ގެދޮރު އެޅުމުގެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަތަރު ރިސޯޓް ތަރައްޤީކުރުމަށް ހަތަރު ރަށެއް ބީލަމަށްލާން ނިންމައިފި

19:00


ގެދޮރު އެޅުމުގެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް 200 އެނދުގެ ހަތަރު ރިސޯޓެއް ތަރައްޤީކުރުމަށް ހަތަރު ރަށެއް ބީލަމަށްލާން ނިންމައިފި އެވެ.


ޓޫރިޒަމް މިނިސްޓްރީން ބުނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މިސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން 10،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ބީލަމަށްލާ ހަތަރު ރަށަކީ ނ. ހުއިވަންޔާއި، ނ. ރާފުށިއާއި ނ.ފުށިވެލާވަރު އަދި ރ. ދިގަލި ކަމަށާއި މި ހަތަރު ރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑިން ޑޮކިއުމަންޓް މާދަމާ އިން ފެށިގެން ޖޫން މަހުގެ 13 ގެ ނިޔަލަށް އެ މިނިސްޓްރީން ގަންނަން ލިބޭނެ ކަމަށެވެ.


މި ރަށްތަކުގެ ބިޑް ޑޮކިއުމަންޓް ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ނުވަތަ ދިވެހިނަށް ވިއްކުމަށް ހަމަޖައްސާފައިވާ އަގަކީ 2،000 ރުފިޔާ އަށެވެ. އަދި ބިދޭސީ ފަރާތްތަކަށާއި ބިދޭސީން ހިއްސާވާ ކުންފުނިތަކަށް ނަމަ 300 ޑޮލަރު ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.


ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ބީލަން ހުށަހަޅާއިރު 5،000 އެމެރިކާ ޑޮލަރު ބޭންކްގެރެންޓީ އެއް ހުށަހަޅަންޖޭހޭ މިބިލަމާ ބެހޭ ޕްރީބިޑް މީޓިން މިމަހުގެ 31 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައި ކަމަށާއި ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 14 ޖޫން ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.


މިހަތަރު ރަށް ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފައި ވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މެންބަރުން ވާހަކަ ދެއްކެވުމަށްފަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު