އައްޑޫ ސިޓީގެ ގެއެއްގައި ރޯވެ، ގެއްލުންތަކެއް ވެއްޖެ

ރޭ އައްޑޫ ސިޓީގައި ހިނގި އަލިފާނުގެ ހާދިސާ ----

އައްޑޫ ސިޓީ މަރަދޫ ފޭދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ރޭ ދަންވަރު އެކެއް ޖަހާކަށް ހާއިރު ހިނގި އެ ހާދިސާގައި ރޯވެފައި ވަނީ، އެރަށު އިރުޝާދިއްޔާ ސްކޫލު ކައިރީގައި ހުންނަ ގެއެއް ކަމުގައިވާ އަބުހަރީ މަންޒިލް ގޭގެ ބަދިގޭގަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ، އެ ގޭގައި ރޯވުމުގެ ސަބަބުން ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށާއި، ބަދިގެ އެއްކޮށް އަނދާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، އަބްދުﷲ މުއްތަލިބު 'ސަން' އަށް މިއަދު ވިދާޅުވީ، އެ ގޭގެ ބަދިގޭގައި ރޯވުމުގެ ސަބަބުން ބަދިގެއާއި ބަދިގެއާ ގުޅިގެން ހުރި ތަންތަން އަނދާފައިވާ ކަމަށެވެ.

"އެ ގެއަކީ ދަރު ބަދިގެ އެއް ހުންނަ ގެއެއް. ބަދިގެ ވަށައިގެން ވަރަށް ގިނަ އެކި ކަހަލަ ކެއްކުމަށް ބޭނުން ކުރާ ލަކުޑީ، ދަރު ފަދަ އެއްޗެހި ހުރި. މިގޮތަށް ޑްރައި ދުވަސް ވަރެއްގައި ރޯވުމާ އެކު ވަރަށް ބޮޑަށް ފެތުރިގެން ދިޔައީ." މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ގޭގެ ބަދިގޭގައި ރޯވުމުގެ ސަބަބުން ގޭތެރެއަށް ވެސް އަލިފާން ވަދެފައިވާ ކަމަށާއި ގޭގެ ވަރަށް ބޮޑުބައި ވެސް ވަނީ އަލިފާނުގެ އަސަރުކޮށް ގެއްލުން ވެފައި ކަމަށެވެ. އަދި އެގޭގެ އިތުރުން އެ ގެ ކައިރީގައި ހުރި އާބާދީ މަންޒިލް އަށާއި ވެލްކަމް ވިލާއަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެ ހާދިސާގެ ސަބަބުން ވަރަށް ބޮޑު މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށާއި، ކައުންސިލުން އެކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ރިޕޯޓުތައް ނަގަމުން. އެބޭފުޅުންނަށް ދެވެން ހުރި އެހީތެރި ކަމެއް އަޅުގަނޑުމެން ދޭނަން،" މުއްތަލިބު ވިދާޅުވި އެވެ.

comment ކޮމެންޓް