވެސް ބާވަތެއްގެ އަމަލެއް ނުހިންގުމަށް އިލްތިމާސް ކުރަން،" މަސީގެ ރައީސްގެ ބަޔާނުގައި ވެއެވެ.

ހުޅުމާލޭގައި ހިންގާ ކޮންސްޓަރަކްސްން ސަރަހައްދު

ޖަނާހު ވިދާޅުވީ އެފަދަ މަޝްރޫއެއް ހުއްޓިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި، ރައްޔިތުންނާއި މުޅި ގައުމަށް ކުރާނެ ކަމަށެވެ. އަދި ގައުމަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު "ހޯދެނީ ވަރަށް ގިނަ ބައެއްގެ ގިނަގުނަ މަސައްކަތްތަކެއްގެ ސަބަބުން" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގާ ނަމަ އެކަމެއް ކުށްވެރިކޮށް، އެކަމެއް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާޑުކިޔުންތައް މައުމޫނަށް

ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ނެރުނު ބަޔާނުގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ގުޅިގެން ގެންދަވަނީ ރާއްޖެއަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ހުރަސް އެޅުމަށް އެކިއެކި މަސައްކަތް ކުރަމުން ކަމަށާއި، އެ މަސައްކަތްތައް ކުށްވެރިކުރާ ކަމަށެވެ.

އެޖަމިއްޔާއިން ބުނީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުން އިސްވެ ތިބެގެން ސަރުކާރާ ދެކޮޅު ފަރާތްތަކާ އެކު ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ފަތުރުވެރިކަމާއި އެހެން ދާއިރާތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެއީ ދިވެހި ވިޔަފާރިތަކަށާއި މުޅި އިގްތިސާދަށް އިޔާދަ ނުކުރެވޭނެފަދަ ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

މިދިޔަ އަހަރު ތައިލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި ބޭއްވި ނެޓްވޯކިންގް ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެންސީސީއައިއިން ބުނީ، އާންމުކޮށް ރާއްޖޭގެ ރިސޯޓުތައް ތަރައްގީކުރަނީ ބޭރުގެ އިންވެސްޓަރުންގެ އެހީގައި ކަމުގައި ކަމުން، އެ ޖަމިއްޔާއިން ދަނީ އެފަދަ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް އިދިކޮޅު އަމަލުތަކުގެ ސަބަބުން އެކަމަށް ހުރަސް އެޅޭކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

"ރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކުގައި ރާއްޖެއަކީ އިންވެސްޓަރުންނާއި ރަށްޓެހި މާހައުލެއް ގާއިމުވެފައިވާ ގައުމެއްކަން ޔަގީންކޮށްދޭން ކުރެވޭ މަސައްކަތަށް ވެސް މިކަމުގެ ސަބަބުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމުގައި މި ފުރުސަތުގައި ފާހަގަކުރަން،" އެ ބަޔާނުގައި ބުނެއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ ސިޔާސީ ގޮތުން މިފަދަ އަމަލުތަކުގެ އަސަރު ފޯރާނީ ހަމައެކަނި ސަރުކާރަށް ނޫން ކަމަށާއި، އެހެންކަމުން ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ގެއްލުން ވާ އަމަލުތައް ނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ރާއްޖޭގެ ރިސޯޓެއް --

މި ދެ ޖަމިއްޔާއިން މި ބަޔާންތައް ނެރެފައި މި ވަނީ، ސައުދީ އަރަބިއްޔާއިން ފ. އަތޮޅުގައި 10 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ހިންގުމަށް ޝައުގުވެެރިކަން ފާޅުކޮށް، އަދި އެގައުމުގެ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް އުޅުއްވާ ދަނޑިވަޅެއްގައެވެ.

ސައުދީއިން ފ. އަތޮޅުގައި ހިންގަން އުޅޭ މަޝްރޫއުގެ ތަފްސީލުތައް ސަރުކާރުން ހާމަކޮށްފައިނުވާ އިރު، ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މަޝްވަރާތައް ކޮށް، ތަފްސީލުތައް ފައިނަލްވުމާ އެކު އެކަންކަން ހާމަކުރައްވާނެ ކަމަށެވެ. ރައީސް މިހާތަނަށް ވިދާޅުވީ ފ. އަތޮޅަށް އަންނާނީ ފްރާންސްގެ މެޑިޓެރޭނިއަން އައްސޭރީގައިވާ ފްރެންޗް ރިވިއެރާގައިވާ ފަދަ މިކްސްޑް ޑިވެލޮޕްމެންޓް މަޝްރޫއެއް ކަމަށެވެ.

ފ. އަތޮޅުގެ މަޝްރޫއުގެ ތަފްސީލުތައް ހާމަވެފައި ނުވާއިރު، އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުންދަނީ ސަރުކާރުން އުޅެނީ ފ. އަތޮޅު ވިއްކާލުމަށް ކަމަށެވެ. އަދި ތަފްސީލު ހާމަކުރުމެއް ނެތި އެފަދަ މަޝްރޫއެއް ހިންގަން އުޅޭތީ އެކަމާ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

comment ކޮމެންޓް