ކަނޑުއޮތްގިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކަނޑުއޮތްގިރި ފިޝް ވިލެޖްގައި ހުންނަ ކާރުހާނާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ތަން ވަނީ އަނދާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

މިފްކޯގެ މަސް ކާރުހާނާއެއް ހިންގާ ކަނޑުއޮތްގިރި ފިޝް ވިލެޖްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގައި ހުރި ފެކްޓްރީގެ ބައެއްގައި ކަމަށާއި އަލިފާން ރޯވި ފެކްޓްރީގެ އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ، އެ ތަނުގައި ހުންނަ ދެ ފެކްޓަރީގެ ތެރޭން ލޯކަލް ބޭނުންތަކަށް ތަކެތި އުފައްދާ ފެކްޓަރީގައެވެ. އެތަނަކީ 2008 ވަނަ އަހަރު ހަދާފައިވާ ފެކްޓަރީއެކެވެ.

އަލިފާނުގެ ހާދިސާގައި ލޯކަލް ބޭނުންތަކަށް ތަކެތި އުފައްދާ ކާރުހާނާ އަނދައިގެން ދިޔަ ނަމަވެސް، އެތަނުގައި ހުންނަ ޔޫރަޕަށް ތަކެތި އުފައްދާ ކާރުހާނާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކަނޑު އޮތް ގިރި މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮތޯ/ ފިޒާ

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ މައުލޫމާތު މިއަދު 14:57 ހާއިރު ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ލިބުމާއެކު އަލިފާން ނިއްވާ ސާމާނާއެކު ފަޔަރމަނުންގެ ޓީމެއް ފަޔަރު ލޯންޗްގައި އެރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ފަޔަމަނުން ކުރި މަސައްކަތުން އެރަށުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ގާތްގަނޑަކަށް އެއް ގަޑިއިރުގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް