ގެއްލުމުގެ އަގެއް ނޭނގޭ، ކަނޑުއޮތްގިރި ހުރީ އިންޝުއާ ކޮށްފައި: މިފްކޯ

މިއަދު މާލެ އަތޮޅު ކަނޑުއޮތްގިރީގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

މިއަދު ކ. ކަނޑުއޮތްގިރީގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގެއް އަދި ނޭނގޭ ކަމަށާއި، ނަމަވެސް ފެކްޓަރީ ހުރީ އިންޝުއާ ކޮށްފައި ކަމަށް މިފްކޯއިން ބުނެފިއެވެ.

ކަނޑުއޮތްގިރީގައި މިފްކޯއިން ހިންގާ ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ކުރަނީ ސިނާއީ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ބައެއް ޕްރޮޑަކްޓްތައް ބަންދުކުރާ ދެ ފެކްޓްރީއެވެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް "ސަން"އަށް ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާއެއް މިއަދު ހިނގީ ކަނޑުއޮތްގިރީގައި ހުންނަ ދެ ފެކްޓްރީގެ ތެރެއިން، ރާއްޖޭގައި ވިއްކާ ފަސްމީރު ބްރޭންޑުގެ ބައެއް ޕްރޮޑަކްޓްތައް ޕެކް ކުރާ ތަނެއްގައެވެ.

ކަނޑުއޮތްގިރި ފިޝް ވިލެޖްގައި ހުންނަ ކާރުހާނާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ތަން ވަނީ އަނދާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

އަދުލީ ވިދާޅުވީ، އަލިފާން ރޯވީ މުޅި ފެކްޓްރީގައި ނޫން ކަމަށާއި، އެ ހާދިސާ ހިނގީ ފެކްޓްރީގައި ލޯކަލް ޕްރޮޑަކްޓްތައް ބަންދުކުރުމުގެ މަސައްކަތް ކުރާ، ގާތްގަނޑަކަށް 100 ފޫޓާ 30 ފޫޓަށް ހުންނަ ތަނެއްގައި ކަމަށެވެ.

"ވަރަށް ކުޑަކުޑަ ތަނެއްގައި ރޯވީ. އެއީ ފަސްމީރު ބްރޭންޑުގެ، ރާއްޖޭގައި ވިއްކުމަށް ތައްޔާރުކުރާ ތަކެތި ޕެކް ކުރާ ތަނެއް. އިންޓަނޭޝަނަލް މާކެޓަށް ވިއްކުމަށް އެއްޗެހި ތައްޔާރުކުރާ ތަނެއް ވެސް ނޫން،" އަދުލީ ވިދާޅުވިއެވެ.

އަދުލީ ވިދާޅުވީ، މި ހާދިސާ ހިނގުމަށް މެދުވެރިވި ކަމަށް ބެލެވެނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. އެގޮތުން އަލިފާންގަނޑު ފުރަތަމަ ހިފީ އެތަނުގެ ސީލިންގު މަތީގައި ކަމަށާއި، ބޮޑަށް ބެލެވެނީ އެތަނުގެ ހޮޅިބުރިއަކުން ޝޯޓުވެގެން އެކަން ހިނގީ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިހާރު ހިންގާ މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ އަގެއް އަންދާޒާކުރާކަށް އަދި ނޭނގެއެވެ.

އެހެން ނަމަވެސް އެތަން ހުރީ އިންޝުއާ ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަނުގައި އަލިފާން ރޯވިކަން އެނގުމާ އެކު، އެތަނުގައި ހުރި ބޮޑެތި މެޝިނަރީތަކަށް ގެއްލުމެއް ވިޔަ ނުދިނުމަށްޓަކައި އެތަކެތި ބޭރަށް ވެސް ނެރުނު ކަމަށެވެ.

ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ފިޒާ

އަދުލީ ވިދާޅުވީ، ކާނާއާ ގުޅޭ ތަކެތި ބަންދުކުރާ ތަނަކަށް އެތަން ވުމާ އެކު، އެތަނުގެ ސީލިންގް އަދި ފުރާޅާއި ފާރުތައް ފަދަ ތަކެތި ބަދަލުކުރުމުގެ މަސައްކަތްތައް މިފްކޯއިން ކުރާނެ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކަނޑުއޮތްގިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމްއެންޑީއެފްއަށް އެނގިފައިވަނީ މިއަދު މެންދުރުފަހު 2:47 ހާ އިރުއެވެ. އެ ޚަބަރު ލިބުމާ އެކު އެމްއެންޑީއެފުން ވަނީ ތަކެއްޗާއި ފަޔަރމަނުން ގޮވައިގެން ކަނޑުއޮތްގިރިއަށް ގޮސްފައެވެ. އަދި އެއް ގަޑިއިރު ތެރޭގައި އަލިފާންގަނޑު ވަނީ ނިއްވާލައިފައެވެ.

comment ކޮމެންޓް