ތިންމަސްފަހުން ޒޯހަންއާއި ހެނާގެ ކައިވެނިކުރެވުނެވެ. ދިގު އިންތިޒާރެއްގެ ނިމުން ފުރިހަމަވުމުން ދެލޯބިވެރިންނަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ރިޒޯޓުގައި އޮތް ޕާޓީއަށްފަހު ދެޒުވާނުންނަށް ތައްޔާރުކޮށްފައިވާ ކޮޓަރިއާއި ހަމަޔަށް ދެވުނުއިރު ކޮންމެވެސް ވަރަކަށް ވަރުބަލިވެ ލޮޑުކަން ހަށިގަނޑަށް ވެރިވެފައިވިއެވެ. ނަމަވެސް އެރެއަށްޓަކާ ތައްޔާރުކޮށްފައިވާ ކޮޓަރިއަށް ވަނުމުން ހަށިގަނޑަށް ތާޒާކަމެއްލިބުނެވެ. ޒޯހަން ހެނާގެ ނިތްކުރީގައި ބޮސްދީފައި ގެނެސް މޭގައި ޖައްސާ ބާރުކޮށްލިވަގުތު ދެހިތުގެ ތެޅުން އެކުވާގޮތްވިއެވެ.

ހެނދުނު ދެމަފިރިން އަތުގުޅުވާލައިގެން ގޮސް ބީޗްގައިވާ ބީޗްޗެއަރއެއްގައި ޖައްސާލައިގެން ތިބެ ކޮފީ ބޯން ތިބިއިރު ސިއްރުވާހަކަތަކެއް ދައްކާފައި ހުނެވެ. ވަރަށް ލޯބިންނެވެ. އެކަކު އަނެކަކަށް ބަލާ ބަލާ ފޫހިވުމެއްނެތް ފަދައެވެ. މުޅި ދުވާލު ހަތަރުދަން ވޭތުވީ އެކަހަލަގޮތަކަށެވެ. އިރުއޮއްސޭ މަންޒަރުބަލަން ގޮސްފާ އައިއިރު ކޮޓަރިތެރެ ފުދޭވަރަކަށް އަނދިރިވެއްޖެއެވެ. އެއަނދިރިކަމުގެ ތެރޭގައި ޒޯހަން ހެނާ ގާތަށް ދަމާލިއެވެ. އެފަދަ ކޮންމެ އަދާއަކުން ހެނާގެ ހިތް ލޯބިން ފުރޭވަރުވެއެވެ. ފެންވަރާ ތާޒާވެލުމަށްފަހު އެނދުގައި އޮށޯވެލައިގެން ތިބެފާ ހެނާ ޒޯހަންގެ އަތުގައި ހިފަހައްޓާލީ ހައިރާންކަމުން ފުރިފައިވާ ގޮތަކަށެވެ.

"ޒޭން. އަލަށްއަދި މިފެނުނީ. ހިތެއްގެ ސިފައިގާ މި މާކް. އައި ހޭވް އަ ސިމިލަރ ވަން. ހަމަ އެކްޒެކްޓްލީ އޮން ދަ ސޭމް ސްޕޮޓް..." ހެނާއަތް ދައްކާލުމުން ޒޯހަން ހޭންފެށިއެވެ.

"ބޭބީއަށްވުރެ މާ ކުރިން އަހަންނަށް އެނގިފައި އޮތީ. ނޯޓިސްވެގެން ބުނަންދެން މިހިރީ. ކިތައްރޭ އަހަންނަށް މިހަށިގަނޑު ހުރަހެއްނެތި ބަލައިލަން ލިބިފައިވަނީ. ބޭނުންވަރަކަށް. ހީވޭތަ އެކަހަލަ ކަންތައްތައް ފާހަގަނުވެ ހުންނާނެހެން...." ޒޯހަން ލާނެތް ހިނިތުންވުމަކާއިއެކު ބުމަ އަރުވައިލުމުން ހެނާ ރަކިވިއެވެ.

"ޒޭންވެސް ދެން ހާދަ..." ހެނާ ލަދުންގޮސް އަތްއެޅީ ޒޯހަންގެ ދެލޮލުގައެވެ. ޒޯހަން އެދެއަތްތިލައިގާ ބޮސްދިނެވެ. ދެމީހުންގެ އަތުގައިވާ ލަފުންވެސް ހާމަކޮށްދިނީ އެކަކު އަނެކަކާއި ގުޅިފައިވާ މިންވަރެވެ. ލޯބިން ވާހަކަދައްކަން ތިބިއިރު ޒޯހަން މައިކަލްމަތިން ހަދާންކުރިއެވެ. ހެނާދެކެ މިވަރަށް ލޯބިވާއިރުވެސް ކޮންމެވެސް ވަރަކަށް ކުށްވެރި އިހުސާސްކުރެވޭކަމުގައި ބުނެލިއެވެ. މައިކަލް އަކީ ދުވަހަކު މީހަކަށް ނުލިބޭނެފަދަ ރަގަޅު އެކުވެރިއެއްގެ ގޮތުގައި ސިފަކުރިއިރު ޒޯހަންގެ ރީތި ދެލޯ ފެންކަޅިވިއެވެ. ހެނާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. މައިކަލްގެ ހަދާންތަކެއް ގައިމު ދެމީހުންގެ ހިތަކުންވެސް ނުފޮހެވޭނެއެވެ. ހެނާއަށްވެސް މައިކަލްއާއިއެކު ކިތަންމެ ވަގުތެއް ހޭދަކުރަން މަޖުބޫރުވި ދުވަހެއް އައެވެ. މައިކަލްގެ ފަރާތުން އޯގާތެރިކަމާއި ލޯބިވެސް ލިބުނެވެ. ވީއިރު ކޮންމެވެސް ސިފައެއްގައި އެމީހުންގެ ހިތްތަކުގައި މައިކަލް ރަސްކަންކުރާނެއެވެ. ހެނާއާއި ޒޯހަން ހަނީމޫން ދަތުރެއްގައި ޔޫރަޕަށް ފުރިއިރު ލޫސިއާންއާއި އަމީރާވެސް ކުދިންނާއިއެކު ކޮޓެޖްގައި އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންދިޔައެވެ. ރަފައެލް މައިކަލްގެ ހަދާންތަކާއި ދުރުވާންވެގެން ގޮސް އުޅުނީ ޒޭބްމެންގެ އާއިލާއާއިއެކުގައެވެ. އެންމެގާތް އެކުވެރިޔާގެ ގޮތުގައި ހުރީ އެއްމާބަނޑު ކޮއްކޮކަން އެނގުނުރޭ އެހިނގި ހިތާމަވެރި ހާދިސާ ދުވަހަކު ރަފައެލްގެ ހިތަކުން ނުފިލާނެއެވެ. ކޮންމެ ދުވަހެއް ނިމިގެންދަނީ މައިކަލްމަތިން ހަދާންކުރަމުންނެވެ. ސީރިޔަސްވެފާ ހިނިތުންވުން މަދުވިޔަސް އެހިނިތުންވުންތައް ރަފައެލް އެލްސާއާއި އާޒްގެ އެކުވެރިކަންވެސް ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން އައެވެ. އުމުރުން ތަފާތުވިޔަސް އާޒް އެންމެ ލޯބިވާ އަންހެންކުއްޖަކީ އެލްސާކަމުގައިވިއެވެ.

އާތިފު އޭނަގެ ދަރިފުޅު ނަވާއަށް ފައިސާދީ ހައްލާލައިގެން ރިޒޯޓަށް ގެންދާށޭ ކިޔާފައި ފަޅުރަށަކަށްގެންގޮސް އެކުއްޖާ އަނިޔާވެރިގޮތަކަށް އަންދާލާ ޝައިތާނާއަށް ގުރުބާންކުރިއެވެ. ޝައިތާނާ ހިތްފުރޭވަރުކޮށްލަދިނެވެ. އެއަށްފަހު ޝައިތާނާ ނާމާން ހުނުމަކާއިއެކު އާތިފުބުނި ކަންތައްކޮށްދޭން އެއްބަސްވިއެވެ. ނަވާގެ މަރުވެސް ވެގެން ދިޔައީ ރަށުގެ މީހުންނަށް ބިރުވެރިކަން ލިބުނު އަނެއް ހާދިސާއަކަށެވެ. އެންމެންވެސް އިނގިލި ދިއްކުރީ ސިހުރުވެރިޔާއަށެވެ. ސިހުރުހެދުމުގެ ނުބައިކަމާއިއެކު އެމީހަކީ ސީދާ މަރާލަންޖެހޭނެ މީހެއްކަމުގައި އެންމެން ބުނަންފެށިއެވެ. އާތިފު އެކަން ސިއްރާއި ފާޅުގައިކުރާއިރު އެކަން ނުދަންނަމީހަކު މަދެވެ.

ރަފައެލްއާއި ޒޭބް ދިރިއުޅެނީ ކޮޓެޖާއި ދާދިކައިރީގައި ހުންނަ އެޕާޓްމެންޓެއްގައެވެ. ކޮޓެޖްގެ ސިއްރުތައް ޒޭބްއަށް އަންގަން ބޭނުންނުވާތީ ރަފައެލް ކޮޓެޖަށް އައިސްއުޅެނީ އެކަނިއެވެ. ޒޭބްއާއި އޭނަގެ ދޭތެރޭގައި މާބޮޑު ގުޅުމެއް އޮންނަހެންވެސް ހިޔެއްނުވެއެވެ. ކައިވެނީގެ ސަބަބުން ރަފައެލްއަށް އުފާވެރިކަމެއް ނުލިބެނީކަމުގައި އޭނަ ބަލައިލި ކޮންމެމީހަކަށް ފާހަގަވާނެއެވެ. ރަފައެލް އެހާ ގިނައިން ހިނިތުންވެ އުޅޭތަނެއްނުފެނެއެވެ. ކައިވެންޏަށްފަހު ދިހަދުވަސް ނުވަނީސް އޭނަ ޑިއުޓީއަށް ނުކުމެ އަވަދިނެތިއުޅެންފެށީވެސް ޚިޔާލުތަކާއި ހިތާމަތަކުން ސަލާމަތްވާށެވެ.

ލޫސިއާން ކޮޓަރިއަށް ވަންއިރު އަމީރާ އިނީ ލެޕްޓޮޕް ހިފައިގެން ކައުޗްގައި އިށީދެލައިގެންނެވެ. އޭނަ ލިޔަމުންދާ ވާހަކަ "ކޮޓެޖް" ގާތްގަނޑަކަށް ނިމުމަކާއި ހަމަޔަށް އައީ ލޫސިއާންގެ ހިތްވަރުދިނުމާއި އެހީތެރިކަން ލިބުނުވަރުންނެވެ. ބަލިވެއިނުމުން ދިމާވާ އުދަގޫތަކަށް ކެތްކުރަމުން ކިރިޔާވެސް ހުސް ވަގުތެއް ލިބިއްޖެއްޔާ އަމީރާ އެހަގީގީ ވާހަކަ ނިންމަން ހިތްވަރުލާފައި މަސައްކަތްކުރިއެވެ. ކާމިޔާބުގެ ތަޅުދަނޑިއަކީ މަސައްކަތާއި ނަސީބެވެ. ދެކަން އެއްވެއްޖެއްޔާ ހުއްޓުވޭނެ އެއްވެސް ފަރާތެއް ދުނިޔެއަކު ނުވާނެއެވެ. ލޫސިއާން އަމީރާގެ ފައި އުނގަށްލައިގެން އިނދެ ފައިތިލަ މަސާޖުކޮށްދޭން ފެށުމުން ލިބުނު އަރާމުގައި ދެލޯ މަރާލެވޭގޮތްވިއެވެ.

ދެބަދޭތެރޭގައި އޮވެފާ ސިހިގެންފާ ކަހަލަ ގޮތަކަށް ތެދުވެފާ އަމީރާ ލޫސިއާންގެ ގައިގާ ބައްދާލިއެވެ. އެދެލޮލުން ފެނުނީ ސިހުމާއި ބިރުވެރިކަމެވެ. ދެލޯ ބޮޑުކޮށްގެން އިންގޮތުން އަރާކާ އެއްޗެއްފެނިގެން އިންފަދައެވެ. އޭނަ އޮތީ ފިނިދަލެއްވެސް ހިއްލާފައެވެ. ލޫސިއާން ސުވާލުކުރުމުން ބުނީ ދުވަހަކު ނުފެންނަ ވަރުގެ ބިރުވެރިކަމެއް ފެނުނީ ކަމަށާއި އެހާ އަވަހަށް އޭނަ އެހުވަފެން މަތިން ހަދާންނެތިއްޖެކަމުގައެވެ. ލޫސިއާންވެސް އެވާހަކަ އަހާކަށް ބާރެއްނާޅައެވެ. އޭނަވެސް ހުރީ ކޮންމެވެސް ކަމަކާއި ހާސްވެފައެވެ. އުދަގޫތަކެއްވެފައެވެ.

ލޫސިއާން ގޮސް ހުއްޓުނީ ހުޅުވާފައިވާ ކުޑަދޮރުކައިރީގައެވެ. ހަނދުގެ އަލިކަން އެހިސާބުގައިވާ ގަސްތަކަށް އެޅިފައިވާއިރު ފެންނަލެއް ވަރަށް ހިތްގައިމެވެ. އަމީރާ ލޫސިއާންގެ ކައިރީގައި ހުއްޓުނެވެ.

"ހިތަށް އަރާ މިގޮތަށް އަބަދާއަބަދު އެކީގައި އުޅެވޭނެނަމައޭ.." ލޫސިއާން އަމީރާގެ ކޮނޑުގައި އަތް ބާއްވާލާފައި ގަޔާކައިރިކޮށްލައިފިއެވެ. އެފުން ދެލޮލުން ބަލަންފެށީ މީގެ ކުރިން ނުބަލާފަދައަކުންނެވެ.

"އިރާދަކުރެއްވިއްޔާ އަބަދަށްޓަކާ..." އަމީރާ ހިނިތުންވެލިއެވެ.

"އެކަމަކު އަހަރެން ބިރުގަނޭ..." ލޫސިއާން ބުނެލިއެވެ.

"ކޮންކަމަކާތަ ލެން؟ ލެންކިހާ ޕޮޒިޓިވްކޮށް އުޅުނީ. ލެން ކަމަކާ ބިރުގަނެއޭ ނޫނީ އެއްޗެއްދެކެ ބިރުގަނެޔޭ ބުނުމުން ގަބޫލެއްވެސް ނުކުރެވޭ...." އަމީރާ ކުޑަހުނުމަކާއިއެކު ބުނެލަމުން ލޫސިއާންގެ އިސްތަށިގަނޑު ހާވާލައިފިއެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ދެމަފިރިންވަނީ އެތައް އުފާވެރި ހަދާންތަކެއް އެކީގައި ހިއްސާކޮށްފައެވެ. ކުދިކުދި ކަންތައްތަކުން ލިބޭ އުފާވެރިކަން ބުނެދޭން ނޭގޭހާ ބޮޑެވެ.

"އަހަރެން ބިރުގަންނަނީ އަމިއްލަ ނަފުސަށްޓަކާއެއްނޫން. އެމީއަށްޓަކާ. އެމީއަށް ދެރަގޮތެއްވެދާނެތީ. މީހަކު އެބައުޅޭ އަހަރެމެންނަށް ގެއްލުންދޭން. އެކަން ހުއްޓުވާނެ ބާރެއް އަހަރެންގެވެސް ނެތް. އަހަރެމެންގެ ދުޝްމަނަކު އެވަނީ އޭނަގެ ފުރާނަ ދޫކޮށްލަންޖެހުނަސް ހެޔޮކަމަށް ޝައިތާނާއެކު ޑީލެއްހަދާފައި..." ލޫސިއާން ކުޑަމިންވަރަކަށް ބުނެދިނީ އަމީރާ ކަންބޮޑުވެދާނެތީއެވެ. އޭނައާއި ވަކިވެއްޖެއްޔާ އަމީރާ މޮޔަވެދާނެއެވެ. އެދޭތެރޭގައިވަނީ އާދައިގެ ލޯތްބެއްނޫންކަން ލޫސިއާން ދަނެއެވެ. އަމީރާގެ ހިތާއި ސިކުނޑީގައިވާހާ އެއްޗެއް އޭނައަށް އެނގޭކަހަލައެވެ.

"ކޮންމެގޮތެއްވިޔަސް އެމީޖެހޭނެ ހިތްވަރުކުރަން. އަހަރެމެންގެ ކުދިންނަށްޓަކާ. އަހަންނަށްޓަކާ. ޕްރޮމިސްކުރޭ. ބޭބީ ޕްރޮމިސްމީ..." ލޫސިއާން އަމީރާގެ މަޑުމަޑުއަތް އޭނަގެ އަތުތެރެއަށް ލައްވާލަމުން ހަތަރުކަޅިހަމަކުރިއެވެ. އަމީރާގެ ގައިން ހީބިހިނަގައިގެން ދިޔައީ ކަނޑުން އައި ފިނި ވައިރޯޅިންކަމެއް ނޫނީ ލޫސިއާންގެ އެޖުމްލައިން ކުރި އަސަރަކުންކަމެއް ނޭގެއެވެ. އެހިތަށް ގައިމު ބިރުވެރިކަމެއް ވަދެއްޖެއެވެ. މިނޫނީ މިގޮތަށް ވަކިވުމުގެ ވާހަކައެއް ލޫސިއާން ދައްކާފައެއްނުވެއެވެ. އަމީރާ ވައުދުވިއެވެ. ލޫސިއާން އެބުނާ މީހަކީ ކާކުކަން އެގެންވެގެން ސުވާލުކުރިއެވެ. ނަމަވެސް ލޫސިއާން ވާހަކަ އޮޅުވާލައިގެން ތަފްސީލަކަށް ނުދިޔައެވެ. އެރޭވެސް ދެމަފިރިން ހަނދުވަރުގެ ރިހިއަލީގައި ގޮނޑުދޮށުގައި ހިނގާލަންދިޔައެވެ. ލޫސިއާންއާއިއެކު ރީތި ހަދާންތަކެއް އެތަނަށް ދޫކޮށްފައި ދެމީހުން ގެއަށް އައިއިރު އިރުއަރަން ގާތްވެއްޖެއެވެ.

ބާބެކިއުހަދަން އެންމެން އެއްވެތިބީ ކޮޓެޖްގެ ގޯތިތެރޭއޮތް ހުސްތަނުގައެވެ. ބޮޑު އަލިފާންގަނޑުތައް ރޯކޮށްލައިގެން ކުކުޅުފަދަ އެއްޗެހިފިހެން ލާފައި ހުރިއިރު ކުޅުދިޔާވާފަދަ މީރުވަހުން ފަޒާވަނީ އެއްވަސްވެފައެވެ. މިހުރީޒްއާއި ނަބީލާގެ އާއިލާގެ އެންމެންހެން އެތަނަށް އެއްވެފައިވާއިރު މަދީ ޖުއާންއެވެ. ދަރިފުޅު ކުޑަކޮށް ރޯގާވައްތަރުވެފައި ހުރުމުން އަމީރާ ނިންދަވާފައި އައިއިރު ޖާދިންވެސް މާކުރިން އައިސް އަލިފާންގަނޑުތެރެއަށް ސޮސެޖްލައިގެން ކާންއިނެވެ. އުލުގައި ޖަހާފައި ފިހެންލާފައި ހުރި ކުކުޅު އަލުވިފަދަ އެއްޗެހި ފިހެނިމުމުން ސުފުރާ ހަދައިގެން ކާން ބިންމަތީގައި އެންމެންތިބީ ފިކުރެއް ޚިޔާލެއްނެތިއެވެ. ނަމަވެސް އެއުފާވެރިކަން ނިގުޅައިގަނެވުނީ ކުއްލިއަކަށް އެތަނުގައިވާ އަލިފާންގަނޑުތައް ނިވެންފެށުމުންނެވެ. ބާރު ވަޔާއިއެކު ކޮޓެޖްގެ ފުރާޅުވެސް އެއްލާލިހެންހީވިއެވެ. ބިންހެލުމެއް އައިފަދަގޮތަކަށް ބިންގަނޑު ގުޑަންފެށިއެވެ. އަމީރާވަށައިގެން ހޯދައިލަމުން ލޫސިއާންގެ އަތުގައި ހިފާލިއިރު ލޫސިއާންވެސް އަމީރާ ގެނެސް މޭގައި ޖައްސާބާރުކޮށްލަމުން އިސްތަށިގަނޑުގައި ބޮސްދިނެވެ.

"އިޓްސްއޯކޭ ބޭބީ....."ލޫސިއާންއަށް ބުނެވުނެވެ. އެއްވެސް ކަމެއް ރަގަޅުނޫންކަން ޔަގީންވުމާއިއެކު ލޫސިއާންގެ މޫނުމަތިން ފެންނަންހުރީ ތަފާތު އަސަރެކެވެ. ވައި ހައްތަހާބާރުވިއެވެ. އެހަމަލާކަށް ހާމަވެފައިވާ ގަސްތަކަށް ނުކުޅަދާނަވެ ގޮފިތައް ހޫރިގަންނަގޮތަށް ގަހާއި ވަކިވެ އުދުހިފައިދާތަން ފެނުމުން އަމީރާ ބިރުން ދުވެފައިގޮސް ޖާދިންނަގާ އުރައިލިއެވެ. ހުރިހާކަމަކަށްވުރެ އެންމެ މުހިއްމުވީ ދަރިންގެ ސަލާމަތެވެ.

"ލެން. ޖުއާންވެސް އެކަނި...." އަމީރާ ލޫސިއާންގެ އަތަށް ދަމާލަމުން އުޅުނީ ކޮޓެޖާއި ދިމާލަށް ދުއްވައިގަންނާށެވެ.

"އަމީރާ....." އާތިފްގެ ބާރު އަޑުން ސިހުމެއްލިބިފާ އަމީރާ އެނބުރި ބަލައިލިއިރު ތަންކޮޅެއް ދުރުގައި ނުބައިގޮތަކަށް ހެވިފާ ހުރީ އޭނަގެ ބައްޕަ އާތިފުއެވެ.

"ތި ޝައިތާނީ ދަރިއާއި ހިތާވެގެން އުޅޭ ޖިންނިކަލޭގެ ދޫކޮށްލާފައި އަހަރެމެންގެ ކައިރިއަށް ހަމަ މިހާރު އަންނަންވީ. މިއުޅެނީ ތިހުރިހާ އެއްޗެހި ނައްތާލަންވެގެން...." އާތިފު ހުރި ހިސާބުގެ ވަށައިގެން ވަށްބޮޅެއް އަޅާލުމަށްފަހު ކޮންމެވެސް އެއްޗެހިތަކެއް ކުރަހަން ފެށިއެވެ. އޭނަ އެތަނުގައި ރޯކުރި އަލިފާންގަނޑަށް ކިޔަކިޔަވާފައި އެއަޅާ އެއްޗަކުން އެކިދިމާލުން އަލިއަރައިގެން ދާންފެށިއެވެ. ކަންފަތަށް ނުކުޅަދާނަވާފަދަ އަޑުން ހޭރިގަންނައަޑުފަދަ ނުބައި އަޑުތަކުން އުދަގޫވެ އަމީރާ ކަންފަތުގައި އަތްއަޅަން މަސައްކަތްކުރިއެވެ.

"ހެޔޮނުވާނެ ތި މަސައްކަތް ހުއްޓާލާ. ޕްލީޒް ބައްޕާ. އާދޭސްކުރަން. އަހަރެންގެ ހުރިހާވެސް އުފަލަކީ ފިރިމީހާއާއި ކުދިން. ބައްޕަ ތިކުރާ ކަންތައް ހުޓާލަދީ. ހެޔޮނުވާނެ............." އަމީރާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"މޮޔަ އަނގަ ނުތަޅާ. ކަލޭވެސް ދުނިޔެއިން ނައްތާލާނަން..." އާތިފު ރުޅިވެރިކަމާއިއެކު ހަޅޭއްލަވައިގަތެވެ. އޭރު ވަށައިގެން ފެންނަމުންދަނީ ބިރުވެރި ސިފަތަކުން ފުރިފައިވާ އެއްޗެހިތަކެވެ. ބައެއް އެއްޗެހި އަނދައިގެން ދާއިރު އަނެއްބައި އެއްޗެހި ގޮވަމުންދާ މަންޒަރުވެސް ލޯމަތިން ސިފަވާންފެށިއެވެ. ހޭރުމުގެ އަޑުވަކިން ގަދަވިއެވެ. ފައިދަށުން ރެދަން ލާންފެށިއެވެ. ޖާދިންއަށް ކޮންމެވެސް ކަހަލަ އުދަގޫތަކެއްވެގެން އޭނަ ކުޑަކޮށް ރޮމުން އަމީރާގެ ގައިގާ ހިފަން އުޅުނަސް އެހެން ބާރަކުން ދުރަށް ދަމަނީއެވެ. އަމީރާ ކިތަންމެ ވަރަކަށްވެސް ޖާދިންއަށް ގޮވަމުން އެކުއްޖާގެ ފަހަތުން ދާން މަސައްކަތްކުރިއެވެ. ޖާދިންގޮސް ހިފީ ލޫސިއާންގެ ފައިގައެވެ.

"ލެން..ކެއަރފުލް........." އަމީރާ ލޫސިއާންއާއި ދަރިފުޅާއި ދިމާލަށް ދާން މަސައްކަތްކުރިޔަސް ވައިގަދަކަމުން ކޮޅަށް ނުހުރެވިގެން ދެކަކޫމައްޗަށް ތިރިވާންޖެހުނެވެ. ލޫސިއާންވެސް އުޅުނީ އަމީރާއާއި ހަމަޔަށް އައުމަށެވެ. އެދެލޯ ފެންކަޅިވެފައިވިއެވެ. ނަމަވެސް އޭނަގެ ފަހަތުން އައިސް ވަށައިލި ބާރުގަދަ ދެ މާރިދުން އޭނަ ބިންމައްޗަށް ވައްޓައިލިތަން ފެނިފާ އަމީރާގެ ހިތަށް ބިރުވެރިކަންވަދެ ހިތްކުދިކުދިވާވަރުވިއެވެ. އޭނަގެ ލޫސިއާން އެހާ ބަލިކަށިއެއްނުވާނެއެވެ. އެމާރިދުންނަށްވުރެ ހިތްވަރުގަދަވާނެއެވެ. އޭނަގެ ހައްގުގައިވެސް އެމީހުންނާއި ހަގުރާމަކޮށް އެ އެއްޗެހި ބަލިކޮށްލާނެކަން ގައިމެވެ. ނަމަވެސް އާތިފުގެ ކިޔެވެލީގެ އަޑުގަދަވީވަރަކަށް ތަނުގެ ނާމާންކަން އިތުރުވިއެވެ. ބައެއްދިމާލުން އަލިފާން ކަނޑައިގެން ދާއިރު ހިރަފުހުގެ ތޫފާނެއްވެސް އަތުވެއްޖެއެވެ. މުޅި ފަޒާ ހިރަފުހުން ފުރިފައިވާއިރު އަމީރާއަށް ލޮލާއި ދިމާލަށް އަތް ހުރަސްކޮށްލެވުނީ ލޮލަށް ހިރަފުސްއެޅި ދެލޯ ހުޅުވައިލެވޭވަރު ނުވުމުންނެވެ. އަމީރާ ބަލަބަލާހުއްޓާ ލޫސިއާންމެން ތިބި ދިމާލުގައި އަލިފާން ރޯވިއެވެ.

"ނޫން ނޫން ލެން..ކޮންމެވެސް މީހަކު އެހީވެދީބަލަ..ސޭވް ހިމް ޕްލީޒް..........." އަމީރާ ކަރުފަޅައިގެންދާހާ ބާރަށް ލޫސިއާންގެ ނަމުން އެތައް ފަހަރުގޮވިއެވެ. ދަރިފުޅަށް ގޮވިއެވެ. ނަމަވެސް އެތަނުގައި ރޯވެގަތް އަލިފާންގަނޑުގެ ބޮޑުކަން އެދޭތެރޭގައި ފާރެއްލައިފިއެވެ. މިހުރީޒް އާއި އެލްސާވެސް އަލިފާންގަނޑުގެ ތެރެއަށް ގެއްލިގެންދިޔައީ އަމީރާގެ ލޮލުގެ ކުރިމަތީގައެވެ. އަމީރާގެ ރުއިމުގެ އަޑުކިތަންމެ ގަދަވިޔަސް އެހިސާބުގައި ލަވާ ހަޅޭކުގެ އަޑުތެރެއަށް ގެނބިގެން ދިޔައީއެވެ. އެހުރިހާކަމެއް ނިމި ތަނެއް ހަމަހިމޭންކަން ވެރިވެގަތްއިރު ޖިންނީންގެ އެއްވެސް އަސަރެއް ނިޝާނެއް ފާޅުވާކަށްނެތެވެ. ލޯމައްޗަށް ސިފަވެގެން ދިޔަ ވަރުގަދަ ތޫފާނުގެ އެއްވެސް ކަމެއްފެންނާކަށްނެތެވެ. ވެއްޓިފައިވާ ގަހުގެ ގޮފިކޮޅެއްވެސް ނެތެވެ. ފެންނަން ހުރީ ކޮޓެޖްގައި އެރޭ ބާބެކިއުހަދަން ރޯކުރި އަލިފާންގަނޑުތައް ނިވިފައިވާތަނެވެ. އެތަންމިތަނަށް އުކިފައި ހުރި ކުކުޅުފަޔާއި ސޮސެޖްތަކެވެ. ކާންގެންގުޅުނު ސާމާނެވެ. ސުފުރާއެވެ. އަމީރާ އެތާހުރި ގަހެއްގެ އެހީގައި ގަނޑުވެ ހަރަކާތްކެނޑިފައިވާ ދެފައި ކޮޅަށް ނެގިއިރު ނަބީލާވެސް ދާދިކައިރީގައި ހުއްޓުނެވެ. ރަފައެލް އޭނަގެ މަންމަގެނެސް މޭގައި ޖައްސައިލިއިރު ނަބީލާ ނަބީލާގެ ފިރިމީހާއާއި ދެކުދިންނާއި މާމަދަރިފުޅުވެސް އޭނަގެ ލޮލުގެ ކުރިމަތީގައި އަނދައިގެންގޮސްފައިވާއިރު ދެން ދުނިޔޭގައި އުޅުމުގެ މާނައެއް އެބައޮތްހެއްޔެވެ؟ އެހިތާމަ އުފުލާނެ ވަރެއް އޭނަގެ ސިކުނޑިއަކުނެތެވެ. ލޮލުން ކަރުނަތިއްކެއް ވައްޓާނުލިކަމުގައި ވިޔަސް އޭނަގެ ސިކުނޑި ގަނޑުވެ ހަލާކުވެއްޖެއެވެ. އެއްޗެއް ވިސްނާނެ ހަކަތައެއްވެސް އެ ސިކުނޑިއަކުނެތެވެ.

"ދަރިފުޅާ. ވަރަށް ދެރަކޮށް މިވީ. މާމައަށް ހުރިހާކަމެއް ފެނިއްޖެ. ހިނގާގެއަށް ދާން. ބަނޑުގައި މިވާ ދަރިފުޅު އަދި ޖުއާންގެ ހައްގުގައި ހިތްވަރުކުރަންޖެހޭނެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކު. މާމަ މިހެން ބުންޏަސް ފިރިމީހާ ވަކިވުމުން ވާނެ ދެރައާއި ހިތަށްކުރާނެ ބާރު އެންމެ ބޮޑަށް އެނގޭ އެކަކީ މާމަ. މާމަގެވެސް ދަރިން އެ ވަކިވީ. އިންސާނުން ނޫޅެންޖެހޭގޮތަށް އުޅުމުން މި އާއިލާއަށް މިފަދަ ބޮޑު ހިތާމައަކާއި މުސީބާތެއްލައިގަތީ. މާތް ﷲ އިންސާނުން އުފައްދަވާފައި އެމީހުންނަށް އަންގަވާފައި އޮތީ އަޅުކަންކުރަން. އެފަރާތަށް ކިޔަމަންތެރިވާން. އެކަމަކު އަޅުތަކުންނަށް އެތައް ނަސީބަކާއި ރަހުމެއް ލައްވާފައިވާއިރުވެސް އެމީހުންނަށް ރަގަޅަށް އުޅެވޭކަމަކަށްނުވި. ސިހުރާއި ކަހީންކަންވަނީ ހަރާމްވެފައި. އަދި ޖިންނިންނާއި ގުޅިގެން އުޅުންވެސް ހުއްދައެއްނޫން. ނަމަވެސް އިންސާނުން އެކަންތަކަށް ތަބާނުވެ އަމިއްލަ ހަވާނަފުސަށް ހެއްލުނީ. އެހެންވެ މާމަގެ އާއިލާ އެކީގައިހެން ނެތިގެން މިދިޔައީ. ނަމަވެސް އިރާދަކުރެއްވީތީ މާމަދަރިން ވަކިވެދިޔަޔަސް ނިޝާންތަކެއް ދޫކޮށްފައި ދިޔައީ. ތީ ރަގަޅު އަންހެންކުއްޖެއް. އަމާނާތްތެރިކަމާއިއެކު ކުދިން ބަލާތި. ދީނީ ރަގަޅުކުދިންނަށް ހަދާތި........." މާމަގެ ފެންކަޅިވެފައިވާ ދެލޮލުންވެސް އެތައް އަސަރުތަކެއްފާޅުވާން ހުއްޓެވެ.

މިއީ ހުވަފެނަކަށް ވާނެނަމައެވެ. އޭނައަށް ހޭލެވޭއިރު ލޫސިއާންއާއި ދަރިފުޅު ފެންނަން ހުންނާނެނަމައެވެ. އަމީރާ ކަރުނުން ފުރިފައިވާ ދެލޮލުން މާމައަށް ބަލާލުމަށްފަހު އެއަތުގައި ހިފައިގެން ކުރިއަށް ފިޔަވަޅެއްއެޅިއެވެ. އެނބުރި ބަލައިލިއެވެ. އޭރު އުޑުމަތީގައި ވިލާތައް ބޯވެ ތަރިތައްވެސް ފޮރުވާލައިފިއެވެ. ކޮޓެޖްގައި ދިއްލާލާފައިވާ ބޮކިތަކުގެ އަލި ކުޑަދޮރުތަކުން ފޭދިގެންގޮސް އެހިސާބަށް އަލިކަން ފޯރުކޮށްދީފައިވާތީ މާމައަށްވެސް ހިނގާކަށް އުދަގުލެއްނޫނެވެ.

ކޮޓެޖަށް ވަންއިރު ޖުއާން ބާރުބާރަށް ރޯއަޑުއިވިގެން އަމީރާ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ދޮރު ހުޅުވައިލިއިރު އެނދުގައި ޖުއާން ދެލޯ ކަރުނުން ފުރުވާލައިގެން މައުސޫމްގޮތަކަށް ބަލަންއޮތެވެ. ޖާދިން ފެންނާކަށްނެތެވެ. އަމީރާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ޖުއާން މެޔާއި ލާ ބޮނޑިކޮށްލުމާއިއެކު ދެލޯ މަރާ ތަގުޅިކޮށްލެވިއްޖެއެވެ. އޭނައަށް އެފެނުނީ ހުވަފެނެއްނޫނެވެ. ހަގީގަތެކެވެ. އާތިފު އެގޭގައި އުޅުނު ޖިންނި އާއިލާ އެކީގައި ނައްތާލީއެވެ. އެކަނި މިހުރީޒްގެ އާއިލާއެއްނޫނެވެ. އެގޭގައި އުޅުނު އެތައް ޚާދިމުންނަކާއި އެހިސާބުގައިވިހާ ޖިންނިންނެއް އެއްކޮށް ފައްސާލައިފިއެވެ. ކޮޓެޖް އެއްކޮށް ފަޅުކޮށްލާފައެވެ. ޖުއާން ކިހިލީގައި ޖަހައިގެން އަމީރާ ނުކުތެވެ. އެގޭތެރޭގައި ކުރިން ފެނުނު ހިޔަނިތަކާއި އަޑުތައް ކެނޑި ގެއަށް ވެރިވެފައިވަނީ ބުނަންނޭގޭފަދަ ހިމޭންކަމެކެވެ. އެންމެ ކުޑަވެގެން ގޭގައި ގެންގުޅުނު ކޮކަޓޫއަށްވެސް ވީނުވީއެއް ނޭގި ކަރު އަނބުރާލާފައި އެއްލާލާފައި އޮތީ މޫދުކައިރީގައެވެ. ގެއިން ހުރިހާ ޖިންނިންތައް ދުރުކޮށްލިޔަސް އެންމެ ރަގަޅެވެ. ނަމަވެސް އަމީރާގެ އެންމެ ލޯބިވާ ފަރާތްތައް ނުލާ އޭނަ ދުނިޔޭގައި އުޅޭނީ ކިހިނެއްހެއްޔެވެ. ލޫސިއާން ކޮންމެފަދަ މީހަކަށް ވީނަމަވެސް އޭނައަށް ލޯތްބާއި އަޅާލުން ދިނެވެ. އެއްޗެއްގެ އަގު އެންމެ ރަގަޅަށް ވަޒަންކުރެވޭނީ ވަކިވެދިޔުމުންނެވެ. ލޫސިއާންއާއިއެކު އަމީރާ ބިނާކުރިހާ ހުވަފެންތަކާއި މުސްތަގުބަލަށްޓަކާ ކުރި އުއްމީދުތައް ވީރާނާވެއްޖެއެވެ.

"މަގޭ ލޫސިއާން. އެންމެފަހަރަކުވެސް ފެންނާނެނަމަ. އެންމެ ފަހުފަހަރަށް ތިޔަ ރީތި އަޑުއަހާލެވޭނެނަމަ. އެންމެފަހަރަކު ލޯބިވެޔޭ ބުނެލާނެނަމަ. ވަދާއުގެ ސަލާމްވެސް ކޮށްނުލާ ތިގޮތަށް ވަކިވެދިޔައިރު ދެރަވާނެވަރު ލެންއަކަށް އިހުސާސެއްނުވި. އަހަރެންވެސް ގެންދިޔަނަމަ. ލެންއާއި ނުލާ ދުނިޔޭގައި އުޅޭނެ ގޮތެއް ވިސްނުމަކަށްނާދޭ. މިއީ ކޮންފަދަ ބޮޑު އިމްތިހާނެއް. މިހާ ބަދުނަސީބު މީހަކު މިއޮތް ބޮޑު ކައުނުގައިވާނެ ކަމެއްވެސް ނޭގޭ......" އަމީރާގެ ސިކުނޑިއަށް އެތައް އެއްޗެއް އަރާފޭބިއެވެ.

އެރޭ ރޮއިރޮއިފާ އެފަހުން އަމީރާގެ ލޮލުން ކަރުނަ އެއްކޮށް ހުސްވީކަހަލައެވެ. އެފަހުން ލޮލުން ކަރުނަތިއްކެއް ނާދެއެވެ. ނަމަވެސް ހިތާމައިގެ ސަބަބުން އޭނަ މަރުވެދާނެފަދައެވެ. ކަރުނައާއިއެކު ސްޓްރެސް ހޯމޯންތައް ބޭރުވެ ނަފްސާނީގޮތުން ސާފުކޮށްދޭ އެއްޗެއްކަން ގައިމެވެ. ރުއިމަކީ ރަގަޅުކަމެއްކަމަށް ނަފްސާނީ މާހިރުން ލަފާދެއްވާ ސަބަބަކީ އެއީއެވެ. ނަމަވެސް އަމީރާއަށް އެރޭގެ ފަހުން ކަރުނަވެސް ބީރައްޓެހި އެއްޗަކަށްވެއްޖެއެވެ. ސްޓްރެސް ހޯމޯންތައް ފުނިޖެހެމުންގޮސް އޭނަގެ ހަށިގަނޑާއި ނުކުޅަދާނަވާވަރުވިއެވެ. އަމީރާ އެހާލުގައިވާތަން ފެނުމުން އެންމެ އަސަރުކުރާ މީހަކީ ރަފައެލްއެވެ. ނަމަވެސް އެހީވާން އެއްޗެކޭ ބުނާނެ ހިތްވަރެއް އޭނަގެވެސް ނެތެވެ. އޭނަ އުޅެންޖެހިފައިވަނީ ނަފްސާނީގޮތުން ބަލިކަށިވެފައިވާ މަންމައާއިގެންނެވެ. މަންމައާއި އެތައް އިރެއްވާންދެން ވާހަކަދައްކާން އިނުމުން ކޮންމެވެސް ވަރަކަށް މަންމަ ހަޔަކަށް އެޅި މޫޑު ރަގަޅުވެފައި އިނދެއެވެ. ނަމަވެސް ފިރިމީހާއާއި ތިންދަރިންގެ ވަކިވުން މަންމައަށް ވަރަށް ބޮޑަށް އަސަރުކުރުވާފައިވިއެވެ.

އަމީރާ އެތައް އިރެއްވާންދެން ބާބެކިއު ހަދާތަނުގައި އޮންނަ ރުއްގަނޑުގެ މަތީގައި ލޫސިއާންގެ ހަދާނުގައި އިނެވެ. ލޫސިއާން އެތަނުގައި ރޭގަނޑު ދަންވަރު އިންރޭތަކުން ފެށިގެން އޭނަގެ ވަކިވެދިޔުމާއި ހަމަޔަށް ތަފާތު ދުވަސްތައް ފިލްމެއްގެ މަންޒަރުފަދައިން ނިއުޅުނެވެ. ކޮންމެ ދުވަހަކުހެން އެ ހަނދާންތައް އޭނަ އާކުރިއެވެ. ކެއުމެއް ބުއިމެއް ނެތްތާ މީހަކާއި އަނގައިން ބުނާހިތެއްވެސް އަމީރާނުވިއެވެ. އެހެން އިންނައިރު ހިތުން އާތިފުއަށް ބަދު ދުޢާކުރެވުނު އަދަދެއްނޭގެއެވެ. އާތިފު އޭނަގެ ދުނިޔެ ބަރުބާދުކޮށްފިއެވެ. އެފަދަ މީހަކަށް އޭނަގެ ހިތް ހެޔޮވާނީ ކިހިނެއްހެއްޔެވެ؟ އަބަދަށްޓަކާއ އެހިތުގައިވަނީ ނަފްރަތާއި ރުޅިވެރިކަމެވެ. ބަދު ދުޢާއެވެ.

ސިހުރުވެރިންގެ ނިމުން އަންނާނީ އެންމެ ނުބައިކޮށެވެ. ޝައިތާނާ އޭނަ ބޭނުންވާކަންތައް ކޮށްދީ ނިމުމަށްފަހު ވޭންދެނިވި ބިރުވެރިގޮތަކަށް މަރާލާނެއެވެ. އާތިފުގެ މަރުވެސް އައީ އެހާ އުދަގޫގޮތަކަށެވެ. ހެދި ސިހުރެއް ގަޔަށް އެޅިގެން ވަރަށް ވޭނުގައި އުޅެމުން ހަޅޭއްލަވާ ހަދާއިރުވެސް އަވަށްޓެރިންނަށްވެސް އޭނައާއި ކައިރިވާކަށް ނުކެރެއެވެ. އޭނަ ސިހުރަށް ކުޅަދާނަކަމަށް އަޑު ފެތުރިފައިވާތީ ގިނަ މީހުން ބިރުގަތީއެވެ. ރޮޒާލިއާއި ދިމާލަށްވެސް ހަޅޭއްލަވާވަރުންނާއި އުޅޭތަން ހަޑިކަމުން އޭނަވެސް އާތިފުދެކެ ފޫހިވެއްޖެއެވެ. ގިނަފަހަރު އާޒް ގޮވައިގެންގޮސް އޭނަ އުޅެނީ ސަކީނާމެންގޭ ދޮށުގައެވެ. އަނގަ ފާރުވެފައި ހުރުމުން އާތިފުއަށް ނުވެސްކެވެއެވެ. އަމިއްލައަށް ބޭސްހަދައިގެން ހަލާކުވެފައިވާ ތަންތަނުގައި ބޭސް ހާކާލައިގެން މޫދަށްދަނީ ލޮނަކީވެސް ފަރުވާއެއްކަން އޭނަ ދަންނާތީއެވެ. ތަންކޮޅެއް ވައިބާރު ދުވަހެއްގައި މޫދަށް އެރި އުޅެނިކޮށް އޮޅާއި ދިމާލަށް ދަމައިގަތްގޮތަށް ކަޅުވެމެއް އޭނަގެ ފައިގާ ދަތްއެޅިއެވެ. ހުކުރުގަޑިކަމުން އެހިސާބުގައި އެއްވެސް މީހަކު ނޫޅެއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން މަރު ހިޔަނިވެ ހިތަށް ބިރުވެރިކަން ވަނެވެ. އެހީތެރިވާނެ އެއްވެސް މީހަކުނެތްކަން އެނގުމުން ރޫރޫއަޅަންފެށިއެވެ. އެވަގުތުވެސް އޭނަ ގޮވީ ޝައިތާނާގެ މަދަދަށް އެދިއެވެ.

އާތިފުގެ މަރުވެފައިވާ ހަށިގަނޑު އެއްގަމަށް ލެއްގިއިރު އޭނަގެ ދެލޮލާއި އެތަން މިތަން ކާލާފައި އޮތުމުން ބިރުވެރި ސިފައެއްޖެހިއެވެ. އާއިލާގެ މީހުންނަށްވެސް އޭނަގެ މޫނު ބަލަން އަންނާކަށް ނުކެރުނެވެ. އަވަސްއަވަހަށް ކަށުކަމާކެމީގެ ކަންތައްކޮށްފައި އާތިފުގެ ހަށިގަނޑު ވަޅުލައިފިއެވެ. ވިސްނާބަޔަކަށް އިބުރަތަކަށްވާނެކަން ޔަގީނެވެ. ރޮޒާލިއާ އެދުވަސްކޮޅު އެހެން މީހަކާއި އިނދެގެން ލަންކާއަށް ފުރިއެވެ. އާޒްވެސް ނުބެލޭނެކަމަށް ބުނުމުން ހެނާ އާޒްގެ ބެލެނިވެރިއަކަށްވިއެވެ.

ޒޯހަން މާސްޓާރސް ހަދަން ޔުނިވާސިޓީއަކުން ފުރުސަތު ލިބުނުއިރު ހެނާއަށްވެސް ކިޔަވާނެ ފުރުސަތު ލިބުނެވެ. ކޮޓެޖްގެ ހާދިސާގެ ސަބަބުން ނަބީލާއާއި އަމީރާއަށް ނަފްސާނީގޮތުން ކުރިމަތިވެފައިވާ މައްސަލަތައް އެންމެ އަވަހަށް ރަގަޅުވާނީ މާހައުލު ބަދަލުކޮށްލުމުން ކަމުގާ ރަފައެލްއަށްވެސް ވިސްނުނެވެ. އަމީރާއާއި ހެނާ އެކީގައި އުޅުމުން އަމީރާއަށްވެސް މާރަގަޅުވާނެކަމުގައި ދެކުނެވެ. އޭނަވެސް ކޮޓެޖަށް އަލްވިދާޢު ކިޔަން ނިންމީ ކޮޓެޖްގައިވާ ހިތި ހަދާންތަކަށް ފިލުމަށެވެ. މަންމަމެންނަށް އާ ހަޔާތެއް ހޯދަދިނުމުގެ ނިޔަތުގައެވެ. އާއިލާ އެންމެން ގޮވައިގެން ޒޯހަންމެންނާއިއެކު ފުރިއިރު އޭނަގެ ވަޒީފާވެސްވަނީ ރަގަޅު ނަފްސާނީ ހޮސްޕިޓަލަކުން ހަމަޖެހިފައެވެ.

ތިން އަހަރު ފަސް

ޚަރީފުމޫސުމްގެ ހިތްގައިމުކަމާއި އެކުގައިވެސް ފިނިގަދަކަމުގެ އިންތިހާއެވެ. އެގޭގެ މެދުގޯތީގައި ހުރި ޚަރީފުގަސްތަކުން ފައިބަމުންދިޔަ އޮރެންޖް ރަތް އަދި ރީދޫފަދަ ފަތްތަކުގައި ވާދައިގެ ރޫހެއް އުފެދިފައިވާފަދައެވެ. ޒޯހަންއާއި ހެނާ ސްވެޓަރުލައިގެންގޮސް ރަތްކުލައިގެ މަތިނެތް ކާރަކަށް އަރައިގެން ޔުނިވާސިޓީއަށް ދާން ނައްޓައިލީ އެތާތިބި ކުދިންކޮޅާއި ތޮޅެލާފައެވެ. އާޒް ޖުއާން އަދި ލޫސީ ފަތްތަކުގެ ތެރޭގައި ކުޅޭ މަންޒަރު ބަލަންހުރިއިރު މަސްހުނި ޖަޒުބާތްތަކުން ރަފައެލްގެ ރީތި ދެލޯ ފެންކަޅިވީއިރުވެސް ހިނިތުންވެލިއެވެ. އޭނަގެ އަތުގައި ދުންއަރައަރާ ހުރި ކޮފީތަށި ހިހޫވުމުގެ ކުރިން ބޯލާހިތްވިއެވެ. އަމީރާގެ ކުޑަދަރިފުޅު ލޫސީ ފެނުމުން ރަފައެލްއަށް ތަފާތު އަސަރުތަކެއްކުރެއެވެ. އެކުއްޖާ އެކޭ އޭނަގެ ކުޑައިރުގެ ކާބަންކޮފީއެކޭ ތަފާތެއްނެތެވެ. ދެލޮލާއި އިސްތަށިގަނޑު އަދި ތުންފަތެވެ. ހީލާގޮތެވެ. އޭނަގެ ފޮޓޯއެއް ފެނިއްޖެއްޔާ ލޫސީބާވައޭވެސް ހިތަށް އަރާފާނެއެވެ. އެހާ ވައްތަރުވީ ކީއްވެހެއްޔެވެ؟ އެކުއްޖާގެ ބޮޑުބޭބެއަށްވީމަ ބާވައެވެ. ނޫނީ ރަފައެލްގެ ހިތުން އަމީރާގެ ލޯބި ފަނޑުވުމެއްނެތި ވާތީ ތަގުދީރުން އެކުއްޖާ ރަފައެލްއާއި ވައްތަރުވީބާވައެވެ. ވިސްނިވަރަކަށް ރަފައެލްގެ ހިތަށް ދަތިކުރުވައެވެ. މޭގައި ރިހެއެވެ. އަމިއްލަ ދަރިއެއްފަދައިން ލޫސީއަށް ބެލެވެނީވެސް އޭނަ އަމީރާދެކެ ވާ ލޯބީގެ ސަބަބުންކަމަށް ވެދާނެއެވެ.

ސަކަރާތްޖަހާފައި ވަރުބަލިވުމުން ގޭމް ކުޅެން އަންނާށޭ ބުނެފާ ރަފައެލް ލޫސީ އުރައިލިއެވެ. ލޫސީވެސް ރަފައެލްއަށް ޚާއްސަގޮތެއް ބަހައްޓައެވެ. ރަފައެލްގެ ކޮއްކޮ ލޫސިއާންގެ ދަރިފުޅު ލޫސީއަށްވުމުން އެންމެންވެސް އެދޭތެރޭގައި އެއޮންނަ ގުޅުމާއި ދޭތެރޭގައި އެހެން ގޮތަކަށް ނުދެކެއެވެ.

ރަފައެލް އެތެރެއަށް ވަންއިރު މާމައާއި ނަބީލާ އަދި ޒޭބް ސިޓިންރޫމްގައި އަނގަތަޅާލަން ތިއްބެވެ. ހީޓަރުޖައްސާލާފައި ހުރިއިރުވެސް ފިނިވާތީ މަންމަމެން ޝަކުވާކޮށްލިއެވެ.

"އަމީރާގެ ހާލު ބަލައިލަން ދަރިފުޅު ދާންވީނު، ނުވެސް ކައި ބޮޑާހާކައިގެން އެބައިން. ލޫސިއާން އައީމަޔޯ ކާނީ...." ނަބީލާ ހިތާމަވެރި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އޭނައަކީ ހިތްވަރުގަދަ އަންހެނެކެވެ. މުޅި އާއިލާ އެކީގައި ނެތިގެން ދިޔުމުންވެސް ހިތްވަރާއިއެކު ކުރިއަށް ދިޔައީ މިހުރީޒްއަށް އޭނަ ވީ ވައުދާއިއެކު ރަފައެލްގެ މިންނެތް މަސައްކަތުންނެވެ. މާހައުލުގެ ސަބަބުންވެސް އެހަދާންތަކާއި ދުރަށް އާދެވުނެވެ. ނަމަވެސް އަމީރާގެ ހާލުފެނިފާ ނަބީލާގެ ހިތަށް އަސަރުކުރެއެވެ. އެދުވަހު އަމީރާ ލޫސިއާންގެ ނަމުން ގޮވާ ހަޅޭއްލެވި ހަދާންތައް ހިތުގައި ހަރުލާފައިވަނީ ވަރުގަދަޔަށެވެ. މަޖުނޫނު ލައިލާއަށް ގޮވަމުން ޔަމަންގެ ޖަންގަލީގައި ދީވާނާވެގެން އުޅުނު ޒަމާނެއްއައެވެ. ބައެއްމީހުން ބުނާގޮތުން ޔަމަންގައި ޖެހޭ ވައިރޯޅިތަކުގައިވެސް ލައިލާގެ ނަން ހަރުލާފައިވާފަދައެވެ. އެގޮތަށް ނަބީލާއަށްވެސްވިއެވެ. އެދުވަސްކޮޅު ކޮޓެޖް ހިސާބުގައި ޖެހޭވައިގާވެސް "ލެން" އެނަން ކިޔާކަހަލައެވެ. އެހެންވެ ދުރަށް އާދެވުމަކީ އެ ހަނދާންތަކާއި ވަކިވާން އެޅުނު މުހިއްމު ފިޔަވަޅެކެވެ. ޒޭބްގެ ސަބަބުން އެއާއިލާއަށްވަނީ ދީނީ އަސަރުތައްވެސް ކޮށް ދީނާއި އަޅުކަމާއި ގާތްވެފައިވާ ބަޔަކަށްވެފައެވެ.

ރަފައެލް މަޑުމަޑުންގޮސް އަމީރާގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އަމީރާ އެކަނިމާއެކަނި ވާހަކަތަކެއް ދައްކާފައި ހޭން އިނެވެ. އަނެއްފަރާތަށް އެނބުރިގެން އިނދެ އޭނަ ކުރަނީ ކޮން މަސައްތަކެއްކަން ރަފައެލްއަށް ވިސްނުނެވެ. ލޫސިއާންއާއި ޖާދިންގެ ސްކެޗް ނޫނީ ތަސްވީރު ކުރަހާފައި އަމީރާ ވާހަކަދައްކައެވެ. އެހިތަށް އުފާވެރިކަން ލިބޭފަދައެވެ. ރަފައެލްގެ ފަރުވާތަކުން މިހާރު އަމީރާވަނީ ފުދޭވަރަކަށް ރަގަޅުވާން ފަށާފައެވެ. އެންމެ ރަގަޅުވީ އޭނަ ސައިކޯތެރަޕީ ދޭންފެށީމައެވެ. އަމީރާއާއި ދިމާވި އެތައް ކަންތައްތަކަށްފަހު ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށްވުމަކީ ނުވެ ނުދާނެކަމަކެވެ. ކިތަންމެ ހިތްވަރުގަދަވިޔަސް ބައެއްފަހަރު ސިކުނޑިއަށް ނުކުޅަދާނަވެދާނެއެވެ.

"ރަފޭލް. ވެއަރސް ޔޯ ޑޯޓަރ ލޫސީ...." އަމީރާ ސީރިޔަސް ނަޒަރަކުން ބަލާލާފައި އެހުމުން ރަފައެލް ސިހޭގޮތްވިއެވެ. ނަމަވެސް އޭނަ ހަމަޖެހިލަމުން ފިނިވެފައިވާ ދެއަތްތިލަ ޖީބަށްޖެހިއެވެ. އަމީރާ މޮޔަކަމުން އެފަދަ ވާހަކައެއް ދައްކައިގެން މަންމަމެންނަށް އަޑުއިވިއްޖެއްޔާ އޭނަގެ ނަންވެސް ބަދުނާމުވެދާނެއެވެ. ނަމަވެސް އެއީ އޭނަ އަބަދުވެސް ޝައްކުކުރާކަމެކެވެ. ރަފައެލް އެސުވާލަށް ޖަވާބުނުދީ އެހެން މައުޟޫއަކަށް ގެންދަން އުޅުމުން އަމީރާ އެއްބުމަ އަރުވައިލިއެވެ.

"އަހަންނަށް އެނގޭ. ޖަސްޓް ހިތަށް އެރީ ޔޫ ޝުޑް ނޯ އޭ. އެހެން މީހެއްގެ ކައިރީގައި ކިޔާހާ މޮޔައެއްނޫން. ޚާއްސަކޮށް ޒޭބްފަދަ ރަގަޅުކުއްޖެއްގެ ހިތް ހަލާކުކޮށްލާކަށް ނުކެރޭނެ. ލެންގެ ހަނދާނަކަށް އެނަން ދިނަސް ޝީޒް ޔޯ ފްލެޝް އެންޑް ބްލަޑް ޑޮކްޓަރ ރަފައެލް. އެނީވޭސް މޫސުމް ކިހާ ރީތި. ބޭރަށް ދެވިދާނެތަ؟ ހިގާލަން ދެވޭނެތަ؟ ލެންވެސް ބޭނުމެއްނުވާނެ ދޯ އަބަދަށް ހިތާމައިގާ އުޅޭކަށް. މިހާރު ބޭނުމީ ޖާނަލިޒަމްއިން ޑިގްރީހަދަން. ލެން ޕްރައުޑްވާނީ އޭރުން......." އަމީރާ ރަފައެލްއާއި ހަތަރުކަޅި ހަމަކޮށްލާފައި ކޮޓަރިން ނުކުމެގެން ދާން ހިގައިގަތެވެ. އެއީ ރަފައެލްގެ ހިތަށް ލިބުނު ހަމަޖެހުމެއްނަމަވެސް އޭނަ ހުރީ ހަމަ ޝޮކެއްގައެވެ. އަމީރާ އެދެއްކިވާހަކައާއި ގުޅިގެން ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނައަކީ ޑޮކްޓަރަކަށްވާހިދު އޭނައަށް ދާދި ފަސޭހައިން ޑީއެންއޭ ޓެސްޓްވެސް ހެދިދާނެއެވެ. ނަމަވެސް ބައެއްކަންތައްތަކަކީ އެނގުމަށްވުރެ ނޭގުމުން މަސްލަހަތު ހިފެހެއްޓޭނެ ކަންތައްތަކެވެ. މިގޮތަށް އެއްއާއިލާއެއްގެ ގޮތުގައި އިހަށް އެންމެން ދިރިއުޅުނަދޭށެވެ. "ކޮޓެޖް" ވާހަކަ ބްލޮކްބަސްޓާއެއްގެ ގޮތުގައި ވިކެމުންދާއިރު އެމީހުން މަސައްކަތްކުރަނީ ކޮޓެޖްގެ ހަދާންތަކުން އެއްފަރާތްވެލާ އުއްމީދާއިއެކު ކުރިއަށް ފިޔަވަޅު އެޅުމަށެވެ. އެކަން މިއަދު މިއޮތީ ހާސިލުވެފައެވެ. ޖެހިގެން އައި ދުވަހު އެންމެން އެކީގައި ކައިގެން ވާހަކަދައްކަން ތިބިއިރު ރަފައެލްއާއި އަމީރާ ސިއްރުވެރި ހިނިތުންވުމެއް ބަދަލުކުރިއެވެ. އޭރު ލޫސީއިނީ ރަފައެލްގެ އުނގުގައި ނިދިފައެވެ. އެދެބަފައިން ތިބިލެއް ރީތިކަމުން އަމީރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ލޫސިއާންގެ މަތިން ހަދާންވުމުން އަސަރުކުރިއެވެ. ނަމަވެސް ވަގުތުން ކަރުނަ ފޮހެލާފައި ހިނިތުންވެލުމަށްފަހު އޭނަ ގޮސް ފްރެންޗް ދޮރުތަކުގައިވާ ފަރުދާތައް ކަހާލުމުން ބޭރުގެ މަންޒަރުތައް އޮތީ ހާމަޔަށެވެ. އުއްމީދުތައް އާވާފަދަ މާހައުލެކެވެ. އަމީރާ ހެއްދެވި ފަރާތަށް ޝުކުރުވެރިވުމަށްފަހު ފެންޑާއަށް ނުކުމެ ދުނިޔެއަށް މަރުހަބާކިޔަމުން ހެނާގެ ގައިގާ ބައްދައިލިއެވެ.

"ކޮންގްރާ ސިސް. ކޮޓެޖް އެހާ ޕޮޕިއުލާވީމަ. އޭގެ ސީރީޒްއެއް ކޮންމެހެން ވެސް ލިޔަންވާނެ. އެންޑް އަދި އެއް ސިއްރު. އައިމް ޕްރެގްނެންޓް......"ހެނާގެ އެޖުމްލައާއިއެކު ދެކުދިން ހީގަނެފައި އޮޅުލައިގަތެވެ. ކިތަންމެ ބޮޑު ހިތާމައެއްކުރިވިޔަސް ތޫފާން ފަދައިން ކޮންމެވެސް އިރެއްގައި ކޮޅިގަނޑު ކެހި އަލިވެގެންދާގޮތަށް އުފާވެރިކަންވެސް އަންނާނެއެވެ. ދުނިޔެއަށް ނޭވާލަންޏާ އެދެ އިހުސާސްތައް އެކުއެކީގައި ކަހަލަގޮތަކަށް ހަޔާތުގައި ކުރިމަތިވާނެއެވެ. އެންމެނަށްވެސް އުފާވެރިކަމާއިއެކު އަނެއްކާ ދިރިއުޅުމާއިގެން ކުރިއަށްދާނެ ހިތްވަރު ލިބި ކުރިއަށް ދަތުރުފެށިއެވެ.

ނިމުނީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު