ފުވައްމުލައް ކައިރީއޮތް ސަފާރީއަކުން ފީނާން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

އެމްއެންޑީއެފްގެ ފާސްޓް އިންޓަސެޕްޝަން ކްރާފްޓް ވެލާނާ: ފުވައްމުލައް ސިޓީ ކައިރިއަށް ފީނަން ދިޔަ ފަތުރުވެރިޔަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި މި އުޅަނދު ދަނީ ހަރަކާތްތެރިވަމުން -- ސަން ފައިލް ފޮޓޯ

ފުވައްމުލައް ސިޓީގެ ބޭރުގައި އޮންނަ ފުވައްމުލަކު ތިލަ ނަމަކަށްކިޔާ ޑައިވިންގ ޕޮއިންޓްގައި އޮތް ސަފާރީއަކުން ފީނާން ބޭފި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ފުވައްމުލައް ސިޓީގެ ދެކުނުން ގާތްގަނޑަކަށް އެއްމޭލު ބޭރުގައި އޮންނަ ފުވައްމުލަކު ތިލަ ޑައިވިންގ ޕޮއިންޓްގައި އޮތް ސަފާރީއަކުން 20 މީހުންނާއެކު ފީނާން ފޭބި، 45 އަހަރުގެ ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

އެމީހާ މޫދަށް ފައިބައިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 5:10 ހާއިރުކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އަށް ލިބިފައިވަނީ މިރޭ 6:55 ހާއިރު ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއެކު އެމްއެންޑީއެފް ފާސްޓްއިންޓަރސެޕްޓަރ ކްރާފްޓް ވެލާނާ އެ ސަރަޙައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް މެދު ނުކެނޑި ކުރަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަ ފަތުރުވެރިޔާ ފީނާން ފޭބިއިރު ލައިގެން ހުރީ އަޅިކުލައިގެ ރޭސްގާޑް (ޑައިވް ޓީޝާޓް) އެއް ކަމަށާއި އަދި ކަޅުކުލައިގެ މާސްކެއް އަޅާފައިވާއިރު، އޭނާ އަރައިގެން ހުރީ ކަޅުކުލައިގެ ފިންސަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، އެ ފަތުރުވެރިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް