ޔުނައިޓެޑް ފުޑް ސަޕްލަޔާސްވެސް އެފްއެންޑްބީ ޝޯއާ ގުޅިއްޖެ

ހައިރައިޒް އެފްއެންބީ ޝޯ 2016 ގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން

ފުޑް އެންޑް ބެވަރޭޖަސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެފްއެންބީ ޝޯގައި، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ސަޕްލައިކުރާ ކުންފުނި، ޔުނައިޓެޑް ފުޑް ސަޕްލަޔާސް ގުޅިއްޖެއެވެ.

ދެހާސް ހަތްވަނަ އަހަރުން ފެށިގެން ރާއްޖޭގެެ ފުޑް އެންޑް ބެވެރޭޖަސް އިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ޔުނައިޓެޑަކީ ރާއްޖޭގައި ރިސޯޓު ފުޑް ޑިސްޓްރިބިއުޓަރުންގެ ތެރެއިން ހެޒަޑް އެނެލިސިސް އެންޑް ކްރިޓިކަލް ކޮންޓްރޯލް ޕޮއިންޓް (އެޗްއޭސީސީޕީ) ސްޓޭޓަސް އެންމެ ފުރަތަމަ ހޯދި ކުންފުންޏެވެ. މިއީ ކާބޯތަކެތި ގެންގުޅުމާއި ސްޓޮކުކުރުމުގައި ގެންގުޅޭ ރައްކާތެރިކަމުގެ މިންގަނޑެކެވެ.

ޔުނައިޓެޑުން އާންމުގޮތެއްގައި ރާއްޖެ އެތެރެކޮށް، ސަޕްލައިކުރަނީ ޓެމްޕަރޭޗަރ ކޮންޓްރޯލްޑް ފުޑްސްއެވެ.

އެގޮތުން، މީގެ ކުރިން ހަމައެކަނި މަހުގެ ގަނޑުކޮށްފައި ހުންނަ އެއްގަމު މަހާއި، ކުކުޅުމަހާއި އަދި ގަނޑުކުރި ތަރުކާރީ ޑިސްޓްރިބިއުޓް ކުރި ނަމަވެސް، މިހާރު އެކުންފުނިން ދަނީ ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން ސީފުޑްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، ޑިސްޓްރިބިއުޓު ކުރަމުންނެވެ. އޭގެ އިތުރުން އެހެނިހެން މާކެޓުތަކަށް ވެސް ވަދެ، އެކުންފުނީގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ދަނީ ފުޅާކުރަމުންނެވެ.

ޔުނައިޓެޑް ފުޑް ސަޕްލަޔާސްއިން މައުލޫމާތު ދޭ ގޮތުގައި، ހައިރައިޒުން މޭ މަހުގެ ތެރޭގައި ބާއްވާ އެފްއެންޑްބީ ޝޯގައި ޝޯކޭސް ކުރާނީ މައިގަނޑު ގޮތެއްގައި އެކުންފުނިން ރާއްޖެ އެތެރެކުރާ ތިން ބްރޭންޑެއްގެ ތަކެއްޗެވެ. އެއީ އެމީ ބްރޭންޑުގެ ސްވިސް ޑެއިރީ ޕްރޮޑަކްޓްސް، ކްރޮޕްސް ބްރޭންޑުގެ މޭވާއާއި ތަރުކާރީ، އަދި ފްރަންސްގެ "ދޫ" ބްރޭންޑްގެ ޗިކަން ޕްރޮޑަކްޓްސްއެވެ. އޭގެ ތެރޭގައި ގްރިލާ ޗިކެންއާއި، ކުކުޅު ސޮސެޖް ފަދަ ޕްރޮޑަކްޓްސް ހިމެނޭނެއެވެ.

މިދިޔަ އަހަރު ތައާރަފުކުރި ހައިރައިޒްގެ ފުޑް އެންޑް ބެވެރެޖަސް ޝޯގެ ދެވަނަ މައުރަޒު އޮންނާނީ މޭ މަހުގެ 18، 19 އަދި 20 ވަނަ ދުވަހު ނޭޝަނަލް އާޓް ގެލެރީގައެވެ.

ހައިރައިޒުން ލަފާކުރާ ގޮތުގައި، އެފްއެންޑްބީ ދާއިރާގައި މަސައްކަތްކުރާ، ގާތްގަނޑަކަށް 30 ފަރާތަކުން މި ޝޯގައި މިއަހަރު ބައިވެރިވާނެއެވެ.

އެފްއެންޑްބީ ޝޯގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ލޮޓަސް ފިހާރަ އަދި އޮންދިގޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް