މެރީޑިމަށް އެސްޓީއޯ އިން ދީފައިވާ ކްރެޑިޓް ލިމިޓް ދަށްކޮށް، ފައިސާ ދެއްކުމުގެ މުއްދަތު ކުރުކުރުމަކީ އެއްބަސްވުމާ ހިލާފަށް ކުރި ކަމެއް ނޫން: ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސް އާއި ސްޓޭޓް ޑްރޭޑިން އޮގައިނޭޒޭޝަން )އެސްޓީއޯ(އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކްރެޑިޓް ލިމިޓް 20 މިލިއަން ރުފިޔާ އިން 10 މިލިއަނަށް ދަށްކޮށް، ކްރެޑިޓް ބިލްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު 40 ދުވަހުން، 30 ދުވަހަށް ކުޑަކުރި ކުރުމަކީ އެއްބަސްވުމާ ހިލާފަށް އެސްޓީއޯ އިން ގެނައި ބަދަލެއް ނޫން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި ހުކުމްކޮށްފި އެވެ.

މެރީޑިއަމް އިން އެސްޓިއޯގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ދަށުން ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމުގެ މުއްދަތަކީ އެ ބިލެއް ހެދި ތާރީހުން ފެށިގެން 40 ދުވަސް ކަމަށެވެ. ނަމަވެސް އޮގަސްޓް 29، 2010ގައި އެސްޓިއޯ އިން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމުގެ މުއްދަތު ބިލް ހަދާ ތާރީހުން ފެށިގެން 30 ދުވަހަށް ބަދަލުކޮށްފައިވާ ކަމަށާއި އެގޮތަށް އެސްޓީއޯ އިން ނިންމާފައި ވަނީ މެރީޑިއަމްއާ އެއްވެސް މަޝްވަރާއެއް ނޮކޮށް ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އަދި އެއްބަސްވުމުގެ 2.1 މާއްދާގެ ދަށުން ކްރެޑިޓް މިންވަރު 20 މިލިއަން ރުފިޔާ އިން 10 މިލިއަން ރުފިޔާ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މެރީޓިއަމްގެ ދައުވާގައިވެ އެވެ.

އެ ބަދަލު ގެނެސްފައި ވަނީ އެސްޓީއޯއާ އެކު ވެފައިވާ އެއްބަސްވުމުގެ 15.3 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވުމާ އެކު އެ ބަދަލުތަކަކީ ބާތިލް ބަދަލުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް މެރިޑިއަމް އިން ކޯޓްގައި އެދިފައިވެ އެވެ.

ކޯޓްގެ ޝަރީއަތްތަކުގައި މެރީޑިއަމް އިން ފާހަގަކޮށްފައިވާ ގާނޫނީ ނުކުތާތަކަށް ރިޔާއަތް ކުރުމަށް ފަހު ގާޒީ އަބްދުﷲ ޖަމީލު މޫސާ ކުރެއްވި ހުކުމްގައި ބުނެފައި ވަނީ މެރީޑިއަމް އާއި އެސްޓީއޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 15.2 ވަނަ މާއްދާގައިވާ ގޮތުން އެސްޓީއޯގެ ވިޔަފާރި އަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ މެނޭޖުމަންޓް ޕޮލިސީއަކަށް އަންނަ ބަދަލަކުން ވިޔަފާރި ބަދަލު ކުރަން ޖެހިއްޖެ ހިނދެއްގައި އެއް މަސް ދުވަހުގެ ނޯޓިސްއަކަށް ފަހު، އެސްޓީއޯ އަށް ގެންނަން ފެންނަ ބަދަލެއް ގެނެވިދާނެ ކަމަށެވެ. އަދި ވިޔަފާރި ބަދަލު ކުރުމުގައި ކްރެޑިޓް މިންވަރަށް ބަދަލު ގެނައުމާއި ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމުގެ މުއްދަތައް ބަދަލު ގެނައުން ހިމެނޭ ކަމަށް ދެ ފަރާތުގެ ބަހުން އެނގެން އެބައޮތް ކަމަށް ހުކުމްގައިވެ އެވެ. އަދި އެއްބަސްވުމުގެ 15.2 ވަނަ މާއްދާއަކީ ހާއްސަ މާއްދާއެއް ކަމަށާއި އެއްބަސްވުމުގެ އާއްމު މާއްދާއެއްގައި ކަނޑައަޅާފައިވާ ކަމަކަށް ބަދަލު އައި ނަމަވެސް އެކަމުގެ މައްޗަށް ދެ ފަރާތުން އިތުރަށް އެއްބަސްވާން ނުޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.

"ސްޓޭޓް ޓެރޭޑް އޮގައިނައިޒޭޝަން އޮގަސްޓް 29، 2010ގެ ސިޓީން އެއް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު، އެ އެއްބަސްވުމުގެ 2.1 ވަނަ މާއްދާގައި ބުނާ ކްރެޑިޓް މިންވަރަށް ގެނެސްފައިވާ ބަދަލާއި އެ އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ ބަދަލަކީ މެރީޑިއަމް ސާވިސަސްގެ ދައުވާ ބިނާކޮށްފައިވާ އަސާސްތަކުގެ މައްޗަށް ބަލާއިރު، އެ އެއްބަސްވުމާ ހިލާފަށް ގެނެސްފައިވާ ބަދަލުތަކެއް ކަން ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފީމެވެ،" ގާޒީ އަބްދުﷲ ޖަމީލު މޫސާ ކުރެއްވި ހުކުމްގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު