ދުބާއީއާއި އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.5 ކިލޯގެ ޑްރަގު ހޯދައިފި

ފޮޓޯ/ ކަސްޓަމްސް

ދުބާއީއާއި އިންޑިއާ މަގުން ރައްޖެ އެތެރެކުރަން އުޅުނު 1.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ހޯދައި، ހިފަހައްޓައިފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، ނިމިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތަކާ މެދު ޝައްކު ކުރެވިގެން އޭނާ ބަލައި ފާސްކުރި އިރު، އޭނާގެ ހަށިގަނޑުންވަނީ ޑްރަގު ފެނިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 506 ގްރާމުގެ އެއް ޕެކެޓު ހަޝިޝް އޮއިލް، އަދި ބަރުދަނުގައި 162 ގްރާމް ހުރި، ހަ ބުލެޓު ހެރޮއިނެވެ. އެއީ ޖުމްލަ 668 ގްރާމުގެ މަސްތުވާތަކެއްޗެވެ.

އޭގެ އިތުރުން މާޗު ތިންވަނަ ދުވަހު ދުބާއީއިން ރާއްޖެ އައި 32 އަހަރުގެ ދިވެއްސަކާ ބެހޭގޮތުން ލިބުނު އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް، އެއާޕޯޓު ޕެސެންޖަރު ކްލިއަރެންސް އޮފިސަރުން އޭނާގެ ލަގެޖު ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން ވަނީ ހެރޮއިން ފެނިފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އޭނާގެ ލަގެޖުން ފެނުނު ތަކެތީގެ ޕެކިންގްއާ އެކު، ބަރުދަނުގައި 783 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މި ދެމީހުންނާއި، އެމީހުން އެތެރެކުރި 1.5 ކިލޯގެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި، ފުލުހުން އެމައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ، އެތެރެހަށީގައި ރައްކާކޮށްގެން އެތެރެކުރާ މަސްތުވާތަކެތި ހޯދުމަށްޓަކައި ބޮޑީ ސްކޭނަރެއްވެސް ގާއިމުކޮށްފައެވެ.

ކަސްޓަމްސްއިން މައުލޫމާތުދޭ ގޮތުގައި ބޮޑީ ސްކޭނަރު ބެހެއްޓިފަހުން، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެ އައި ތިން މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.

comment ކޮމެންޓް