ޒުމްބާގެ ބޮޑު ހަރަކާތެއް ބުރާސްފަތި ދުވަހުގެ ރޭ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި!

ގްލޯފިޓްއިން އިންތިޒާމުކޮށްގެން ޒުމްބާގެ ބޮޑު ދެ ކްލާހެއް މާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

ގްލޯފިޓްގެ ޑިރެކްޓަރު އަދި މާސްޓާ ޓްރެއިނަރު ހިޝްމަތު ފާއިޒު "ސަން" އަށް ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ދެ ކްލާސް އޮންނާނީ ޣިޔާސުއްދީން ސްކޫލުގަ އެވެ.

އެރޭ 8:15 އިން ފެށިގެން 9:00 އަށް "ސްޓްރޯންގް ބައި ޒުމްބާ" ކިޔާ ކްލާހެއް ކުރިޔަށް ދާނެ އެވެ. އަންހެނުންގެ އިތުރުން ފިރިހެނުންނަށް ވެސް ބައިވެރިވެވޭ އެ ކްލާހަކީ ފިޓްނަސް އެންތޫސިއެސްޓުންނާއި ހައި އިންޓެންސިޓީ ވޯކްއައުޓްސް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެކެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ 9:15 އިން 10:00 އަށް އަންހެނުންނަށް ޚާއްސަ ޒުމްބާ ކްލާހެއް ކުރިޔަށް ދާނެ ކަމަށް ހިޝްމަތު ވިދާޅުވި އެވެ.

މި ހަރަކާތްތަކުގައި ޓްރެއިނަރަކަށް ހުންނަވާނީ ސްވިޓްޒަލެންޑަށް ނިސްބަތްވާ ޒުމްބާ ޓްރެއިނިންގް ސްޕެޝަލިސްޓް އައިލީ ޝަރީފެވެ.

ހިޝްމަތު ވިދާޅުވީ ރާއްޖޭގައި އާންމުކޮށް ފިޓްނެސްގެ މިފަދަ ހަރަކާތްތައް ބޭއްވެމުން ނުދާ އިރު، މާދަމާ ފަށާ ޒުމްބާ ޓްރެއިނިންގްއާއި ބުރާސްފަތި ދުވަހު ބާއްވާ ކްލާސްތަކަކީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ކެޕްޝަން..

ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ޒުމްބާ ކްލާސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމުގެ ޓިކެޓެއް ބައްލަވައިގަންނަން ޖެހޭނެ އެވެ. އެ ޓިކެޓު ގްލޯފިޓުގެ އިތުރުން، މި ހަރަކާތުގައި ބައިވެރިވާ އެހެނިހެން ޖިމްތަކުން މިހާރު ދަނީ ވިއްކަމުންނެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.

އިތުރު މައުލޫމާތު 3329291 އިން ލިބޭނެ އެވެ.

މި ހަރަކާތުގައި މާލޭގެ ބައެއް އެހެން ޖިމްތަކާއި ޕީއެސްއެމްއާއި ޔޫތު މިނިސްޓްރީގެ އިތުރުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ އެއްބާރުލުން ލިބެ އެވެ.

މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވުމަށް ޓިކެޓު ނަގާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ތިން ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ތިން ނަސީބުވެރިންނަށް އެސްޓީއޯގެ ފަރާތުން ވަނީ ޚާއްސަ އިނާމެއް ވެސް ހުށަހަޅާފަ އެވެ.

ބުރާސްފަތި ދުވަހުގެ ދެ ކްލާސް ކުރިޔަށް ދާ އިރު، މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ޒުމްބާގެ ޓްރެއިނިންތަކެއް ވެސް ކުރިޔަށް ދާނެ އެވެ. އެ ޓްރެއިނިންގްތަކުގައި ބައިވެރިވެވޭނީ ޒުމްބާގެ އޮފިޝަލް ވެބްސައިޓު މެދުވެރިކޮށް އޮންލައިން ރެޖިސްޓްރޭޝަން ހަދައިގެންނެވެ.

comment ކޮމެންޓް